ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާގެ ތަޖުރިބާއާ ގާތްކުރާ ވަރުގެ މެންބަރެއް ވެސް ރައްޔިތުންގެ މަޖިލީހުގައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޔާމީން އެފަދައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަގާމުން ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަކިކުރުމުގެ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފިލްޒާ ދެއްވި ލަފައާ ގުޅިގެންނެވެ.
ފިލްޒާގެ ލަފާގައި ވަނީ، ޖޭއެސްސީން ޖޭއެސްސީން ތަހުގީގުކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށެވެ.
އެހެންކަމުން ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ފިލްޒާ ވަނީ ލަފާދެއްވައިފައެވެ.
އެ ލަފާ ގޯސްކަމަށް ވިދާޅުވެ ޖޭއެސްސީގެ ރައީސް، އަދި ޕީއެންސީއަށް ނިސްބަތްވާ ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވަނީ ކައުންސެލް ޖެނެރަލް ލަފާ ދެއްވުމުގައި ރަނގަޅު ގޮތަށް ލަފާ ދެއްވައި ޒިންމާދާރު ވުމަށް ގޮވައިލައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު--- ފޮޓޯ: ސުޕްރީމް ކޯޓް
ރައީސް ޔާމީންގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ، ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައި، މަޖިލީހުން އަމަލުކުރި ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ މައްސަލައިގައި ފިލްޒާ ދެއްވި ލަފާ ހަރުދަނާ ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ޕީއެންސީގެ މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޒާ އާދަމް ވިދާޅުވިއިރު، އޭގެ ސަބަބެއް ވެސް ރިޒާއަށް ވިދާޅުވެނުދެއްވުނު ކަމަށެވެ.
އަދި މުޅި މަޖިލީހުގައި ވެސް ފިލްޒާ ވަރުގެ ބޭފުޅަކު ނެތް ކަމަށް ވިދާޅުވެ ޔާމީން ވަނީ ފިލްޒާއަށް ތައުރީފުކުރައްވައިފައެވެ.
"ފިލްޒާއާ ގާތްކުރާވަރުގެ މެންބަރުން ވެސް މަޖިލީހަކު ނެތް،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ސުޕްރިމް ކޯޓުގައި ދުސްތޫރީ އަދި ހައްސާސީ މައްސަލައެއް ބަލަމުންދަނިކޮށް ދުވަހަކު ވެސް މީގެ ކުރިން ގައުމުގައި ވެރިކަން ކުރި ރައީސަކު، ފަނޑިޔާރުން ''އުކައިލާފައެއް'' ނެތް ކަމަށެވެ.
"ގަންނާކުރެއްވި ބިރުން އެކަން [ފަނޑިޔާރުން ވަކިކުރީ] އެކުރީ،" ޔާމީން ވިދާޅުވިއެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެގޮތަށް އަމަލުކުރިއިރު، އެ ދުވަހު މަޖިލީހުގައި އެ މެންބަރުން ދިފާއުގައި ދެއްކެވި ވާހަކަތަކަށް ވެސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން އެ މެންބަރުންނަށް އެ ދުވަހު ހަމައެކަނި ދެއްކުނު ބަހަނާއަކީ 'އެމްޑީޕީން އަމަލުކުރި' ގޮތްކަން ކަމަށް ޔާމީން ވިދާޅުވިއެވެ.
"އެމްޑީޕީން ވެސް އަމަލުކުރީ އެހެނޭ އެހެންވީމަ ތިމަންނާމެން އެކަން ކުރީމާ ގޯސްވީއޭ،" ފާޑުވިދާޅުވެ ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ޗެލެންޖުކުރައްވާފައި --- ފޮޓޯ/ ޗެނަލް13
ޔާމީން ވިދާޅުވީ މަޖިލީހުގައި ތިއްބަވާ ސަރުކާރުގެ ހުރިހާ މެންބަރުން ތިލަފަތުގެ އެއްކޮޅަށް ލައި، ތިލަފަތުގެ އަނެއް ކޮޅަށް ފަނޑިޔާރުކަމުން ވަކިކުރި މަހާޒު ނޫނީ އަޒްމިރަލްދާ އެކަނި ލިޔަސް، ބަރުވާނީ އެ ދެ ބޭފުޅުންގެ ކޮޅު ކަމަށެވެ.
އެއާއެކު އެ މަނިކުފާނު ވަނީ ސުޕްރިމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުންދާ ވަގުތު، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގޮތެއް ނުހެދޭނެ ގޮތަށް ގާނޫނޫއަސާސީއަށް ބަދަލުގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
އަޒްމިރަލްދާއާއި، މަހާޒު ފަނޑިޔާރުކަމުން ވަކިކުރީ، މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ޖޭއެސްސީން ވަނީ ކުއްލި ގޮތަކަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، އަޒްމިރަލްދާއާއި، މަހާޒު ސަސްޕެންޑުކުރަން ނިންމައިފައި -- ފޮޓޯ: ރައީސް އޮފީސް
ތަޅުމުގައި އެ ދުވަހު ވަކިވަކިން ނެގި ވޯޓުގައި އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން 68 މެންބަރުން ވޯޓުދެއްވިއިރު ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. ދެކޮޅަށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ހިމެނިވަޑައިގަންނަވައެވެ.
ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލަ ބަލަން ފެށިތަނާއެވެ.
އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ފަށަން 15 މިނެޓަށްވެފައި އޮއްވައެވެ.
އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސޫއުދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ.
އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައެވެ. ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ވެސް ވަނީ އެ ފުރުސަތު ނުދޭން ނިންމައިފައެވެ.
މަޖިލީހުގެ ތަޅުމުން ވެސް ވަނީ ކޮމިޓީން ނިންމި ގޮތަށް ދެ ފަނޑިޔާރުން ވަކިކޮށްފައެވެ.