ރާއްޖޭގެ އުތުރުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށައި، ދިވެހި ފުރަތަމަ ފަސިންޖަރުން މިއަދު ދަތުރުކޮށްފިއެވެ.
މޯލްޑިވިއަނުން މިހާރު ވެސް ބެންގަލޫރަށް ދަތުރުތައް ކުރެއެވެ. ނަމަވެސް އުތުރުން ސީދާ ބެންގަލޫރަށް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ.
މޯލްޑިވިއަނުން މިއަދު ވަނީ އެކަން ފާހަގަކޮށްފައެވެ.
އެގޮތުން ހަނިމާދޫއިން ބެންގަލޫރަށް ދަތުރުކުރި ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި މިއީ އުތުރު ސަރަޙައްދުން ބައިނަލްއަގްވާމީ ކަނެކްޓިވިޓީ އިތުރުކުރުމަށް މުހިންމު ފިޔަވަޅެކެވެ.
ބައިނަލްއަގުވާމީ ގޮތުން މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅުވާލުމަށް މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބެންގަލޫރަށް ފަށާ ފްލައިޓްތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް އެންމެ ކަމުދާނެ ދަތުރުތައް ޚިޔާރު ކުރުމުގެ ފުރުސަތު ފުޅާވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މިއަހަރު އިތުރު ހަތް މަންޒިލަކަށް ދަތުރުތައް ފަށަން މޯލްޑިވިއަނުން ނިންމާފައިވާއިރު، ޗައިނާގެ ތިން ސިޓީގެ އިތުރުން، ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީއެއް ހިމެނެއެވެ. އޭގެ ތެރެއިން ޗައިނާގެ ޗެންގްޑޫއިން ވަނީ ޖެނުއަރީ 21، 2025ގައި ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ.
މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާއަށް ދަތުރުކުރިއެވެ. ނަމަވެސް، އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނެއެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
މޯލްޑިވިއަނުން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ބަންގްލަދޭޝަށެވެ.