އިސްލާމިކް ޔުނިވަސިޓީން އައިއެސްއޯގެ 2 ސެޓްފިކެޓެއް ހާސިލުކޮށްފި

އައިޔޫއެމްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: އެ ޔުނިވަސިޓީން އައިއެސްއޯގެ 2 ސެޓްފިކެޓެއް ހާސިލުކޮށްފި -- ފޮޓޯ/ އައިޔޫއެމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް)އިން އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓޭންޑަޑައިޒޭޝަން (އައިއެސްއޯ)ގެ މުހިންމު ދެ ސެޓްފިކެޓެއް ހާސިލުކޮށްފިއެވެ.

އައިއެސްއޯއަކީ އެކި ސިނާއަތްތަކުގައި ބައިނަލްއަގްވާމީ މިންގަނޑުތައް އުފައްދައި ކަނޑައަޅާ އަމިއްލަ ޖަމިއްޔާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުންތަކާއި، ޚިދުމަތްތަކާއި، ޕްރޮސެސްތަކުގެ ރިލައިބިލިޓީ، ކޮލިޓީ އަދި އެއްގޮތްކަން ކަށަވަރުކުރުމަށް މި މިންގަނޑުތައް ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރެއެވެ.

އެގޮތުން އައިޔޫއެމްއިން ހާސިލުކުރި އައިއެސްއޯގެ ދެ ސެޓްފިކެޓަކީ:

  • އައިއެސްއޯ 9001:2015
  • އައިއެސްއޯ 21001:2018

އެކަން ރަސްމީކޮށް އިއުލާނުކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. ޢަލީ ޒާހިރު ވިދާޅުވިގޮތުގައި އައިޔޫއެމްއަށް އެ ދެ ސެޓްފިކެޓު ހާސިލު ވެގެންދިޔުމަކީ ޔުނިވަސިޓީން ފޯރުކޮށްދޭ މަތީ ތައުލީމާއި ޔުނިވަސިޓީން ފޯރުކޮށްދޭ ޚިދުމަތްތައް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހުރިކަމުގެ ހެއްކެކެވެ. އަދި ފާއިތުވި ދުވަސްތަކުގައި ޔުނިވަސިޓީން ފޯރުކޮށްދޭ މަތީ ތައުލީމުގެ ކޮލިޓީ ހިފެހެއްޓުމާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ޚިދުމަތް ދެމެހެއްޓުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އައިޔޫއެމްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: އެ ޔުނިވަސިޓީން އައިއެސްއޯގެ 2 ސެޓްފިކެޓެއް ހާސިލުކޮށްފި -- ފޮޓޯ/ އައިޔޫއެމް

އެ ޔުނިވަސިޓީއަށް ހާސިލުކުރެވުނު ކޮލިޓީ މެނޭޖްމަންޓްގެ ދެ ސެޓްފިކެޓާއެކު އައިޔޫއެމް ވެގެންދިޔައީ ރާއްޖޭގެ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކުން އައިއެސްއޯ 21001 ހާސިލުކުރި ފުރަތަމަ މަރުކަޒަށް ކަމަށް އައިޔޫއެމްއިން ބުންޏެވެ.

އައިއެސްއޯ 21001 އަކީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް ޚާއްސަ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެކެވެ.

އެ ޔުނިވަސިޓީން ބުނީ އައިއެސްއޯގެ މި ދެ ސެޓްފިކޭޝަން ދެމެހެއްޓުމަށްޓަކާ އެ ޔުނިވަސިޓީން މުހިންމު ގިނަ ކަންކަން ހާސިލުކުރުމަށް އަމާޒު ހިފާފައިވާކަމަށެވެ. އެގޮތުން ޑިޖިޓަލައިޒޭޝަންއާއި މިހާރު ހުރި ސާވިސް ސްޓޭންޑަޑްތައް އަދިވެސް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެ ޔުނިވަސިޓީން ބުންޏެވެ.

އައިޔޫއެމްއަކީ ގިނަ ދާއިރާތަކަކުން ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވަސިޓީއެކެވެ. ގައުމީ ފެންވަރުގެ ދިރާސާތަކާއި އިލްމީ މަސައްކަތްތަކުގައި އެ ޔުނިވަސިޓީގެ ނަން ފާއިތުވި އަހަރެއްހާ ދުވަހު ވަރަށް ބޮޑަށް ވަނީ ފާހަގަކުރެވިގެން ގޮސްފައެވެ.

comment ކޮމެންޓް