ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: 500އަށް ވުރެ ގިނަ ކުޅުންތެރިންނާއެކު މިރޭ ފަށަނީ

ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށާނެ -- ފޮޓޯ/ ދިރާގު

ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ، ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއީ، 2013 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓްސް ޔުނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތެވެ. މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލް ހުނަރު ތަރައްގީކޮށް ކުޅުންތެރިން ބިނާކުރުމަށް އެހީތެރިވެދިނުމެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ 27 ޓީމުން ބައިވެރިވެ، 500އަށް ވުރެ ގިނަ ކުޅުންތެރިން ފެންނާނެއެވެ. މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދާނީ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި ސަޕޯޓަރުންނަށް ޚާއްސަކޮށްގެން ދިރާގުން ވަނީ ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފައެވެ. މިގޮތުން، ދިރާގު ކަސްޓަމަރުންނަށް ޕީއެސް5އެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

މީގެ އިތުރުން، މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހަކު ދަރިވަރުންނަށް ޚާއްސަ އޮފާތަކެއް ދިނުމަށް ވެސް ދިރާގުން ވަނީ ކަނޑައަޅައިފައެވެ.

ދިރާގަކީ، ރާއްޖޭގައި ފުޓްސަލް ފަދަ މަގުބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް