"އޯކޭ. އަހަރެން އިންތިޒާރުކުރާނަން." ޖަވާބު ފޮނުވާލާފައި އަފްނާންއަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނީ މައުވާގެ އިތުރު މެެސެޖެއް ލިބޭނެކަމުގެ އުންމީދުގައި ނަމަވެސް، މާޔޫސްވެ ކަރު އެލުވައިލަން ޖެހުނީ އޭގެފަހުން މައުވާގެ އެހެން މެސެޖެއް އޭނާއަށް ނުލިބުމުންނެވެ. ޝަކުވާތަކުން ހިތް ބަދެވިގެން ދިޔައީ މައުވާ އޭނާ ތަޅުވަނީ ހެއްޔޭ ހިތަށް އަރާފައެވެ.

ފާޚާނާއިން ނުކުތް ޒާޔާގެ ފޯނު ރިންގުވުމާއެކު އޭނާ ފޯނު ނަގާ ބަލައިލިއެވެ. ގުޅަނީ ޓެލެގްރާމުންނެވެ. ހިތެއްޖަހާފައި ސޭވްކޮށްފައި އިން އެ ނަންބަރު ފެނުމާއެކު ޒާޔާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އަތުގައި އޮތް ތުވާލި ހަރުގަނޑުގައި އަޅުވާލުމަށްފަހު، ތެތް އިސްތަށިގަނޑު ދޫކޮށްލަމުން، އޭނާ ގޮސް ބެލްކަންޏަށް ނުކުމެލިއެވެ. އަދި ފޯނަށް ޖަވާބު ދެމުން ރެއިލިންގައި އެއް އަތް އަޅުވައިލިއެވެ.

"ހެލޯ , ބޭބް." ޒާޔާ ފޯނު ނެގުމާއެކު އެކޮޅުން ބުނެލިއެވެ.

"ޔެސް." ޒާޔާ ޖަވާބު ދިނީ އޭނާގެ ލޯބިވެރިޔާ ރަޔާންއަށެވެ. އޭރު އެ ތުންފަތްމަތީގައިވަނީ ނުފިލާ ހިނިތުންވުމެކެވެ.

"ކީއްކޮށްލަނީ؟" ރަޔާންގެ އަޑުގައިވެސް ވަނީ ލޯތްބާއި އަޅާލުމެވެ.

"ހަމަ ހުރީ. ރަޔާން ގުޅަންދެން ވެއިޓްކޮށްގެން." ޒާޔާ ޖަވާބު ދިނެވެ. "މިހާރު ކޮންފަރެންސް ނިމުނީތަ؟"

ރަޔާންއާއި ޒާޔާއާއި ދިމާވީ މީގެ ހަމަސްވަރުކުރިން ފޭސްބުކުންނެވެ. އެންމެ ފުރަތަމަ ޒާޔާއަށް ރިކުއެސްޓް ފޮނުވީ ރަޔާންއެވެ. ރަޔާންގެ ރިކުއެސްޓް ޒާޔާ އެކްސްސެޕްޓްކުރީ އޭގެ ހަފްތާއެއް ހާދުވަސް ފަހުންނެވެ.

