ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، މެންބަރުކަމުގެ ގޮނޑި ގެއްލޭނެކަން ގާނޫނުއަސާސީއަކު ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނަށް އައު މެންބަރަކު އައްޔަންކުރުމާ ގުޅޭގޮތުން މަޖިލިސް ތަޅުމަށް ހުށަހެޅި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ދެެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
މެންބަރު ޒިޔާދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި މިނިވަން ކަމާއެކު މަސައްކަތްތައް ހިނގާކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ހަމައެހެންމެ މަޖިލީހުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއެއް އޮތް ނަމަވެސް، އެ ކޮމިޓީގެ މަސައްކަތްތައް ވެސް މިނިވަންކަމާއެކު ނުހިނގާ ކަމަށް ވިދާޅުވިއެވެ. ސަބަބަކީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު މެންބަރުންގެ ގޮނޑި ގެއްލުމުގެ ބިރު އޮތުން ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) -- ފޮޓޯ/ މަޖިލިސް
ޒިޔާދު ވިދާޅުވީ މީގެ ކުރިން މަޖިލިސް މެންބަރުންނަކީ އަމިއްލަ އިޚުތިޔާރުގައި ކަންކަން ކުރައްވާ ބޭފުޅުން ކަމަށެވެ. ނަމަވެސް މިހާރު ކަން ވަނީ އެއާ ޚިލާފަށް ކަމަށް ވިދާޅުވިއެވެ.
"ހަމަ މި އިއްޒަތްތެރި މަޖިލީހުން ގެނައި ބަދަލަކުން މިއަދު ޕާޓީން ބޭނުންވެއްޖިއްޔާ މެންބަރު [ޕާޓީން ވަކިކުރާނެ] ބިރު އެބަ އޮވޭ. މިނިވަންކަމާއެކު ބަސް ބުނުމުގެ މިނިވަންކަން ނޯންނާތީ،" ޒިޔާދު ވިދާޅުވިއެވެ.
"މިއަދު ޕާޓީން ބޭނުންވެއްޖިއްޔާ އެ މެންބަރެއްގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް މިހާރު، މިހާރު އޮންނާނީ ގާނޫނުއަސާސީ. އެއީ ގާނޫނެއްގެ ސަބަބުން،" ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދުގެ އެ ވާހަކައަށް ރައްދު ދިނުމަށް ޕީއެންސީގެ ގިނަ މެންބަރުން ވަނީ ނިޒާމީ ނުކުތާތަކެއް ވެސް ނަންގަވައިފައެވެ. އަދި އެ މެންބަރުން މަސައްކަތް ކުރައްވަނީ ވަރަށް މިނިވަންކޮށް ކަމަށް ވިދާޅުވިއެވެ.
އެއާއެކު މަޖިލީހުގެ ރިޔާސަތުން ވެސް ވަނީ ޒިޔާދަށް ރައްދު ދެއްވައިފައެވެ.
"އިއްޒަތްތެރި މެންބަރު. ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ކަމަށް ވާހަކައެއް ނެތް ގާނޫނުއަސާސީއަކުއެއް. އަޅުގަނޑު މި ޖެހެނީ ކޮންމެ ފަހަރަކު އެފަދަ ކަންކަން ރަނގަޅު ކޮށްލަދޭން. އެވާހަކަ އެއްވެސް ތަނެއްގައި ލިޔެފަ އެބައޮތްތޯ ގާނޫނުއަސާސީގައި؟" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި -- ފޮޓޯ: މަޖިލިސް
އެމަނިކުފާނު އެފަދައިން ވިދާޅުވި ނަމަވެސް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް، މަޖިލީސް މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައި އެބައޮތެވެ. ގާނޫނުގައި އޮތީ:
- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުން.
- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކާ ގުޅުން.
- މެންބަރަކު އިންތިޚާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށްވެފައި، އެ މެންބަރަކު އިންތިޚާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމުން.
އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރީ މިދިޔަ 19 ވަނަ މަޖިލީހުގެ ފަހުކޮޅު، 2024ވަނަ އަހަރުގެ އޭޕްރިލް އެކެއްގައެވެ. އަދި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލް ތަސްދީގު ކުރެއްވީ އޭޕްރިލް 16ގައެވެ.
އޭގެ ފަހުން ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް 20ވަނަ މަޖިލީހުން ވަނީ، ނޮވެންބަރު 20ގައި މެންބަރުން ޕާޓީން ވަކި ކުރުމުން ވެސް ގޮނޑި ގެއްލޭގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ހަމަ އެ ދުވަހު ރައީސް މުއިއްޒު އެ ބިލު ތަސްދީގުކުރެއްވިއެވެ.
މި މައްސަލައިގައި އެ މާއްދާ ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ އިތުރުން، ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. ރައީސް މުއިއްޒު ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވިއިރު، ދެން ތިބި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ނިންމައި، އެ މައްސަލަ ތަޅުމަށް ފޮނުވައިފައެވެ.
މި މައްސަލައަށް ވަނީ ބައިނަލްއަގްވާމީ ގޮތުން ވެސް ސަމާލުކަން ލިބިފައެވެ.
ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނެއެވެ.