މިއަދު މާލެއަށް ގާތްކުރި ކްރޫޒްލައިނާ، އެމްއެސް 'އެއިޑާސްޓެއްލާ'އިން 2،650 ފަތުރުވެރިންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.
އިމިގްރޭޝަނުން ބުނީ، ސްރީލަންކާގެ ކޮލޮމްބޯއިން ފުރައިގެން އައިސް އެ ކްރޫޒްލައިނާ މާލެއަށް ލެފީ މިއަދު ކަމަށެވެ. އެއާއެކު އިމިގްރޭޝަނުގެ ސީޕޯޓު އޮފިސަރުން ވަނީ އެ ކްރޫޒްލައިނާއިން އައި 2،650 ފަތުރުވެރިންނަށް ކްލިއަރެންސް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2،022 ފަސިންޖަރުންނާއި 628 ކްރޫއިން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި އަހަރުގެ ތެރޭގައި ހަތަރު ކްރޫޒްލައިނާއެއްވަނީ މާލެ އައިސްފައެވެ. އެއީ އެމްއެސް ނޯވީޖިއަން، އެމްއެސް ރިވިއޭރާ، އެމްއެސް އިންސިގްނިއާ އަދި އެމްއެސް އެއިޑާސްޓެއްލާއެވެ. މި ހަތަރު ކްރޫޒްލައިނާއިން ޖުމްލަ 8،200އަށްވުރެ ގިނަ ފަތުރުވެރިންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ.
އިއްޔެގެ ނިޔަލަށް، މި އަހަރު ތެރޭގައި 897،444 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރަށްވުރެ 8.1 އިންސައްތަ ވަނީ ކުރިއަރައިފައެވެ.
މިދިޔަ އަހަރު ވަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.