ދަންވަރު ބޭއްވި ލާމަރުކަޒީ ކޮމިޓީން ނިންމި ގޮތަށް ދައުރުގައި ބާކީ 18 މަސް ދުވަސް ނުވަތަ 548 ދުވަސް އޮތް ނަމަ ކައުންސިލްތަކުގެ ބައި-އިލެކްޝަން ނުބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ވެސް މިއަދު ފާސްކޮށްފިއެވެ.
އަންގާރަ ދުވަހު ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގެ މަސައްކަތް ކޮމިޓީން ނިންމީ ރޭ ދަންވަރެވެ. ކޮމިޓީ ބައްދަލުވުން ބޭއްވީ ރޭ 12:30 ގައެވެ.
އެއަށް ފަހު ބިލު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ވޯޓަށް އަހައިފައެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާ އެކު ދައުރުގައި ބާކީ 548 ދުވަސް އޮތް ނަމަ ކައުންސިލްތަކުގެ ބައި-އިލެކްޝަން ނުބާއްވަން ވަނީ ފާސްކޮށްފައެވެ. އެ ބިލާ ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.
މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތަްތައް އިތުރުވުމާއި ތަކުރާރުކޮށް ގިނަ އަދަދެއްގެ ބައި-އިލެކްޝަންތައް ބާއްވަން ޖެހުމެވެ. އެހެންވެ، އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އިސްލާހުގައިވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ. ކުރިން އޮތް ގޮތަށް ދައުރުގައި ބާކީ އަހަރަކަށް ވުރެ ގިނަ ދުވަސް އޮތް ނަމަ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ގޮތުން، ޚަރަދު ކުޑަކުރާކަމަށް ސަރުކާރުން ބުނާއިރު ކައުންސިލްތައް ބާރުވެރިކުރުވުމުގެ ނަމުގައި ލޯކަލް ގަވަމަންޓް މިނިސްޓްރީއެއް އުފައްދައި އެތައް ސިޔާސީ މުވައްޒަފުންނެއް ލައްވާފައިވާ ކަމަށް އެމްޑީޕީ މެންބަރުން ފާހަގަކުރިއެވެ. އެހެންވެ، ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް ޚަރަދު ކުޑަކުރަން އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ އަހަރު މޭ މަހަށް ހަމަވާނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމަވައި، ކައުންސިލަރުންގެ އަދަދު މަދުކުރަން ވެސް ނިންމަވައިފައެވެ. އެ ބަދަލުތައް ގެންނަން މެންބަރުންގެ އެއްބާރުލެއްވުމަށް ރައީސް މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.