ޑިވެލޮޕްމަންޓް ބޭންކުން ވަކިވި ސީއީއޯއަށް މުސާރަ ނުދޭ، މިނިސްޓަރުގެ ޖަވާބެއް ނެތް

ޑިވެލޮޕްމަންޓް ބޭންކްގެ ކުރީގެ ސީއީއޯއާ އެކު ރައީސް މުއިއްޒު: އޭނާއަށް މުސާރަ ނުދޭ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ކުރީގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މުސާރަ ނުލިބިގެން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފިއެވެ.

ޑީބީއެމް އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ. އެކަމަކު، އަދިވެސް އެ ބޭންކްގެ ޚިދުމަތް ފެށިފައެއް ނުވެއެވެ.

އެ ބޭންކްގެ ސީއީއޯ ކަމަށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަންކުރެއްވީ އޮގަސްޓް 26 ގައެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ މާރިޗު 23 ގައި އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އޭނާ ވަނީ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތްވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ.

https://sun.mv/204014

އެކަމަކު، ޑީބީއެމްއާ ދެކޮޅަށް އޭނާ ހުށަހެޅުއްވި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މަހުގެ ހަތްވަނަ ދުވަހު ބާތިލުކުރީ އޭނާއަކީ ދިވެހިބަހުން ވާހަކަދައްކަން އެނގޭ މީހަކަށް ނުވާތީ ތަރުޖަމާނަކު އައްޔަންކުރަން ދިން ފުރުސަތުގައި ތަރުޖަމާނަކު އައްޔަނުކޮށްފައިނުވާތީއެވެ.

ބާތިލުކުރި މައްސަލަ 30 ދުވަހުގެ ތެރޭގައި 500 ރުފިޔާގެ ޖޫރިމަނާއަކާ އެކު އަލުން ހުށަހެޅޭނެއެވެ.

މި މައްސަލައިގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބަހެއް ހޯދަން 'ސަން'އިން މަސައްކަތްކުރި ނަމަވެސް އޭނާއަށް ގުޅައި މެސެޖު ކުރުމުން އެއްވެސް ޖަވާބެއް މިހާތަނަށް ދެއްވާފައެއް ނުވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ޑިވެލޮޕްމަންޓް ބޭންކްގެ ޚިދުމަތް ނުފެށި ލަސްވާތީ ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމަކު، އެ ބޭންކްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް