ނަޒާހާތްތެރި ދެ ފަނޑިޔާރުން ވަކިކުރަނީ އަސާސެއް ނެތި: މުއިއްޒު

ކުރީގެ ޕީޖީ މުއިއްޒު: އޭނާ ވިދާޅުވީ ފަނޑިޔާރުން ވަކިކުރަންޖެހޭ ހުއްޖަތެއް، އަސާސެއް ވެސް ނުދެއްކޭ ކަމަށް -- ސަން ފޮޓޯ

ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ފަނޑިޔާރުންނަކީ ނަޒާހަތްތެރި ދެ ބޭފުޅުން ކަމަށާއި އެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގާނޫނީ އަސާސެއް ދެއްކިފައިނުވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަކިކުރަން ހުށަހަޅާފައިވާ ދެ ފަނޑިޔާރުންނަކީ އޭނާ ރަނގަޅަށް ދަންނަ ދެ ބޭފުޅުން ކަމަށެވެ. އެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް އެ ބޭފުޅުން ކުރައްވާފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ އަދުލުވެރި، އިންސާފުވެރި، ނަޒާހާތްތެރި ދެ ފަނޑިޔާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަނޑިޔާރުކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް އެ ދެ ބޭފުޅުން ކުރެއްވި ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ. އެ ފަދަ ގާނޫނީ އަސާސެއް ނުވަތަ ހުއްޖަތެއް ވެސް މިހާތަނަށް ދެއްކިފައެއް ވެސް ނުވެއެވެ،" މުއިއްޒު ވިދާޅުވެފައިވެއެވެ.

އޭނާ ވަނީ އެ މައްސަލައިގައި މަޖިލީހުގައި ވޯޓު ނަގާއިރު ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި މެންބަރުން ކުރެއްވި ހުވައި މަތިން ހަނދުމަފުޅުކުރައްވައި، އަދުލުވެރިކަމާ އެކު ވޯޓުދެއްވަން ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ގާނޫނުއަސާސީގައި 75 ވަނަ މާއްދާގައި ބުނަނީ:

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ،" މި ފަދައިންނެވެ.

ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލަ ބަލަން ފެށިތަނާއެވެ. އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ފަށަން 15 މިނެޓަށްވެފައި އޮއްވައެވެ.

https://sun.mv/205973

އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސޫއުދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އަނެއް ދެ ފަނޑިޔާރުން ކަމަށްވާ މަހާޒާއި އަޒްމިރަލްދާ މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ ތަޅުމުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ޖޭއެސްސީން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައެވެ. ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ވެސް ވަނީ އެ ފުރުސަތު ނުދޭން ނިންމައިފައެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

comment ކޮމެންޓް