އޭނާ ހަމަ ރިކުއެސްޓް އެކްސްސެޕްޓް ކުރުމާއެކު، އެކޮޅުން ރަޔާން މެސެޖުކުރިއެވެ. އޭނާއަކީ ޒާޔާއާއެކު، ކުރީގައި އެއް ސްކޫލެއްގައި އަހަރެއްހާ ދުވަހު އުޅުނު ކުއްޖެއްކަމަށް ބުނެއެވެ. އަދި އެމީހުން އެއްކޮށް ސްކޫލުގެ ކްލަބެއްގައިވެސް މަސައްކަތް ކުރިކަމަށް ބުނެއެވެ. ޒާޔާއަށް ވުރެ ރަޔާން ދެ އަހަރު ބޮޑެވެ. އެހާ ދުވަސްވީތީ ރަޔާން މަތިން ޒާޔާ ހުރީ ހަނދާންނެތިފައި ނަމަވެސް، އެ ދުވަހު ރަޔާން އެހެން ބުނުމުން އޭނާއަށް ވެސް މާޒީގެ ހަނދާންތައް އާވިއެވެ. އަދި ހައިރާންވެސް ވިއެވެ. އެހާ ދުވަސްވީއިރުވެސް ރަޔާން އޭނާގެ މަތިން ހަނދާންހުރުމުންނެވެ. ޒާޔާ ރަޔާންއާ ވާހަކަ ދެއްކީ އެކުވެރިކަމުގައި ނަމަވެސް، ރަޔާން އޭނާއާ ވާހަކަ ދައްކަމުން ދިޔައީ މުޅީން އެހެން މަޤްސަދެއްގައިކަން ޒާޔާއަށް ފަހުމްވީ އެ ވާހަކަ ނުސީދާކޮށް ރަޔާން ބުނި ހިސާބުންނެވެ. ޒާޔާގެ ހިތްވެސް ރަޔާންއަށް ލެނބުނީ އެއްވެސް ކަހަލަ އިޒުނައެއް އޭނާގެ ހިތަށް ނުވެސް ދީ އުޅެނިކޮށެވެ. އެއީ ކޮން އިރަކު ކިހިނެއްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އެންމެ ފުރަތަމަ ކުރެވެން ފެށީ އިންތިޒާރެކެވެ. ރަޔާންގެ މެސެޖެއް ލިބޭނެ އިރަކަށެވެ. ދެން ވާން ފެށީ އުނދަގުލެކެވެ. ރަޔާންގެ މެސެޖެއް ނައިސް ގިނައިރު ވުމުން އުނދަގޫވާން ފެށީއެވެ. ކެތްކުރަން ދަތިވެ ރަޔާންގެ މެސެޖެއް ލިބޭނެ އިރަކަށް އިރުއިރު ކޮޅަކާ ފޯނު ބަލައިލެވެއެވެ. އެހިތުގެ ޙާލަތާމެދު ޒާޔާއަށް ވިސްނައިލެވުނީ އެހާ ހިސާބުންނެވެ. އޭނާގެ ހިތުގައި ރަޔާންއާ މެދުވެސް އިޙްސާސްތަކެއް ވާކަން ޔަޤީންވުމާއެކު އެ އިޙްސާސްތަކާ ދެކޮޅު ހަދާކަށް ޚުދު ޒާޔާވެސް ބޭނުމެއް ނުވިއެވެ. ލޯތްބަކީ ފުރަގަސް ދެވޭނެ އިޙްސާސްއެއް ނޫންކަން އޭނާއަށް އެނގޭތީއެވެ. އެ ޖަޒުބާތަކީ އާދަޔާޚިލާފު އެއްޗަކަށްވީތީއެވެ. ހިތެއްގެ ލަގަން އަމިއްލަ އަތުން ގެއްލިއްޖެނަމަ އެ ހޯދުމަކީ ދަތިކަމެކެވެ. ހިތުގެ އަޖައިބުކުރުވަނިވި އެއް ސިފައަކީވެސް އެއީއެވެ. ލޯބި ވުމަށްފަހު، އެ ލޯތްބެއް ހިތުން ފުހެލަން އުނދަގޫވުމެވެ. ބޭނުން ނުވިއެއްކަަމަކު އެ ލޯތްބަށް ފުރަގަސް ދިނުމުގެ ޤާބިލްކަންވެސް ގިނަފަހަރު ހިތުގައި ނުހުންނާތީއެވެ. ރަޔާން ލޯބި ހުށައެޅުމުން ޒާޔާ އެ ލޯތްބަށް ފުރިހަމައަށް އިތުބާރުކޮށްފައި ފުރުސަތު ދިން ސަބަބުތަކަކީވެސް އެއީއެވެ.

