ފިރިހެން ނަރުހުގެ ދިފާއުގައި އައިޖީއެމްއެޗް؛ ފުރައްސާރަ ކުރި މީހުންނަށް ފިޔަވަޅު އަޅަން އެދިއްޖެ

އައިޖީއެމްއެޗްގައި ނަރުހުން: ފިރިހެން ނަރުހަކަށް ފުރައްސާރަކުރި މައްސަލައިގައި ފިޔަވަޅު އަޅަން އައިޖީއެމްއެޗުން ވަނީ އެދިފައި -- ފޮޓޯ/ އައިޖީއެމްއެޗް

ސޯޝަލް މީޑިއާގައި ފިރިހެން ނަރުހަކަށް ފުރައްސާރަކޮށްފައިވާތީ، އެ މައްސަލައިގައި ފިޔަވަޅު އަޅަން މަރުކަޒީ ހޮސްޕިޓަލް އައިޖީއެމްއެޗުން އެދިއްޖެއެވެ.

އިއްޔެ ނަރުހުންގެ ދުވަސް ފާހަގަކުރިއިރު، އެ ދުވަހާ ގުޅުވައިގެން މައުލޫމާތު ދިނުމަށް ޓީވީ ޕްރޮގްރާމަކަށް އެރި ފިރިހެން ނަރުހަކަށް ސޯޝަލް މީޑިއާގައި ޒާތީ ގޮތުން ދިމާކޮށް، ފުރައްސާރަކޮށްފައިވެއެވެ.

އެ މައްސަލައިގައި އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ފިރިހެން ނަރުހަކަށް ސޯޝަލް މީޑިއާގައި ބަޔަކު ގަނާކުރުން އެ ހޮސްޕިޓަލުން ހަަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ނަރުހަކަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައިއާއި އެހެނިގެން ޕްލެޓްފޯމްތަކުގައި ވެސް އެފަދަ އަމަލުތައް ހިންގުމަކީ މުޅި ނާސިން ޕްރޮފެޝަނަށް ކުރެވޭ ބޭއިޚުތިރާމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"މިފަަދަ އަމަލުތަކަކީ އިޖުތިމާއީ ގޮތުން ގަބޫލުކުރެވޭނެ ކަންކަމެއް ނޫން ކަމުގައި ދަންނަވަމެވެ. ވީމާ ކަމާ ބެހޭ ވުޒާރާތަކުން ގާނޫނީ އިމުގެތެރެއިން ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައިވެއެވެ.

އައިޖީއެމްއެޗުން ބުނީ ނަރުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަންހެން ނަރުހުންނެކޭ އެއް ފަދައިން ފިރިހެން ނަރުހުންގެ ދައުރު ވެސް ވަރަށް މުހިންމު ކަމަށެވެ. އަދި ރާއްޖޭގައި ނަރުހުންގެ ދާއިރާގައި މަސައްކަތްކުރާ ފިރިހެނުންގެ ނިސްބަތް މަދު ނަމަވެސް މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ދެ ޖިންސުގެ މީހުން ވެސް ހަމަހަމަކަމާއެކު ޚިދުމަތް ދެމުންދާ ދާއިރާއެއްކަން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.

"މި ފުރުސަތުގައި މި ހޮސްޕިޓަލުގައި މަސައްކަތް ކުަރައްވާ ހުރިހާ ނަރުހުންނަކީ ވެސް ވަރަށް ގާބިލު އަދި މަސައްކަތްތެރި ނަރުހުންކަން ފާހަގަކުރަމެވެ. އަދި މި ހޮސްޕިޓަލަށް ހިތްވަރާއެކު ކުރައްވަމުންގެންދަވާ ޚިދުމަތަށް ޝުކުރު ދަންނަވަމެވެ." އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ޖުމްލަ އާބާދީއަށް ބަލާއިރު ވެސް، ފިރިހެންނަށްވުރެ އިތުރީ އަންހެނުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ، 2023 ވަނަ އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި 7،906 އަންހެނުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާއިރު އެ ދާއިރާގައި ތިބި ފިރިހެނުންގެ އަދަދަކީ 4،049 އެވެ.

comment ކޮމެންޓް