ސިނގިރޭޓު ފޮށްޓެއް މަޑިދަށުން ވަގަށް ނެގި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

ސިނގިރޭޓު ފޮށްޓެއް މަޑިދަށުން ވަގަށް ނެގި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދި، ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނުގައި ވަނީ، ވީޑިއޯއިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ސައިކަލެއްގެ މަޑިދަށުން ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ ރީނދޫ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރި ފިރިހެނެކެވެ.

އޭނާ ހިނގާފައި އައިސް، ޕާކުކޮށްފައި ހުރި ކަޅު ކުލައިގެ ސައިކަލެއްގެ މަޑި ދަށުން އެއްޗެއް ނަގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ސިނގިރޭޓު ފޮށްޓެކެވެ. ސިނގިރޭޓު ފޮށި ހުޅުވައި ބެލުމަށް ފަހު އޭނާ އަނެއްކާވެސް މަޑިދަށަށް އަތްލައި، ނަގަނީ ނޫ ކުލައިގެ ކޮތަޅެކެވެ. އެ ކޮތަޅުގައި ހުރި އެއްޗެއް ސާފެއްނުވެއެވެ.

އެއަށްފަހު ސިނގިރޭޓު ފޮށްޓާއި ކޮތަޅު ހިފައިގެން އޭނާ ދަނީއެވެ.

ފުލުހުން ވަނީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތެއް މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

ސައިކަލުގެ މަޑިދަށުގައި ބަހައްޓާފައި ހުންނަ ތަކެތި، ފައިސާއާއި އެހެނިހެން މުދާ ހިމެނޭ ގޮތަށް، ވަގަށް ނެގުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފުލުހުން ބަލައިފައިވެއެވެ. އެހެންވެ، އަގު ބޮޑު ތަކެތި މަޑިދަށުގައި ބަހައްޓާފައި ނުދިޔުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް