އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފް ސަރަހައްދުގެ ހަތަރު ގައުމަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފިއެވެ.
އެ ދަތުރުފުޅުގައި ޣައްޒާ ހަނގުރާމައާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ސަބަބުން ކުރިމަތިވެފައިވާ ސަލާމަތީ ދަތިތަކުގެ އިތުރުން އިގްތިސާދީ އެއްބަސްވުންތަކަށް ފޯކަސް ކުރައްވާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ޓެސްލާގެ ސީއީއޯ އަދި ޓްރަމްޕްގެ އެޑްވައިޒަރު އީލޮކް މާސްކް ހިމެނޭ ގޮތަށް އެމެރިކާގެ ބާރުގަދަ ވިޔަފާރިވެރިންނާއެކު ޓްރަމްޕް ކުރައްވާ އެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ސައުދީ އަރަބިއާއަށެވެ. އޭގެފަހުން ބުދަ ދުވަހު ވަޑައިގަންނަވާނީ ޤަޠަރަށެވެ. އަދި ބުރާސްފަތި ދުވަހު ޔުނައިނެޓް އެރެބެ އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާއެކު މަޝްވަރާތަކެއް ކުރުމަށް ބުރާސްފަތި ދުވަހު ތުރުކީވިލާތަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ހަފްތާ ބަންދުގައި އެމެރިކާ އާއި އީރާނުން ވަނީ އޮމާންގައި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އެއްބަސްވުމަށް އައުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
ނަމަވެސް އެ ކަންކަމަކީ މިހާރު ތާވަލް ކުރެވިފައިވާ ގޮތަށް ޓްރަމްޕްގެ މެދުއިރުމަތީގެ ދަތުރުފުޅުގެ މައިގަނޑު އަމާޒު ނޫން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ދަތުރުފުޅުގައި އެމެރިކާ، ސައުދީ އަރަބިއްޔާ، ޤަޠަރު އަދި ޔޫއޭއީ އިން ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އެމެރިކާގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ޖެނުއަރީ މަހު ސައުދީން ވަނީ ވައުދުވެފައެވެ.
ޓްރަމްޕް ސައުދީ އަރަބިއްޔާއަށް 100 ބިލިއަންގެ އަގުހުރި ހަތިޔާރު ޕެކޭޖެއް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ސީ-130 ޓްރާންސްޕޯޓް މަތިންދާބޯޓު ހިމެނޭ ގޮތަށް ޒަމާނީ ހަތިޔާރުތަކެއް ހިމެނެއެވެ.
މަސްކްގެ އިތުރުން ބްލެކްރޮކްގެ ސީއީއޯ ލެރީ ފިންކް އާއި ސިޓީގްރޫޕްގެ ސީއީއޯ ޖޭން ފްރޭޒާ ފަދަ ވިޔަފާރިވެރިން މި ދަތުރުގައި ބައިވެރިވާނެއެވެ.