ރާއްޖޭގައި ފުރަތަމަ ފަހަރަށް, އެންމެ ޒަމާނީ ކާރު ބްރޭޑްތަކުގެ ތެރޭގައި ހިމެނޭ ޓެސްލާ ކާރެއްގައި ޓެކްސީ ކުރަން ފަށައިފިއެވެ.
މާލެ ސަރަހައްދުގައި "އަވަސް ރައިޑް" އެޕް މެދުވެރިކޮށް ޓެސްލާގައި ޓެކްސީ ކުރަން ފަށާފައިވަނީ, އެ ދާއިރާގައި 25 އަކަށް އަހަރު ވަންދެން މަސައްކަތް ކުރަމުން އަންނަ, ހއ. ތަކަންދުއަށް އުފަން އަލީ ޒަމީރެވެ.
އޭނާ މިއަދު ޓެކްސީ ބޯޑުގައި ޓެކްސީ ކުރަން ފެށީ ޓެސްލާގެ "މޮޑެލް3"ގެ ކާރެއްގައެވެ. މި ކާރަކީ ތިމާވެއްޓާއި ރައްޓެހި، އެންމެ ޒަމާނީ އިލެކްޓްރިކް ކާރެކެވެ. ކާރު ދުއްވާފައިދާއިރު އަޑު މަޑުވެފައި, ޝީޓްތައް ވެސް އަރާމުވާނެއެވެ. އަދި، ޓެކްސީގެ އެތެރޭގައި ތިބޭއިރު, މަތި އޮންނަނީ ރީތިކޮށް ފެންނާށެވެ. އެއީ، ކާރުގެ ރޫފް ހަދާފައި ހުންނަނީ ބިއްލޫރިން ކަމަށްވާތީއެވެ. މި ކާރަކީ ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ މިސާލެކެވެ.
މި ކާރުގައި ޓެކްސީ ކުރާ އަލީ "ސަން"އަށް ބުނީ، މި އެންމެ ޒަމާނީ ރީތި ކާރުގައި ވެސް ޓެކްސީ ކޮށްދެނީ ހަމަ ސަރުކާރުގެ ރޭޓްގައި ކަމަށެވެ. އެގޮތުން، އަވަސް ރައިޑުން މި ކާރަށް އެދެވޭނެ ކަމަށް އޭނާ ބުންޏެވެ.
އަދި، ކުރިއާލާ ބުކިން ހައްދައިގެން ޓެކްސީ ކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށާއި އެކަން ދެ ފަރާތުން އެއްބަސްވާ އަގަކަށް ކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ.
ޓެސްލާ ކާރު 'މޮޑެލް3' އަކީ 42,490 ޑޮލަރު (654,770 ރުފިޔާ)އިން އަގު ފެށޭ ކާރެކެވެ. ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ޓެސްލާ ކާރުތަކުގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އެޕުން ކޮންޓްރޯލްކޮށް، އޮޓޯޕައިލެޓްގައި ދުއްވުން ހިމެނެއެވެ.
ޓެސްލާގައި ޓެކްސީ ކުރުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެހާ އާއްމު ކަމެއް ނޫނެވެ. އާއްމުކޮށް އެކަން ކޮށް އުޅެނީ ދުބާއީފަދަ ވަރަށް މުއްސަނދި ސިޓީތަކުގައެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ, އީލޯން މަސްކުގެ އުފެއްދުމެއް ކަމަށްވާ ޓެސްލާއަކީ ވަރަށް ތަނަވަސް މީހުން ދުއްވާ ވަރަށް ލަގްޒަރީ ބްރޭންޑެކެވެ.