ބޮލީވުޑްގެ ދެ ފިލްމަކުން ފެނިފައިވާ ޕާކިސްތާނު ދެ ބަތަލާއިންގެ ފޮޓޯތައް އެ ފިލްމުގެ އަލްބަމް ކަވަރުތަކުން ނަގާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މި ދެ ފިލްމަކީ 2016 ވަނަ އަހަރު ޕާކިސްތާނު ބަތަލާ މާހިރާ ޚާން މުހިއްމު ރޯލް ކުޅުނު ފިލްމު "ރައީސް" އަދި 2017 ވަނަ އަހަރު ބަތަލާ މާވްރާ ހޮސެއިން ކުޅުނު ފިލްމު "ސަނަމް ތޭރީ ކަސަމް"އެވެ.
މީގެކުރިން ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ވިޝުއަލް ކަވަރުތަކުން އިންޑިއާގެ އެކްޓަރު ހަރްޝްވަރުދަންއާ އެކު ޕާކިސްތާނު ބަތަލާ މާވްރާ ފެންނަން ހުރި ނަމަވެސް މިހާރު ހުރިހާ ކަވަރުތަކުގެ ފޮޓޯތަކުން މާވްރާގެ ފޮޓޯއެއް ފެންނަން ނެތްއިރު ހަމައެކަނި ފެންނަނީ ހަރްޝްވަރުދަން އެކަނި ހުންނަ ފޮޓޯތަކެވެ.
ޕާކިސްތާނު ބަތަލާ މާހިރާ ޚާން އިންޑިއާގެ އެކްޓަރު ޝާހްރުކް ޚާންއާ އެކު މުހިއްމު ރޯލް ކުޅުނު ފިލްމު "ރައީސް"ގެ ވެސް ކަވަރު ފޮޓޯތަކުން މާހިރާ ފެންނަން ނެތްއިރު ދެ ފިލްމުގެ ވެސް ބައެއް މިއުޒިކް އެޕްލިކޭޝަން ތަކުން މި ދެ ބަތަލާއިންގެ ފޮޓޯތައް ވަނީ ނަގައިފައެވެ. އޭގެތެރޭގައި ސްޕޮޓިފައި އަދި ޔޫޓިއުބް މިއުޒިކް ހިމެނެއެވެ.

މާވްރާ އާއި މާހިރާގެ ބޮލީވުޑް ފިލްމުތަކުގެ ޕޯސްޓަރުތައް--ފޮޓޯ/ފިލްމުފެއަ
އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ދެ ޤައުމުގެ ފިލްމީ ތަރިން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ބަތަލާ މާވްރާ ދާދިފަހުން ވަނީ އިންޑިއާގެ އަސްކަރިއްޔާއިން ހިންގި ހަރަކާތް 'އޮޕަރޭޝަން ސިންދޫރު'އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ހަމަލާ ދިނުމަށް ހިންގި މި އޮޕަރޭޝަންއަށް ފާޑުކިޔަމުން މާވްރާ ބުނެފައި ވަނީ އެއީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މާވްރާ އިންޑިއާއާއި ދެކޮޅަށް އަޑު އުފުލުމާ ގުޅިގެން ބޮލީވުޑް އެކްޓަރު ހަރްޝްވަރުދަން ވަނީ ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ކުރީގެ ކާސްޓުން ފިލްމުގައި ހިމެނޭނަމަ އެ ފިލްމުގެ ދެވަނަ ބައިން އޭނާ ވަކިވާނެކަން އިއުލާނުކޮށްފައެވެ. ހަރްޝް ނުސީދާކޮށް އެގޮތަށް ނިންމީ ބަތަލާ މާވްރާ ފިލްމަށް ގެނެސްފާނެ ކަމަށް ނިންމައިގެން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.