މިވީ ދުވަސްތަކުގައި ރަޔާންއާ މެދު ޒާޔާގެ ހިތުގައި ފުން އިޙްސާސްތަކެއް ވީނަމަވެސް، އޭނާއަށް ހަމަލޮލުން ރަޔާން ފެނިފައެއް ނުވެއެވެ. ސަބަބަކީ ރަޔާން ކިޔަވަންވެގެން ރާއްޖޭން ބޭރުގައި ހުރީތީއެވެ. އެހެންކަމުން ދެމީހުން ވެސް، ގުޅުން ކުރިއަށް ގެންދިޔައީ ފޯނުންނެވެ. ދުރުގައި ތިބެން ޖެހުނެއްކަމަކު އެކަކު އަނެކަކަށް ކުރާ އިތުބާރާއި، ޔަޤީންކަމެއްގެ ސަބަބުން، އެ ގުޅުމުގައި މިވީހާތަނެއް އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ. ދެމީހުންވެސް ނިންމައިގެން ތިބީ ރަޔާން ކިޔަވާ ނިންމާފައި އައުމުން ދެ ޢާއިލާއާވެސް އެ ވާހަކަތައް ހިއްސާކޮށް ކައިވެންޏަކާ ހިސާބަށް އެގުޅުން ގެންދާށެވެ.

"ކޮން އިރަކުންތަ ދެން އަންނަނީ؟" ޒާޔާ އަހައިލިއެވެ. ރަޔާންގެ ކިޔެވުން ނިމި މި ދިޔަ ހަފްތާގައި ވަނީ ގްރެޖުއޭޓް ވެސް ވެފައެވެ. އެހެންކަމުން ޒާޔާ މިހާރު އިންތިޒާރުކުރަމުން ދިޔައީ ރަޔާން އަންނާނޭ ދުވަހަކަށެވެ. ރަޔާން ފެނިލަން އޭނާގެ ދެލޯ އެދުމުން ދިޔަ ވަރު ޚުދު ރަޔާންއަށްވެސް ސިއްރެއް ނުވެއެވެ.

"ވަރަށް އަވަހަށް ދާނަމޭ." ރަޔާން މި ތިން ދުވަހު އޭނާއަށް ދޭ ޖަވާބު މިއަދުވެސް ދިނެވެ. އެއާއެކު ޒާޔާ ތުންކޮޅު އޫކޮށްލިއެވެ.

"ދެން. އަޅެ ރަޔާން… ބުނެބަ." ޔާންއަށް އޭނާގެ ޙާލަތު އެނގި އިތުރަށް ތަޅުވަނީކަން ޒާޔާއަށް އެނގުނެވެ. ރަޔާން ޖަހައިލީ ހިނިގަނޑެކެވެ. ޒާޔާގެ އެ ސިފަ އޭނާއަށް ވަރަށް ކަމުދެއެވެ.

"ދެން ރަޔާން… ފޯނު ބާއްވަނީ މީ." ޒާޔާ ބުނެލިއެވެ.

"އަޅެ ކެތްތެރިވެބަ. ޒާ ތީ ތިހާ ކެތްތެރިކަން ކުޑަވެދާނެ މީހެކޭ އަހަރެންގެ ހިތަކަށް ނާރާ." ރަޔާން އަދިވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ މާދަމާ ރާއްޖޭ އަންނަން ނިންމާފައި އޮތް ނަމަވެސް، އެކަން ޒާޔާއަށް އަންގާކަށް ބޭނުމެއް ނޫނެވެ. ރަޔާން ގަސްތުގައި އޭނާއަށް އެހުރިހާކަމެއް ސިއްުކުރަނީކަން އެނގުނު ޒާޔާ ރަޔާންގެ ގާތުގައި ޝަކުވާ ކުރި ނަމަވެސް، އޭނާގެ ހިތުގައި އެއްވެސް ހިތްބުރަކަމެއް ނެތެވެ. އެހިތުގައި ރަޔާންއަށްޓަކައި ލޯބި ނޫން އެއްޗެއް ނުވެއެވެ. ޒާޔާގެ ހިތަށް އުފާވެރިކަމެއްވެސް ވެރިވެފައިވެއެވެ. ރަޔާން އޭނާގެ ގާތުގައި ނުބުނެ ރާއްޖެ އަންނަން އުޅޭކަން އޭނާގެ ހަވަނަ ހިއްސުން އަންގައިދޭން މަސައްކަތްކުރާތީއެވެ.

ޒާޔާގެ ފޯނަށް މައުވާގެ ކޯލެއް އައީ އޭނާ ރަޔާންއާ ވާހަކަ ދައްކަން ހުއްޓައެވެ.

"ފޯނެއް އަންނަނީތަ ޒާ؟" ރަޔާން ސުވާލު ކޮށްލިއެވެ.

"ޔެސް. މައު އެ ގުޅަނީ." ޒާޔާ ބުނެލިއެވެ.

"ފޯނު ނަގާބަ ދެން. ވެދާނެ މުހިންމުކަމަކުވެސް. ޒާ ނިންމާލާފަ ގުޅާލާ އިނގޭ" ރަޔާން ބުނެލިއެވެ. ޒާޔާގެ ފަރާތުން އޭނާއަށް މައުވާގެ ވާހަކަތަށްވެސް އެނގިފައިވާތީ މައުވާ ގުޅާނީ މުހިންމުކަމަކުހެން ރަޔާންއަށްވެސް ހީވިއެވެ. ޒާޔާވެސް ޝުކުރު އަދާކޮށްފައި ރަޔާންގެ ފޯނު ކަނޑާލާފައި މައުވާގެ ކޯލަށް ޖަވާބު ދިނެވެ.

"ހެލޯ މައު." ޒާޔާ ބުނެލިއެވެ.

"ޒާ. ބިޒީތަ؟" މައުވާ ވާހަކަ ފެށިގޮތުން ވެސް އޭނާ ދައްކަން އެ އުޅެނީ ބޮޑު ވާހަކައެއްކަން ޒާޔާއަށް އެނގުނެވެ. އޭރު މައުވާގެ އަޑުން ފާޅުވަމުންދިޔައީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ.

ނޫން. އަނެއްހެން ބިޒީ އެއް ނޫން. ކިހިނެއްވީ؟ ބުނެބަ." ޒާޔާ އެދުނެވެ.

"ޒާ. އަހަރެން… އަހަރެން މިއުޅެނީ އަފްނާން… އަފްނާންއާ މީޓްކުރަންވެގެން." މައުވާ ބުނެލިއެވެ.

"އަފްނާންއާއޭ؟" ޒާޔާއަށް ލިބުނީ ހައިރާންކަމެކެވެ.

"ހޫމް." މައުވާގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ. ނުވެސް ބުނެ އެފަދަ ނިންމުމެއް މައުވާ ނިންމީތީ ޒާޔާވެސް ހުރީ ހައިރާންވެފައެވެ. މައުވާ އަފްނާންއާ ބައްދަލުކުރުމުގެ މަޤްސަދަކީ ކޮބައިބާއޭ އޭނާގެ ހިތަށް އެރިއެވެ. ޔޫޝައުގެ ލޯބި ޤަބޫލުނުކޮށްފައި މައުވާ އަލުން އަފްނާންއާ ގުޅެން ބޭނުންވަނީ ހެއްޔެވެ؟ އެހެންނަމަވެސް އެ ސުވާލު ސީދާ މައުވާއާ ކުރާކަށް ޒާޔާއަކަށް ނުކެރުނެވެ. ދެން ބުނަންވީ އެއްޗަކާ މެދު ވިސްނަން ޒާޔާއަށް އިރުކޮޅަކު މަޑުކޮށްލެވުނެވެ.

"ކޮން އިރަކު؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އޭނާ މައުވާއާ ސުވާލުކޮށްލިއެވެ.

