ފަނޑިޔާރުން ވަކިކުރި މައްސަލައިގެ ކަންބޮޑުވުން އެމްޑީޕީން ޔޫރަޕިއަން ޕާލިމެންޓާ ހިއްސާކޮށްފި

ފަނޑިޔާރުން ވަކިކުރި މައްސަލަ އެމްޑީޕީން ޔޫރަޕިއަން ޕާލިމެންޓާވަނީ ހިއްސާކޮށްފައި -- ފޮޓޯ/ ޝާހިދު

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މިއަދު މަގާމުން ވަކިކުރުމާ ގުޅުން ހުރި ކަންބޮޑުވުންތައް އިދިކޮޅު އެމްޑީޕީން ޔޫރަޕިއަން ޕާލަމަންޓާ ހިއްސާކޮށްފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން މިއަދު ދެ ފަނޑިޔާރުން ވަކިކުރީ ރާއްޖޭގެ ޝަރުއީ ދާއިރާއިން ބޭރުގެ އިދާރާތަކުން ވެސް އެ މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެގޮތުން އެ މައްސަލައިގައި ދިވެހި ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ކަންކަމަށް ރިއާޔަތްނުކޮށް މަހާޒާއި އަޒްމިރަލްދާ ވަކިނުކުރުމަށް ބޭރުގެ ދެ ޝަރުއީ އިދާރާއަކުން އެިދިފައިވެއެވެ.

އެހެންނަމަވެސް، އެ ކަންބޮޑުވުންތައް އޮއްވައި މަޖިލީހުގެ 68 މެންބަރުންގެ ވޯޓުން ދެ ފަނޑިޔާރުން ވެސް ވަކިކުރީއެވެ.

ފަނޑިޔާރުން ވަކިކުރުމުގެ އެކި މަރުހަލާތަކުގައި ފާޑު ކިޔައިފައިވާ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ މިއަދު އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާ ސާބަން ޑިމިޓްރީ ސްޓުރްޒްޑާ އާ ބައްދަލުކުރައްވައި، ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. ޝާހިދުގެ އަރިހުގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ބައިވެރިވެވަޑައިގަތެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި އޮތް މި ބައްދަލުވުމުގައި ޝަރުއީ ދާއިރާގެ ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ މަސްރަހުގައި ހުރި އެހެނިހެން ކަންކަމާ ބެހޭ މައުލޫމާތު ވެސް އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ވަފުދާ ހިއްސާކުރެއްވިއެވެ.

ޝާހިދު ބްރަސަލްސްއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އީޔޫގެ އެހެން އިސްވެރިންނާ ވެސް ބައްދަލުކުރައްވާނެއެވެ. ބްރަސަލްސްއަށް ވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ ލަންޑަނުގައި އިނގިރޭސި ޕާލަމަންޓުގެ ބައެއް ބޭފުޅުންނާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ވެސް ބައްދަލުކުރައްވާފައެވެ.

އެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ކަންބޮޑުވުންތައް ޝާހިދު ހިއްސާ ކުރެއްވިއެވެ.

https://sun.mv/205930

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް ޖޭއެސްސީއަށް އެންގި ޖިނާއި މައްސަލައަކާ ގުޅިގެން އަޒްމިރަލްދާއާއި މަހާޒާއެކު ހުސްނުއްސުއޫދު، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަސްޕެންޑުކުރިއެވެ. އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ވެސް ބަލާ ކަމަށް ފަހުން ޖޭއެސްސީން ބުނެފައިވާއިރު، ސަސްޕެންޑުކުރިތާ މާގިނަ ދުވަހެއް ނުވެ ސުއޫދު އިސްތިއުފާ ދެއްވިއެވެ.

އެ މައްސަލަ ބަލަން ޖޭއެސްސީން ސިއްރުކޮށްގެން އަޑުއެހުންތަކެއް ބޭއްވުމަށްފަހު ފާސްކުރީ އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމަށެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން، ޖޭއެސްސީން ނިންމި ގޮތް ރަނގަޅު ކަމަށް އެ ކޮމިޓީން ވެސް ނިންމިއެވެ. އެއީ މަހާޒާއި އަޒްމިރަލްދާ ޖަވާބުދާރީވާން ފުރުސަތަށް އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތު ނުދީ، ސިއްރުކޮށްގެން ގެންދިޔަ ބައްދަލުވުމެއްގައެވެ.

އެ މައްސަލަ ތަޅުމަށް ފޮނުވުމާއެކު، ވެރިކަން ކުރާާ ޕީއެންސީގެ ސުޕަމެޖޯރިޓީން ވަނީ ފަނޑިޔާރުން ވަކިކުރަން ބޭނުންވާ ތިންބައިކުޅަ އެއްބައި ވޯޓު މިއަދު ހަމަކޮށް، ދެ ފަނޑިޔާރުން ވަކިކޮށްފައެވެ.

comment ކޮމެންޓް