ބައިނަލްއަގްވާމީ ގޮތުން އެންމެ ބޮޑު އެއް ރޭޓިން އެޖެންސީ ކަމަށްވާ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ2' ގައި އަނެއްކާ ވެސް ދަމަހައްޓައިފިއެވެ.
'ސީއޭއޭ2' ރޭޓިންއަކީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެ، ދޭ 'ޖަންކް' ރޭޓިންއެކެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މީގެ ކުރިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
އޭގެ ފަހުން އަނެއްކާ ވެސް މޫޑީޒްއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ރޭޓިން މިވަނީ 'ސީއޭއޭ2'ގައި ދަމަހައްޓައިފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިގުތިސާދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަން، މޫޑީޒްއިން މެއި 08، 2025 ވަނަ ދުވަހު ބޭއްވި ރޭޓިން ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ފަތުރުވެރިކަން އަލުން ކުރިއަރައި، އިގުތިސާދު ރަނގަޅުވަމުން އައިސްފައިވައިކަމާށާއި އެކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަމާއި އިގުތިސާދީ ކުރިއެރުމުގެ ފުރުސަތުތައް ރަނގަޅުކަމަށް މޫޑީޒްގެ ރިވިއުގައިވެއެވެ.
މީގެ އިތުރުން، އޮކްޓޯބަރު 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން މޫޑީޒްއިން ފާހަގަކުރިއެވެ. އެއީ، ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އަދި ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިސްލާހުތަކާއި ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާކަމަށް ބަޔާންކޮށްފައިވެއެވެ.
މޫޑީޒްއިން ދެކޭ ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުމެވެ. އެއާއެކު އެމެރިކާގެ އިގުތިސާދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަގީންކަން ދަށްވެފައިވުމާއެކު، ބައިނަލްއަގުވާމީ މާކެޓުން ފައިނޭންސިން ހޯދުމަށް ހުރި ގޮންޖެހުންތައް ވެސް އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން، ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ ތަންތަނުން ވެސް ވަނީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވައިލާފައެވެ. އެ ލަފަޔާ އެއްގޮތަށް މި ސަރުކާރުން ޚަރަދު ކުޑަ ކުރަން އިސްލާހީ ފިޔަވަޅުތަކެއް މި އަހަރަށް އިއުލާން ކުރި ނަމަވެސް، އެ ހުރިހާ ފިޔަވަޅެއް އަދި ތަންފީޒެއް ނުކުރެއެވެ.
ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ދަނީ ރަނގަޅުވަމުންނެވެ. ފަތުރުވެރިކަން ރަނގަޅުވެ، ބޭރު ފައިސާ ރާއްޖެއަށް ވަންނަ ވަރު ވެސް ރަނގަޅެވެ.
އެހެންނަމަވެސް ރޭޓިން މަތިކުރުމުގެ ބަދަލުގައި އަނެއްކާ ވެސް މިވަނީ ދަމަހައްޓައިފައެވެ.
އެންމެ ފަހުން މޫޑީޒްއިން ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'ގައި ދެމެހެއްޓީ ޑިސެމްބަރު 03، 2024ގައެވެ. މިހާރު އޭގެ ފަހުން ފަސް މަސްވެއްޖެއެވެ.