ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން 10 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އެ ގައުމުގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން ވިދާޅުވެއްޖެއެވެ.
ޔޫއޭއީއިން އެގޮތަށް އިއުލާނުކުރީ އެމެރިކާގެ ރައީސް ގަލްފްގެ ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ޔޫއޭއީއަށް ވަޑައިގެންފައިވާ ވަނިކޮށެވެ.
އެމިރޭޓްގެ އިންވެސްޓްމަންޓް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ކުރާ މި އިންވެސްޓްމަންޓްތައް އަމާޒުކޮށްފައިވަނީ އިގްތިސާދާއި ހަކަތައާއި ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ސިނާއަތުގެ ދާއިރާތަކަށް ކަމަށް އޭނާ ޝައިޚް މުޙައްމަދު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޔޫއޭއީގެ މާސް އެކްސްޕްލޯރޭޝަން ޕްރޮގްރާމާއި އެސްޓްރޮނޯޓް މިޝަންތަކާއި އެސްޓްރޮއިޑް ބެލްޓް އެކްސްޕްލޯރޭޝަން ފަދަ ޕްރޮޖެކްޓް ހިމެނޭ ގޮތަށް ޔޫއޭއީގެ ޖައްވީ ތަޖުރިބާތަކުގައި އެމެރިކާއަކީ މުހިންމު ޕާޓްނަރެކެވެ.
މީގެ އިތުރުން، ޝައިޚް މުޙައްމަދު ވަނީ ސަރަޙައްދުގެ ސުލްހައާއި ހަމަޖެހުމަށް އެމެރިކާއާ އެކު ގުޅިގެން ކުރާ މަސައްކަތް ޔޫއޭއީއިން ކުރިއަށްގެންދާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
"މި ދަތުރުފުޅުގެ ސަބަބުން އަޅުގަނޑުމެންގެ ދެ ގައުމުގެ ގުޅުމުގެ މުސްތަގުބަލަށް ވަރަށް ބޮޑަށް ރަގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް،" އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
ޔޫއޭއީއަކީ ސައުދީ އަރަބިއްޔާއާއި ޤަތަރަށް ފަހު ޓްރަމްޕްގެ ގަލްފް ދަތުރުގައި ތިންވަނަ އަދި އެންމެ ފަހުން ދަތުރުކުރެއްވި ގައުމެވެ.
ޓްރަމްޕް ޔޫއޭއީއަށް ކުރެއްވި މި ދަތުރުފުޅަކީ 2008 ވަނަ އަހަރު އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ކުރެއްވި ދަތުރުފުޅަށްފަހު އެމެރިކާގެ ރައީސަކު އަބުދާބީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.