ހުޅުމާލެ ކާރު ޕާކިން ޖާގަތައް "އަމިއްލަކުރާ" މައްސަލަ ބޮޑުވެއްޖެ

ހުޅުމާލެ ކާރު ޕާކިން ޒޯނެއްގައި ސައިކަލުތަކެއް ބަހައްޓައި ޖާގަ އަމިއްލަކޮށްފައި -- ސަން ފޮޓޯ

ހުޅުމާލޭގެ މަގުތަކުގައި ކާރު ޕާކުކުރަން ޚާއްސަކޮށްފައި ހުންނަ ޖާގަތައް ބައެއް މީހުން "އަމިއްލަ"ކުރާ މައްސަަލަ ބޮޑުވެ ޝަކުވާތައް އިތުރުވެއްޖެއެވެ.

ހުޅުމާލޭގައި ކާރު ޕާކު ކުރަން ޚާއްސަކޮށް މަގުގެ އަރިމަތީގައި އެތެރެއަށް ވާ ގޮތަށް ޖާގަތައް ހުރެއެވެ. މިފަދަ ޖާގަތަކަކީ އާންމުކޮށް އެ ޕާކިންއެއް ކައިރި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށް ހުންނަ ތަންތަނެވެ.

ނަމަވެސް މި ފަދައިން ހުންނަ ގިނަ ކާރު ޕާކިން ޖާގަތައް އަމިއްލަކޮށް ޖާގަ ރައްކާކުރުމުގެ ގޮތުން ކާރު ނެގުމަށްފަހު ސައިކަލު ބަހައްޓައި، ޖާގަ އަމިއްލަކޮށްފައި ހުރުން ވަނީ އިތުުރުވެފައެވެ. އެހެންވެ އެ ކަމުގެ ޝަކުވާ ވެސް ބައެއް ރައްޔިތުން އަންނަނީ ކުރަމުންނެވެ.

މި ކަމާ ގުޅިގެން، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އާންމު އެ ފަދަ ޖާގަތައް ހިފައި އަމިއްލަކޮށްފައި ހުންނަކަމުގެ މައްސަލަ މިފަހުން ފާހަގަވެފައިވާ ކަމަށެވެ.

ހުޅުމާލެ ކާރު ޕާކިން ޒޯނެއްގައި ސައިކަލެއް ބަހައްޓައި ޖާގަ އަމިއްލަކޮށްފައި -- ސަން ފޮޓޯ

ނަމަވެސް އެއީ ވަކި މީހަކަށް ކުއްޔަށްދީފައި، ނުވަތަ ވިއްކައިފައި ހުންނަ ޖާގަތަކެއް ނޫންކަމަށާއި އެ ތަންތަން އެހެން މީހުންނަށް ބޭނުން ނުކުރެވޭހެން ހިފައިފައި ހުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެން އަމަލުނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މި މައްސަަލަ ބައެއް އާންމުން ވަނީ ތަކުރާރުކޮށް ފުލުހުންނަށް ވެސް ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކޮށްފައި ނެތްކަމަށް "ސަން"އާ ވާހަކަދެއްކި އާންމު ރައްޔިތަކު ބުންޏެވެ.

"ތަކުރާރުކޮށް އަޅުގަނޑު ފުލުހަށް ރިޕޯޓުކުރިން. އަޅުގަނޑަށް އެނގޭ އެކުވެރި އިސްވެރިންނަށް ވެސް އެ ކަންކަން ދައްކައި ހެދިން. އެކަަމަކު ވެސް މިކަން ހައްލު ނުވެ،" އޭނާ ބުންޏެވެ.

ހުޅުމާލެ ކާރު ޕާކިން ޒޯނެއްގައި ސައިކަލެއް ބަހައްޓައި ޖާގަ އަމިއްލަކޮށްފައި -- ސަން ފޮޓޯ

ހުޅުމާލޭގައި ކާރާއި، ސައިކަލް އިތުރުވެ، ޚާއްސަ ގޮތެއްގައި، ކާރު ޕާކިން މައްސަލަ ބޮޑުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަގެއްގައި ކަހަލަ ގޮތަކަށް ކާރުތައް ދެފަރާތުގައި ޕާކުކޮށް ދެ ފަރާތުގެ އެއްލޭނު އެކީގައިހެން ވަނީ މުޅިން ފުރައިލައިފައެވެ.

ފޭސް އެކެއްގެ މަގުތަކުގައި ވެސް ދެ ކޮޅަށް ދުއްވާ މަގުތަކުގައި އެއް ލޭނު ބޭނުން ކުރަނީ ޕާކުކުރުމަށެވެ.

މި ފަދަ ކަންކަން ހައްލުކުރުމަށް އެދެވޭ މަސައްކަތެއް ވެސް މިހާތަނަށް ކުުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް