'ސިތާރޭ ޒަމީން ޕަރު'ގައި މުޅިން ވެސް ސުޕަ ސްޓާރުން

ކުރިއަށް އޮތް ޖޫން މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ އެކްޓަރު އާމިރު ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ދުވަސްތަކަކަށް އެކްޓިންއާ ދުރުގައި އުޅުމަށް ފަހު އާމިރު ޚާން އެނބުރި ސްކްރީނަށް އަންނަ "ސިތާރޭ ޒަމީން ޕަރު"ގެ ޓްރެއިލާގައި ބުނެފައިވާ ގޮތުގައި މި ފިލްމަކީ ދުނިޔެއަށް ގިނަ ސުޕަ ސްޓާރުންތަކެއް ތައާރަފުކޮށްދޭނެ ފިލްމެކެވެ.

މި ފިލްމުގެ ޓްރެއިލާ ފެށުނީއްސުރެ ނިމެންދެން ދައްކުވައިދިން މަންޒަރުތަކަކީ ލޯތްބާއި، އުފާވެރިކަމާ އެކު ހެއްވާ މަޖާ ހާދިސާތަކެއް ބެލުންތެރިންނަށް ގެނެސްދިން މަންޒަރުތަކެކެވެ. ފިލްމުގައި ގެންގުޅެފައިވާ ޓެގްލައިންގައި ބުނާގޮތުން ކޮންމެ މީހަކީ ވެސް އެ މީހެއްގެ ގޮތުގައި 'ނޯމަލް' ވިސްނުމެއް ގެންގުޅޭ މީހެކެވެ.

އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

އާމިރު ޚާން ބާސްކެޓް ބޯޅަ ކޯޗެއްގެ ގޮތުގައި ފެންނަ މި ފިލްމުގައި އެކްޓަރު ފެންނަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ޓީމެއް ތަމުރީނުކޮށް އެ ކުދިން ބައިވެރިވާ ބާސްކެޓް ބޯޅަ މުބާރާތް ކާމިޔާބުކޮށްދޭން މަސައްކަތްކުރާ ކޯޗެއްގެ ގޮތުގައެވެ.

މި ތަމުރީނުތައް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާއިރު މިއީ ބެލުންތެރިންގެ ހިތްތައް ޖަޒުބާތުން ބަންޑުންކޮށްލާނެ ގިނަ މަންޒަރުތައް ފެންނާނެ ފިލްމެއް ކަމަށް އާމިރު ވަނީ ބުނެފައެވެ.

އާމިރު ޚާންގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަންއިން ގެނެސްދޭ "ސިތާރޭ ޒަމީން ޕަރު"ގައި ޑައުންސިންޑްރޮމާއި އޯޓިޒަމް ހުންނަ ކުދިންގެ ޓީމެއް ފެންނައިރު ފިލްމުގައި އާމިރަށް ހިތްވަރު ލިބެނީ ބަތަލާ ޖެނީލިއާ ޑިސޫޒާގެ ފަރާތުންނެވެ.

އާރްއެސް ޕްރައްސަނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސްޕެއިން ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ. ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

comment ކޮމެންޓް