ފަނޑިޔާރުން ވަކިކުރާ މައްސަލަ ޖޭއެސްސީއިން ބެލީ ގާނޫނާ ޚިލާފަށް: ކައުންސެލް ޖެނެރަލް

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ: ވިދާޅުވީ ފަނޑިޔާރުން ވަކިކުރާ މައްސަލަ ޖޭއެސްސީއިން ބެލީ ގާނޫނާ ޚިލާފަށް ކަމަށް --

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް, ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

ފިލްޒާ އެފަދައިން ވިދާޅުވީ މި މައްސަލަ ބެލި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދިން ލަފައިގައެވެ.

ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަދި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީއިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.

އެއަށް ފަހު ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް ފާސްކޮށް، މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ. އެ ކޮމެޓީން އެގޮތަށް މިދިޔަ އާދިއްތަ ދުވަހު ނިންމީ ފަނޑިޔާރުން ޖަވާބުދާރީވުމުގެ ފުރުސަތަށް އެދިފައި ވަނިކޮށް, އެ ފުރުސަތު ނުދީ, ކޮމެޓީ ސިއްރު ވެސް ކުރުމަށް ފަހުގައެވެ.

އެ ކޮމިޓީއަށް ފިލްޒާ ދެއްވި ލަފައިގައި ވިދާޅުވެފައި ވަނީ ޖޭއެސްސީން އެ މައްސަލަ ބެލީ އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ.

"ވީމާ އިސްވެ ދެންނެވި ނުކުތާތަކަށް ރިއާޔަތްކުރާއިރު، ޖޭއެސްސީން ތަހުގީގުކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނޫ)ގައި ބަޔާންކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށްކަން ފާހަގަކުރަން،" ފިލްޒާގެ ލަފާގައި ވިދާޅުވެފައިވެއެވެ.

ފިލްޒާގެ ލަފާގައި ވަނީ އެ މައްސަލައާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ވެސް ހިއްސާކުރައްވައިފައެވެ.

އެގޮތުން އަޒްމިރާލްދާގެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ "އަމިއްލައަށް އިސްނަގައިގެން" ކަމަށް މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުގައި އޮތް ނަމަވެސް އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުން ހުށަހަޅައިގެންކަމަށް ހަމަ އެ ރިޕޯޓުގައި އޮތް ކަމަށް ފިލްޒާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އަޒްމިރާލްދާގެ މައްސަލަ ހުށަހެޅީ ޖޭއެސްސީގެ ރައީސަށް އެޑްރެސްކޮށް ކަމަށް ފިލްޒާ ވިދާޅުވިއެވެ. ނަމަވެސް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ފޮނުވާފައި ނުވާކަން ފާހަގަކުރެއްވިއެވެ.

ފިލްޒާ ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީގެ ރައީސަށް އެޑްރެސްކޮށް ފޮނުވާ މައްސަލައެއް ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރެލްގެ ސަމާލު ކަމަށް ގެންނަންޖެހޭނެއެވެ. އަދި އޭނާ މެދުވެރިކޮށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ފޮނުވަން ޖެހޭނެ ކަމަށް ޖޭއެސްސީގެ ގަވާއިދުގެ 51 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ލަފާގައި ފާހަގަކުރައްވާފައިވެއެވެ.

މި ކަމާ ގުޅިގެން ސަރުކާރާއި ޕީއެންސީގެ ސުޕަމެޖޯރިޓީ މަޖިލީހަށް އިދިކޮޅުން ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ކޮމިޓީގައި ޖަވާބުދާރީވުމަށް ފަނޑިޔާރުންގެ ފަރާތުން އެދުމުން، އެ ފުރުސަތު ނުދޭން ނިންމުމަށް ފަހު، އާދިއްތަ ދުވަހު ބޭއްވި ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ. އެ ބައްދަލުވުން ސިއްރުކުރަން ނިންމުމުން ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ކޮމިޓީ ބޮއިކޮޓް ކުރައްވައިފައެވެ.

މި މައްސަލައަށް ވަނީ ބައިނަލްއަގްވާމީ ގޮތުން ވެސް ސަމާލުކަން ލިބިފައެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނެއެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ދެން އޮތީ އެންމެ ފަހު މަރުހަލާއެވެ. އެގޮތުން މިހާރު އެ މައްސަލައާ މެދު ގޮތެއް ނިންމަން އޮތީ ތަޅުމަށް ފޮނުވައިފައެވެ. ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކުއެވެ. އެއީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ކުރަން އެ ޕާޓީއަށް ވަރަށް ފަސޭހަ ކަމެކެވެ.

comment ކޮމެންޓް