އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުން ސިނާ ޖާގަހޯދީ، ފަހު 16 ކުޅުންތެރިންގެ ބުރުގައި މިމުބާރާތުގައި 17 ވަނައަށް ސީޑު ކުރެވިފައިވާ އާޖެންޓީނާގެ ފްރަންސިސްކޯ ސެރުންޑޮލޯއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ.
މިމެޗު ސިނާ ސީދާ ދެސެޓުން ކާމިޔާބު ކުރި ނަމަވެސް މިސީޒަންގައި ކްލޭ ކޯޓުގައި މޮޅު ކުޅުމެއް ދައްކަމުންދާ ސެރުންޑޮލޯ އާއި ބައްދަލުކުރި ކުރުން އެހާ ފަސޭހަ މެޗަކަށް ނުވިއެވެ. މިގޮތުން މިމެޗުގެ ފުރަތަމަ ސެޓު ވަނީ ޓައި ބްރޭކަކަށްވެސް ގޮސްފައެވެ. މި ޓައި ބްރޭކް ސިނާ ކާމިޔާބު ކޮށްފައިވަނީ ހަތެއް ދެއަކުންނެވެ. މިމެޗުގެ ދެވަނަ ސެޓު ވަރަށް ވާދަވެރިކޮށް ފެށި ނަމަވެސް ތިންވަނަ ގޭމުން ފެށިގެން ސިނާ ވަނީ ސެރުންޑޮލޯގެ ސާވް ދެފަހަރެއްގެ މަތިން ބްރޭކް ކޮށް ފަހެއް އެކެއްގެ ލީޑެއް ނަގައިފައެވެ.
ނަމަވެސް ސިނާ މެޗަށް ސާވް ކުރި ގޭމް އޭނާއަށް ކާމިޔާބު ނުކުރެވި ސެރުންޑޮލޯ ފަހަތުން އަރައި ފަހެއް ތިނަކަށް ގާތް ކުރިއެވެ. މިސެޓު ސިނާ ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަހޯދީީ ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.
އިޓާލިއަން އޯޕަންއަކީ ސިނާ ތިން މަސް ދުވަހުގެ ބޭން އަށް ފަހު ކުޅޭ ފުރަތަމަ މުބާރާތް ކަމުން އޭނާގެ ކިބައިން މެޗް ފިޓްނަސްގެ މައްސަލަ ފެންނަމުންދެއެވެ. ނަމަވެސް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އަދި މިހާތަނަށް ސެޓެއް ގެއްލިފައެއް ނުވެއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުންވަނީ މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވްވެސް ޖާގަހޯދައިފައެވެ. އޭނާ ކުއާޓާ ފައިނަލުން ޖާގަހޯދީ 13 ވަނައަށް ސީޑު ކުރެވިފައިވާ ފަރަންސޭސިވިލާތުގެ އާތާ ފިލްސް އާ ބައްދަލުކުރި މެޗު ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ތިނެެއް އަދި ދެވަނަ ސެޓު ހައެއް އެކަކުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލްގައި ޒުވަރޭވް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަށް ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ލޮރެންޒޯ މުސެޓީ އާއެވެ. މުސެޓީ ކުއާޓާ ފައިނަލުން ޖާގަހޯދީ 10 ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނިއެލް މެޑްވެޑޭވްއާ ބައްދަލުކުރި މެޗު ހަތެއް ފަހެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްގެންނެވެ.
މީގެއިތުރުން ތިންވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒްވެސް ވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އޭނާ ކުއާޓާ ފައިނަލުން ޖާގަހޯދީ 23 ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ކަރެން ހަޗަނޯވްއާ ބައްދަލުކުރި މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ތިނެއް ހައެއް އަދި ހަތެއް ފަހަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. ކުއާޓާ ފައިނަލްގައި އަލްކަރާޒް ވާދަކުރާނީ ފަރަންސޭސިވިލާތުގެ ކޮރެންޓިން މޮއުޓޭގެ މައްޗަށް ދެސެޓް އެއް ސެޓުން ކުރި ހޯދި މިމުބާރާތުގައި 5 ވަނައަށް ސީޑު ކޮށްފައިވާ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާ އާއެވެ.