އިންތިޚާބަށް 548 ދުވަސް އޮތް ނަމަ ކައުންސިލް ބައި-އިލެކްޝަން ނުބާއްވާ ގޮތަށް އޮތް ބިލު ބަލައިގެންފި

ހޯރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ މޫސާ: އިންތިޚާބަށް 548 ދުވަސް އޮތް ނަމަ ކައުންސިލް ބައި-އިލެކްޝަން ނުބާއްވާ ގޮތަށް އޮތް ބިލު ބަލައިގެންފި -- ފޮޓޯ/ މަޖިލިސް

ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަސް އޮތް ނަމަ، ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ބަލައިގެންފިއެވެ.

މިއަދު ނެގި ވޯޓުގައި އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 58 މެންބަރުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުންނެވެ.

ރިޔާސަތުން ވަނީ އެ ބިލު ދިރާސާކުރުމަށް މަޖިލީހުގެ ލާމަރިކަޒީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

ސަރުކާރު ފަރާތުން, މި އިސްލާހު ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ މޫސާއެވެ.

މި އިސްލާހު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 15، 29، 45 އަދި 56-6 ވަނަ މާއްދާއަށެވެ.

މި އިސްލާހު ހުށަހަޅާ ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ، ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމެވެ. ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހޭކަމަށާއި، އޭގެ ސަބަބުން އެ އިންތިޚާބުތައް ބާއްވަންޖެހޭ ޚަރަދު އިތުރުވާކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

އިސްލާހުގައި ވަނީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ.

މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް އޮތް ނަމަ، ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމު ނޫން ކަމަށެވެ.

https://sun.mv/205956

އެމްޑީޕީގެ މެންބަރުން ވަނީ އެ ބިލާ ދެކޮޅު ހައްދަވައިފައެވެ. ސަރުކާރުން ޚަރަދުކުޑަކުރަން ބުނާ އިރު، ކައުންސިލްތައް ލާމަރުކަޒުކުރަން ނަމުގައި ލޯކަލް ގަވަނަންސް މިނިސްޓްރީއެއް އުފައްދައި އެތައް ސިޔާސީ މުވައްޒަފުންނެއް އެތަނަށް ލައިފައިވާތީ ކަންބޮޑުވުން ފާޅުކުރިއެވެ. ކައުންސިލްތަކާ ނުކުޅެ، ސިޔާސީ މުވަޒަފުން މަދުކޮށް ޚަރަދުކުޑަކުރުމަށް އެމްޑީޕީ މެންބަރުން ވަނީ ގޮވައިލާފައެވެ.

އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވައި، ތިން ކައުންސިލަރުން ތިއްބަސް ކައުންސިލްތަކުގައި ނިންމުންތައް ނިންމޭނެ ކަމަށާއި، މިހާރު ފަސް ކައުންސިލަރުން ތިބޭއިރު އެ ތަނުން ގޮނޑިއެއް ހުސްވާއިރަށް ކޮންމެހެން އިންތިޚާބެއް ބާއްވާކަށް ނުޖެހޭ ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ މިއަދު ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އޮތް ކައުންސިލް ދައުރު ހަމަވާނީ އަންނަ އަހަރުގެ މެއި މަހަށެވެ.

މި އަހަރު ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި 2.15 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ގްރާންޓް ފައިސާގެ ތެރެއިން، މިދިޔަ މަހުގެ 24ގެ ނިޔަލަށް ޚަރަދުކޮށްފައިވަނީ 717 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް