އެތެރެއާއި ބޭރުގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ދެ ފަނޑިޔާރުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު--- ފޮޓޯ: ސުޕްރީމް ކޯޓް

ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް، ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ނިންމައި، ތަޅުމަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން ދެ ފަނޑިޔާރުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ. ތަޅުމުގައި ވަކިވަކިން ނެގި ވޯޓުގައި އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން 68 މެންބަރުން ވޯޓުދެއްވިއިރު ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. ދެކޮޅަށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ހިމެނިވަޑައިގަންނަވައެވެ.

އެހެންވެ، ސުޕްރީމް ކޯޓޫގެ ފަނޑިޔާރުކަމުން މަހާޒާއި އަޒްމިރަލްދާ ވަކިވިކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނުކުރައްވައިފައެވެ.

https://sun.mv/206009

ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލަ ބަލަން ފެށިތަނާއެވެ. އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ފަށަން 15 މިނެޓަށްވެފައި އޮއްވައެވެ.

އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސޫއުދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އަނެއް ދެ ފަނޑިޔާރުން ކަމަށްވާ މަހާޒާއި އަޒްމިރަލްދާ މަގާމުން ވަކިކުރަން ވަނީ ނިންމައިފައެވެ.

https://sun.mv/206005

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ޖޭއެސްސީން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައެވެ. ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ވެސް ވަނީ އެ ފުރުސަތު ނުދޭން ނިންމައިފައެވެ.

މަޖިލީހުގެ ތަޅުމުން ވެސް ވަނީ ކޮމިޓީން ނިންމި ގޮތަށް ދެ ފަނޑިޔާރުން ވަކިކޮށްފައެވެ.

https://sun.mv/206004

ފަނޑިޔާރުން ވަކިކުރަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތު ނުދޭ ކަމަށް ބުނެ ބޭރުގެ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭގެ ތެރޭގައި، އދ. އާއި ކޮމަންވެލްތު ވެސް ހިމެނެއެވެ.

ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލައެއް ބެލީ އަޒްމިރަލްދާގެ ފިރިކަލުން ޑޮކްޓަރު އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އެކަމަކު، އެ މައްސަލައިގައި މަހާޒް ދަށު ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލި ފަހުންކަން ޖޭއެސްސީގެ ރިޕޯޓުން ވެސް އެނގެއެވެ.

މަޖިލީހުން ދެ ފަނޑިޔާރުން ވަކިކުރީ އެމްޑީޕީން އެ ކަމާ ދެކޮޅަށް އިހުތިޖާޖުކުރަމުން އަންނަނިކޮށެވެ.

comment ކޮމެންޓް