"މާދަން ރޭ." މައުވާ ފުންނޭވާއެއް ދޫކޮށްލިކަން ޒާޔާއަށް ވެސް އެނގެއެވެ. ދެން ވެސް އަފްނާންއާ ބައްދަކުކުރާ ސަބަބު އިސްވެ އަހާކަށް ޒާޔާއަކަށް ނުކެރުނެވެ. މައުވާ އެ ވާހަކަތައް އޭނާއާ ހިއްސާކުރި ސަބަބަކީ އޭނާއަކީ މައުވާގެ އެންމެ ގާތް ރަޙަމަތްތެރިޔާއަށްވީމަކަން ޒާޔާއަށް އެނގެއެވެ. އެހެންނަމަވެސް މައުވާގެ އެ ނިންމުމަށް ފާޑު ކިޔުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. މައުވާގެ ޙަޔާތުން ގެއްލުނު ދެ އަހަރު ފޫބެއްދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އަފްނާންއާ އަލުން ގުޅުނަސް އެ ހަޤީގަތް ބަދަލެއް ނުވާނެއެވެ. އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީގަތެއް އެބަ އޮތެވެ. އަފްނާންގެ ލޮލުންވެސް އޭނާއަށް ލޯބި ފެނުނެވެ. މައުވާއަށްޓަކައި އެ ހިތުގައިވާ އިންތިހާ ލޯތްބެވެ. އެކަމަކު މައުވާ ދެކެ އަފްނާން ކިތަންމެ ލޯބިވިއެއްކަމަކު މައުވާއާ އޭނާއާ ދެމެދަށް އައިސްފައިވާ ދުރުކަމުގެ ޒިންމާ ނަގަންޖެހޭނީވެސް އަފްނާންއެވެ.

"އާރ ޔޫ އޯކޭ؟" ޒާޔާ ކަންބޮޑުވީ މައުވާއާ ދޭތެރޭގައެވެ. އެކުވެރިޔާގެ ވޭނަށް އިތުރު ތަކުލީފެއް ލިބޭކަށް އެއްގޮތަކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެ އެކުވެރިޔާ ނަގާ ކޮންމެ ފިޔަވަޅެއްގައި އޭނާ އެ އެކުވެރިޔާއާ އެކުގައި ހުންނާނެކަމުގެ ޔަޤީންކަން ޒާޔާ މައުވާއަށް ދޭން ބޭނުންވެއެވެ.

"ޔެސް. އަ އޭމް. ޒާ… އަހަންނަނަށް ނޭނގެ އަހަންނަށް ކަންތައް މިކުރެވެނީ އެންމެ ރަނގަޅަށް ކަމެއް ނުވަތަ ނޫންކަމެއްވެސް. އެކަމަކު އަހަންނަށް ހީވަނީ ޚުދު އަހަންނަށްވެސް ހިތްހަމަޖެހުމެއް ލިބޭނީ އަފްނާންއާ ބައްދަލުކުރީމަހެން." މައުވާއަށް ބުނެވުނެވެ. ޒާޔާގެ ބަހެއް އެކަމުގައި މައުވާއަށް ކިހާ މުހިންމުކަން ޒާޔާއަށް އިޙްސާސްކުރެވުނީ އެވަގުތެވެ.

"އަހަރެން މިހުރީ މައު އާ އެކީގަ. މައުގެ ހިތަށް ލުޔެއް ލިބޭނީ ތިހެންކަމުގައިވާނަމަ ގޯ އެހެޑް. އަފްނާންއާ ދިމާކުރޭ. މިހުރިހާ ދުވަހު މައު ބުނަން ބޭނުންވެ ނުބުނުނެވިފަ ހުރި ހުރިހާ ވާހަކައެއް އަފްނާންއާ ދައްކާ. މީހުން ބުނޭ، ހިތުގެ އުދާސްތައް ހާމަކޮށްލެވުނީމަ ވެސް ހިތަށް ލުއިވާނެޔޭ." ޒާޔާ ބުނެލިއެވެ. ޒާޔާގެ އެވާހަކަތަކުން މައުވާގެ ހިތަށް ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

