ބެޓްލް އޮފް ބޭންޑްސްގެ ހޯސްޓާއި ފަނޑިޔާރުންނާއެކު، 'ޓޫ އޮފް އަސް'އިން އޮލިމްޕަހުގައި ޝޯއެއް ދެނީ

"ޓޫ އޮފް އަސް"އިން މި މަހުގެ 23 ގައި ބާއްވާ މިއުޒިކް ޝޯއިން ފެންނާނެ ފަންނާނުން--ފޮޓޯ/އިންސްޓަގްރާމް

އިންޑިއާގެ 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް' މުބާރާތުން ލިބުނު ކާމިޔާބީ ފާހަގަކޮށް, ދިވެހީންގެ ފަރާތުން ލިބުނު ލޯތްބާއި ތަރުހީބުގެ އަގު ވަޒަން ކުރުމުގެ ގޮތުން "ޓޫ އޮފް އަސް"އިން ވަރަށް ވަރުގަދަ މިއުޒިކް ޝޯއެއް ބާއްވާނެކަން އިއުލާނުކޮށްފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މިއުޒިކް ޝޯގައި ބޭރުގެ ފަންނާނުން ގިނަ އަދަދަކަށް ފެންނާނެ ކަމަށް "ޓޫ އޮފް އަސް"އިން ވަނީ ބުނެފައެވެ.

މި ޝޯ ވާނީ ސްޓޭޖް މަތިން ބައިނަލްއަގުވާމީ ފަންނާނުންތަކެއް، ދިވެހި ބޭންޑެއް އޯޑިއަންސަށް ތައާރަފު ކޮށްދޭނެ ފުރަތަމަ ޝޯއަށެވެ.

'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'އިން '2 އޮފް އަސް'އަށް ދެވަނަ ރަނަރަޕްގެ އެވޯޑު ލިބުނުއިރު، އެ ކާމިޔާބީ އަކީ ދިވެހިރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.

"ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުން--ފޮޓޯ/އިންސްޓަގްރާމް

އޮލިމްޕަހުގައި ބާއްވާ މިއުޒިކް ޝޯ ހޯސްޓުކޮށްދޭނީ، 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ވެސް ހޯސްޓު ކެޓަން ސިންގްއެވެ. ކެޓަން ސިންގް އަކީ މިއުޒިކް ޝޯތަކުގެ ހޯސްޓެއްގެ އިތުރުން ކޮމެޑީ ޝޯތަކުން ވެސް ފެނިފައިވާ މޫނެކެވެ.

'އިންޑިއާސް ލާފްޓަ ޗެމްޕިއަން'ގައި ވެސް ބައިވެރިވެފައިވާ ކެޓަން ސިންގްއަކީ ޝޯ ހޯސްޓު ކުރުމުގައި އޭނާ ގެންގުޅޭ ހެއްވާ، ސަކަ މިޒާޖުގެ ސަބަބުން އިންޑިއާގެ އިތުރުން ބޭރުގެ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ފަންނާނެކެވެ.

މީގެއިތުރުން މި ޝޯއިން ފެންނާނެ ބޮލީވުޑް އަދި ފިއުޝަން އައިކަންސްގެ ތެރޭގައި ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝްރައްދާ ޕަންޑިތު، ޝުރުތީ ޕަތަކް، ރާޖާ ހަސަން އަދި އިންޑިއާގެ ފިއުޝަން ބޭންޑް ކަމަށްވާ 'ޝިވޮހަމް' ހިމެނެއެވެ.

ޝްރައްދާ ޕަންޑިތުއާއި ރާޖާ ހަސަން އަކީ އިންޑިއާގެ ގައުމީ ޗެނަލް ދޫރުދަރުޝަންއިން ގެނެސްދިން 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ މައި ދެ ފަނޑިޔާރުންނެވެ.

މި ޝޯގެ ސްޓޭޖްމަތިން ފެންނާނެ ދިވެހި ފަންނާނުންގެތެރޭ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް' އަދި މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ މަމްދޫހު ހިމެނެއެވެ.

"ޓޫ އޮފް އަސް"ގެ ބޭންޑު "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ ގްރޭންޑް ފިނާލޭގައި-ފޮޓޯ/އިންސްޓަގްރާމް

ޖުމްލަ ހަތް މެމްބަރުން ހިމެނޭ "ޓޫ އޮފް އަސް"އަކީ އަމިއްލަވަންތަ ގޮތްތަކެއް އެކުލެވޭ ގޮތަށް ދިވެހިވަންތަ ހުށަހެޅުންތަކެއް ބޭރު ދުނިޔޭގެ ސްޓޭޖެއްގައި ދައްކައިދިން ބޭންޑެކެވެ.

ދިވެހީންގެ ފަރާތުން މި ޒުވާނުންނަށް ތައުރީފުގެ ބަސްތައް އޮހެމުން އަންނައިރު މި ޝޯ އަކީ މަސްތަކެއް ވަންދެން އަމިއްލަ ގައުމުން ބޭރުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދިނުމަށްފަހު އެނބުރި ރާއްޖެއަށް އައުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޝޯއެކެވެ.

މި ޝޯގެ ޓިކެޓްތައް ވިއްކުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކަކީ ޖެނެރަލް އެޑްމިޝަން، ފްރޮންޓު ރޯ ޕްރީމިއަމް، ވީއައިޕީއެވެ. ވީއައިޕީ ކެޓަގަރީއިން ޓިކެޓް ގަންނަ ފަރާތްތަކަށް 'ޓޫ އޮފް އަސް ބޭންޑު'ގެ މެމްބަރުންނާ ބައްދަލުކޮށް ސަލާމްކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

އޮލިމްޕަސް ތިއޭޓަރުގެ ޖާގައަކީ 435 ކަމަށްވާއިރު، މި ޝޯ ކުރިއަށްގެންދަން ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެރޭ 8:00އިން ފެށިގެން 12:00އާ ހަމައަށެވެ. މި ޝޯގެ ޓިކެޓް ދޫކުރާނެ ގޮތާ ބެހޭ މައުލޫމާތު "ޓޫ އޮފް އަސް"ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އެ ބޭންޑުގެ ފަރާތުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު