އީރާނާ އެކު އަސްކަރީ ކުރިމަތިލުމަކަށް ދާން އެއްވެސް ވަރަކަށް ބޭނުމެއް ނޫން: ޓްރަމްޕް

ޓްރަމްޕް އަދި ގަތަރުގެ އަމީރު ޝައިޚް ތަމީމް

ދައުޙާ (15 މެއި 2025) : އީރާނާ އެކު އަސްކަރީ ކުރިމަތިލުމަކަށް ދާން އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށާއި އީރާނާއެކު ނިއުކްލިޔާ އެއްބަސްވުމަކަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިހާރު ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ގަލްފުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ގަތަރުގައި މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ އީރާން ނިއުކްލިޔާ ހަތިޔާރުގެ ބާރަކަށް ނުވާނަމަ އީރާނާ ދުޝްމަންވާކަށް އަދި ބިރުދައްކާކަށް ވެސް އޭނާގެ ސަރުކާރު ބޭނުމެއް ނުވެއެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި ނިއުކްލިޔާ ހަތިޔާރާ ނުލައި އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ބޮޑު އަދި ބިޔަ ދައުލަތެއްގެ ގޮތުގައި އީރާން ފާޅުވުމަކީ އެމެރިކާއަށް ރަނގަޅު ކަމެކެވެ. އީރާނަކީ ރިސޯސްފުލް އާބާދީ ބޮޑު އަދި ޓެކްނޮލޮޖީގައި ކުރިޔަށް ގޮސްފައިވާ ގައުމަކަށްވާތީ ނިއުކްލިޔާ ހަތިޔާރާ ނުލައި އިގްތިސާދީ ބާރަކަށް އީރާން ވެއްޖެނަމަ ވިޔަފާރީގެ ގޮތުން އެމެރިކާއަށް އެކަމުން ފައިދާ ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާން ވަނީ އެ ގައުމާ ދެކޮޅަށް އެމެރިކާ އަޅާފައިވާ އިގްތިސާދީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލާނަމަ ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ (އެކަން ބަލައި މޮނިޓަރ ކުރެވޭގޮތަށް) އެމެރިކާ އަށް ދޭން ތައްޔާރަށް އޮތްކަން ކުރިންވެސް ހާމަކޮށްފައެވެ.

ނަމަވެސް ނިއުކްލިޔާ މަދަނީ ބާރުވެރިކަމާއި ނިއުކްލިޔާ އެންމެ ހައްސާސް ޓެކްނޮލޮޖީ ކަމަށްވާ ޔޫރޭނިޔަމް ފައްކާ ކުރުމުގެ ހައްގު ދޫކޮށް ނުލާނެކަމުގައެވެ. އެއީ އީރާން ހުރަސް ނުކުރާނެ ރަތްރޮނގު ކަމުގައެވެ.

ޔޫރޭނިޔަމް ފައްކާކުރުން ތިން އިންސައްތައަށް ވުރެ ދަށުގައި ބޭއްވުމަކީ ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ގެރެންޓީ ލިބޭނެ މިންވަރެކެވެ. އަދި އެއީ މަދަނީ ހުރިހާ ކަމަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ވެސް މިންވަރެކެވެ.

މީގެ ކުރިން 2015 ވަނަ އަހަރުވެސް އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުން ބިނާކުރީ ތިން އިންސައްތައަށް ވުރެ މަތި ނުކުރާގޮތަށް ޔޫރޭނިޔަމް ފައްކާ ކުރުމުގެ ފުރުސަތު އީރާނަށް ދޭ ގޮތަށެވެ.

ފުރަތަމަ ދައުރުގައި ޓްރަމްޕް ވެރިކަމަށް އައިސް އެ އެއްބަސްވުން އުވާލީ އެއަށްވުރެ ހަރުކަށި އަދި އީރާނުގެ މަދަނީ ނިއުކްލިޔާ ހައްގުތައް ގެއްލޭ އެއްބަސްވުމަކަށް ބިރު ދައްކައިގެން އީރާން ގެންދެވޭނެކަމުގެ އުންމީދުގައެވެ. ޓްރަމްޕް އެ އެއްބަސްވުން އުވާލި މައިގަނޑު ސަބަބަކީ އިސްރާއީލުގެ ޕްރެޝަރުތަކެވެ.

ނަމަވެސް އެކަމުގެ ރައްދެއްގެ ގޮތުން އީރާންވަނީ ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 60 އިންސައްތައަށް މަތިކޮށް އެމެރިކާއަށް ގޮންޖަހާފައެވެ. އީރާނުގެ ނިއުކްލިޔާ ހައްގުތަކުގެ ދިފާއުގައި ހަނގުރާ ކުރަން ތައްޔާރަށް އޮތްކަމާއި އެކަން ކުރާނެކަމުގެ ހަރުކަށި މެސެޖް މިހާރު އެމެރިކާއާއެކު ދައްކާ ވާހަކަތަކުގައި ތަކުރާރުކޮށް އީރާންވަނީ އެމެރިކާއަށް ދީފައެވެ. މި ހައްގުތަކަކީ މަދަނީ ނިއުކްލިޔާ ހައްގާއި ދަށް ޕަސެންޓަކަށް ނަމަވެސް ޔޫރޭނިޔަމް ފައްކާ ކުރުމުގެ ހައްގެވެ.

އިސްރާއީލު ބޭނުންވަނީ އީރާނުގެ މުޅި ނިއުކްލިޔާ ޕްރޮގްރާމް (ރިއެކްޓަރު ތަކާއި ލެބޯޓްރީ ތަކާއި ރިސާޗް ސެންޓަރުތަކާއި ސެންޓްރިފިއުޖް މެޝިންތައްފަދަ ހުރިހާ އެއްޗެއް) ރޫޅާލައި އޭގެ ބައިތައް އެމެރިކާއާ ހަވާލުކުރުމަށެވެ. އީރާންވަނީ މިއީ އެގައުމު ހުރަސް ނުކުރާނެ ރަތްރޮނގުކަމާއި މިކަން ގަދަބާރުން ކުރަން އުޅެފިނަމަ ހަނގުރާމަ ނޫންގޮތެއް ނޯންނާނެކަމުގެ އިންޒާރު ތަކުރާރުކޮށް އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް ދީފައެވެ.

އީރާނާ ހަނގުރާމަ ކޮށްގެން ކާމިޔާބެއް ހޯދުމަކީ އެމެރިކާއަށް ކުރެވޭނެކަމެއް ނޫންކަން މިހާރުވަނީ ވަރަށް ސާފުވެފައެވެ. އީރާނުގެ މަދަދު ލިބޭ ޔަަމަންގެ ހޫޘީންނާއެކު އެމެރިކާ މަޖުބޫރު ވެގެން ހެދި އަސްކަރީ ޑީލުންވެސް މިކަންވަނީ ހާމަވެފައެވެ.

ޓްރަމްޕް ވިދާޅުވީ އީރާނާއެކު ނިއުކްލިޔާ އެއްބަސްވުމަކަށް ވަރަށް އަވަހަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިހާރު ލިބިފައިވާ ކަމަށާއި އެއްބަސްވުން ލަސްކުރަން ބޭނުންނުވާ ކަމުގައެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ އިސްރާއީލަށް ވަފާތެރި ފަރާތްތައް މިކަން ޚަރާބުކޮށްލަން ކުރާ މަސައްކަތްތައް ހުއްޓައެއް ނުލާނެއެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވެއްޖެނަމަ ސަރަހައްދުގެ އިގްތިސާދީ އެންމެ ބޮޑު ބާރުގެ ގޮތުގައި މަދު އަހަރުތަކެއްގެ ތެރޭގައި އީރާން ނުކުންނާނެކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. އެއީ އީރާނަކީ ގަލްފުގެ ގައުމުތަކާ ޚިލާފަށް އާބާދީ ބޮޑު އަދި އަމިއްލައަށް މަސައްކަތްކުރާ ހުނަރުވެރި ވޯކްފޯސް އެއް އޮތް ގައުމަކަށް ވެފައި ގަލްފުގެ ގައުމުތަކަށްވުރެ ވެސް ގުދްރަތީ ގޮތުން ރިސޯސްފުލް ގައުމަކަށް އީރާން ވާތީއެވެ.

comment ކޮމެންޓް