*****

ޖެހިގެން އައި ދުވަސް ވެގެން ދިޔައީ އަފްނާންއަށް ދިގު ދުވަހަކަށެވެ. މައުވާ ބައްދަލުކުރަން ބުނެފައިވާތީ މައުވާގެ ކޯލެއް އަންނާނެ އިރެއްގެ އިންތިޒާރުގައި އޭނާ ވަގުތުތައް ގުނަމުން ދިޔައީ ކެތްތެރިކަން ކުޑަވެފައިވާ ޙާލުގައެވެ. އިރުއިރުކޮޅަކާ ފޯނަށް ބަލައިލެވުނީ މައުވާގެ މެސެޖެއް ނަމަވެސް އަތުވެދާނެކަމަށެވެ. އެ ބޭޤަރާރުކަމުގައި، އެހެން މުޅި ދުވަސް ހޭދަކުރިއިރުވެސް މައުވާގެ އެއްވެސް ޚަބަރެއް ނުވުމުން އަފްނާން ގާތަށް ރުޅި އަންނަ ގޮތްވެސް ވިއެވެ. މައުވާ ހަމަ ރަނގަޅަށްވެސް އޭނާގެ އިޙްސާސްތަކާ ކުޅެނީކަމުގައި އޭނާއަށް ހީކުރެވުނެވެ. އެ ހައްޤު މައުވާއަށް އެބަ އޮތްބާއޭ އޭނާގެ ހިތަށް އެރިވަގުތު މޭގައި ތޫނު ރިހުމެއް އުފެދިގެން އައެވެ. އެއީ ޚުދު އޭނާވެސް މައުވާގެ އިޙްސާސްތަކާ ކުޅުނު ގޮތެވެ. މައުވާގެ ޖަޒުބާތުތަކަށް މަލާމާތްކޮށް ފުރައްސާރަކުރި ގޮތެވެ. ވީއިރު މިއަދު މައުވާގެ އެ އަމަލުން އޭނާއަށް ރުޅި އައުމުގެ އެއްވެސް ހައްޤެއް ނެތެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގާ ހިނގާލާ ހުރި އަފްނާން ގޮސް ފާރުގައި ބުރަކަށި ޖައްސައިލިއެވެ. ބޯ ކުޑަކޮށް އުފުއްލާލަމުން އޭނާ ހިމޭންވީ އަމިއްލަ ނަފްސުގައި އުފެދިގެން އައި ގިލަންވެރިކަމާއި އެ ދިލަހޫނުކަން ކޮންޓްރޯލްކުރުމުގެ ބޭނުމުގައެވެ. ފުންނޭވާއެއް ލުމާއެކު މޫނުގައި ދެއަތް ހާކާލިއެވެ. އެހެން ހުއްޓާ ފޯނު ރިންގު ވިއަޑު އިވިގެން ދިޔައެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ އަވަސް އަވަހަށް ގުޅަނީ ކާކުތޯ ބަލައިލިއެވެ.

ސްކްރީނަށް އަރާފައިވާ މައުވާގެ ނަން ފެނުމާއެކު، އޭނާގެ ތުންފަތް މައްޗށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއްގެ އަސަރުވެރިވެގެން ދިޔައެވެ. އަމިއްތަ ހިތާ އެ ހިތުގެ ޖަޒުބާތުތައް ހަލަބޮލިގެން ދިޔައީ އެހެން މިހެންނަކުން ނޫނެވެ. ހިތުގެ އެންމެ ހިމަނާރަށްވެސް އެ ޖަޒުބާތުތަކުގެ ހިލަން ވެއްޖެއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު މައުވާގެ އަޑު އެކޮޅުން އިވިގެން ދިޔައެވެ. ރުޅި ނައިސް މަޑުމައިތިރި ކަމާއެކު މައުވާ ވާހަކަ ދެއްކި އަޑު އަފްނާންގެ ކަންފަތުގައި ޖެހުނު ހިނދު އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. ހީވީ ފިނި ރޯޅިއެއް އައިސް މެއާ ދިމާލުގައި ބީހިލިހެންނެވެ. މައުވާގެ އަޑު އެފަދަ ގޮތަކަށް އިވުމުން އޭނާގެ އެތެރެ ހަށި ހަލަބޮލިކުރުވައިފިއެވެ.

"އަފްނާން. އައެމް ވެއިޓިން. އާދޭ ގެ ކައިރިއަށް." މައުވާ ބުނެލިއެވެ.

"ވެއަރ އާރވީ ގޮއިން؟" އަފްނާން ސުވާލުކޮށްލިއެވެ. މައުވާ ބޭނުންވާނީ ދެމީހުން އެކަނިތިބެ ވާހަކަ ދައްކާލަންކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ.

"އަފްނާން އައިމަ އެ ޑިސައިޑް ކުރާނީ." މައުވާ އެދުނެވެ.

"އޯކޭ މިދަނީ." އަފްނާން ޖަވާބު ދީފައި، މައުވާމެން ގެ ހުންނަތަން އޮޅުން ފިލުވުމަށްފަހު އަވަސް އަވަހަށް ގޮސް ކޮޓަރިން ނުކުތެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

ތިރިއަށް ގޮސް ބޮޑުކޮޓަރިއަށް ނުކުތްއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭނާ ގޮސް ސައިކަލު ކައިރިއަށް މަޑުކޮށްލިއިރު އަޒްލަފް އޭނާގެ ކާރުގައި އައިސް އެތެރެއަށް ވަންނަނީއެވެ. އަފްނާން އުޅުނީ ސައިކަލުގައި ދާންނަމަވެސް، އެ ޚިޔާލު ބަދަލުވީ އެވަގުތެވެ. މައުވާއަށް ސައިކަލުގައި އިންނަން އުނދަގޫވާނެތީ އޭނާ ގަސްތުކުރީ ކާރުގައި ދާށެވެ. އެހެންކަމުން ކާރުން އަޒްލަފް ފޭބުމާއެކު އަފްނާން އޭނާއަށް ގޮވައިލިއެވެ.

"ދޮންބޭ." އަފްނާންގެ އަޑަށް އަޒްލަފް ބަލައިލިއެވެ.

"ހޫމް." އަޒްލަފް އަފްނާންއާ ދިމާލަށް ހިނގައިގަންނަމުން އިއްވައިލިއެވެ.

"މީ. ކީ ލިބިދާނެތަ؟" އަފްނާން އަޒްލަފްގެ އަތުގައި އޮތް ތަޅުދަނޑިއަށް އިޝާރާތްކޮށްލިއެވެ. އެއާއެކު އަޒްލަފް ކުޑަކޮށް ހައިރާންވިއެވެ. އަފްނާންއަކީ އެއް އިރެއްގައިވެސް އޭނާގެ ސައިކަލު ހުރިއްޔާ ކާރުގައި ތަނަކަށް ދާނެ މީހެއް ނޫނެވެ. ކާރު ދުއްވަން އެނގުނު ނަމަވެސް، އޭނާ އަބަދުވެސް އިޚްތިޔާރުކުރަނީ ސައިކަލެވެ.

"ސައިކު ހަލާކުވީތަ؟" އަޒްލަފް ތަޅުދަނޑި އަފްނާންއަށް ދިއްކޮށްލަމުން އަފްނާންގެ ސައިކަލަށްވެސް އަވަސް ނަޒަރެއް ދިނެވެ.

"ނޫން." އަފްނާން ކުރު ޖަވާބެއް ދެމުން އިސްޖަހައިލިއެވެ. އޭނާ މައުވާއާ ބައްދަލުކުރަން ދާ ވާހަކަ އަޒްލަފްއާ ހިއްސާކުރަންވީބާއޭ އަފްނާންގެ ހިތަށް އަރަމުން ދިޔައެވެ. ވާހަކަ ފަށާނެ ގޮތެއް ނޭނގި އެހެން ހުއްޓާ އަޒްލަފް އަފްނާންގެ ޙާލަތު ދެނަގެތްފިއެވެ.

"ކިހިނެއްވީ؟ ކަމެއްވީތަ؟ އަފޫ…" އަޒްލަފް އެނގެން ބޭނުންވިއެވެ. އަފްނާންގެ މޫނުމަތީން ފެންނަނީ މީގެ ކުރިން ފެނުނު އަސަރުތަކެއް ނޫނެވެ. އުފަލާއި ހިތާމަ އެކުވެފައިވާހެންވެސް ހީވާން ފެށިއެވެ. އަފްނާން ހީނލުމުން އެހީލުމުގައި އުފާވެރިކަން ވިއެއްކަމަކު އެ މޫނުމަތީގައިވަނީ އަދިވެސް ހިތްހަލާކުވާފަދަ އަސަރުތަކެކެވެ.

"އަހަރެން… މިދަނީ… މައުވާއާ ބައްދަލުކުރަން." އަފްނާން ވާހަކަ ދެއްކިއިރު، އެ އަޑު ނުކުތީ މަޑުމަޑުންނެވެ. ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއްވެސް އެ އަޑުގައިވެއެވެ. ހީވަނީ އަޒްލަފް އެކަމާ ނުރުހި ދާނެތީ ބުނެލިހެންނެވެ. ނޫނީ އެކަމަށް ހުއްދަ ނުދީ އޭނާ ހުއްޓުވަފާނެތީ ބުނެލިހެންނެވެ.

"މައުވާއާ ބައްދަލުކުރަން؟" އަޒްލަފްއަށް ބުނެވުނެވެ. "އަފޫތަ މައުވާ ގާތުން އެދުނީ؟"

އަޒްލަފް ކުޑަކޮށް ހައިރާންވެސް ވިއެވެ. މަންމަ މައުވާއާ ވާހަކަ ދެއްކީ ރޭގައެވެ. ވީއިރު ކުއްލިއަކަށް މިރޭ އަފްނާން މައުވާއާ ބައްދަލުކުރަން އެދަނީ، މައުވާ އެދިގެންތޯ އެނގެން އޭނާ ބޭނުންވިއެވެ. އެ ސުވާލު އަަޒްލަފް އަފްނާންއާ ކުރީ އެހެންވެގެންނެވެ.

"ނޫން. މައުވާ… " އަފްނާންގެ އެ ޖަވާބާއެކު އަޒްލަފްއަށް ބުމަ އަރުވައިލެވުނެވެ. އޭނާއަށް އެހެންހެއްޔޭ ކިޔާފައި ކުޑަކޮށް ބޯ ވެސް ޖަހައިލެވުނެވެ.

"މަންމަ… މަންމައަށް އެނގޭތަ؟" އަޒްލަފް ސުވާލުކޮށްލިއެވެ. އެއާއެކު އަފްނާން ނޫނެކޭ ބުނެލާފައި ބޯ ހޫރުވައިލިއެވެ.

"ދޮންބޭ. … ލަސްވޭ އެބަ." ގަޑިއަށް ބަލައިލަމުން އަފްނާން ބުނެލިއެވެ. އަޒްލަފްވެސް އަފްނާންގެ ކޮނޑުގައި ޖަހާލާފައި ގޮސް ގެއަށް ވަނުމުން އަފްނާންވެސް ގޮސް ކާރަށް އަރާ ސްޓާރޓްކޮށްލިއެވެ.

ކާރުގައި ގޭޓާ ދިމާލަށް ދުއްވައިލުމާއެކު ދޮރުވާނަކަށް ހުރި މީހާ ގޭޓު ހުޅުވައިލިއެވެ. އޭނާ ގޮސް ގޭޓުން ނުކުމެގެން މައުވާމެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އެގެއާ ހިސާބަށް އޭނާ ދިޔައިރު މައުވާ ހުރީ މަގުމަތީގައެވެ. އޭނާގެ ގާތަށް އައިސްމަޑުކޮށްލި ކަޅުކުލައިގެ ކާރަށް ކުޑަކޮށް ހައިރާންކަން އެކުލެވޭ ނަޒަރަކުން ބަލަން ހުއްޓާ ދޮރު ހުޅުވާލާފައި ނުކުތީ އަފްނާންއެވެ. އަފްނާން ފެނުމުންވެސް މައުވާގެ މޫނުމަތީގެ ކުލަވަރުތަކެއް ބަދަލެއް ނުވިއެވެ. ސަބަބަކީ އަފްނާންއަކީ އެއް އިރެއްގައިވެސް ކާރު ދުއްވަން ގަޔާވާ މީހަކަށް ނުވާތީއެވެ. އެހެންކަމުން އޭނާ ހީކޮށްގެން ހުރީ މިރޭވެސް އަފްނާން އަންނާނީ ސައިކަލުގައި ކަމަށެވެ.

"ޝޭލްވީ؟" އަފްނާން މައުވާއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު