"އިންތިޒާރު ދިގުވަނީ ލިބެން އޮތް ނިއުމަތް ބޮޑުކަމުންނެވެ. ކެތްތެރިވާށެވެ. ތިބާގެ އިންތިޒާރު ފޮނިވާނެއެވެ."

***

"ޒަހްރާ ހުއްޓުން އެރިއެވެ. ދުރުން ފެނުނީ އަލްބާން ބާބިލްގެ އަތުގައި ހިފަހައްޓާލައިގެން ހުރިތަނެވެ. ބާބިލް ބިރުން ހުރިކަން އެނގުނެވެ. ލޯތްބެއްނޫނެވެ. ހަގީގީ ބިރެވެ. ޒަހްރާއަށް އެއީ އިޝްގީ މަންޒަރަކަށް ނުވިއެވެ. ރައްކާތެރިކޮށްދިނީއެވެ. ބޭބެއަކު ކޮއްކޮއަކު ހިމާޔަތްކޮށްދޭފަދައިންނެވެ. އެކަމަކުވެސް މުޅިން އެ ޚިޔާލުތައް ހަމަޖެހޭކަމަކަށްވެސް ނުވިއެވެ. އިރުގަނޑަކަށް ބަލަން ހުރެފައި ލޯ ހަނިކޮށްލެވުނެވެ. އެއާއެކު ފިޔަވަޅު ކުރިއަށް އަޅަންފެށިއެވެ.

ބާބިލްއަކަށް ޒަހްރާ އަންނަކަމެއް ނޭގުނެވެ. އަލްބާން އޭރު އޭނަގެ އަތުން ދޫކޮށްލައިފިއެވެ.

އޭރު ޒަހްރާގެ ސިކުނޑީގައި ވި ސުވާލަކީ އެހާ ފަސޭހައިން އެކަމާއި ދުރަށް ހިނގައިގަނެވޭނެ އެއްޗެއްވެސް ނޫނެވެ.

އަލްބާންއަށް އޭނަގެ މަންމަގެ ފިޔަވަޅުތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. ގަލުން ހަދާފައިވާ ހަނި މަގާއި ފަތްތަކުގެ މަތިން އިވުމަކީ ކުޑައިރުއްސުރެ ހަޔާތުގެ އެއްބަޔެވެ. މަންމަގެ ފިޔަވަޅުތައް ބަގީޗާ ތެރެއިންނާއި މުށިޖަހާފައިވާ ހޯލުން ކިތަންމެ ފަހަރަކު އިވެއެވެ. އެ އަޑުަ ދަސްވެފައިވާވަރުން އެނބުރި ބަލައިނުލިޔަސް ދެނެގަނެވޭނެއެވެ. އޭނައަށް މަންމަ އަންނަކަން އެނގުމާއެކު ބާބިލްގެ ތުރުތުރުލާ އަތުން ދޫކޮށްލިއެވެ. އަދި ފިޔަވަޅެއް ފަހަތަށް އެޅިއެވެ. އޭނަގެ މުޅި ސުލޫކު ބަދަލުވިއެވެ. ކުރިން ނެތް ލުއިކަމެއް އަޑަށް ވެރިވިއެވެ. އޭނަގެ މަންމަ އެހިސާބަށް އަރާ ހަމަވީއިރު އޭނަގެ މައުޟޫ ވަނީ މުޅިން އެހެން ގޯޅިއެއް އަޅާފައެވެ.

"ފްލައިޓާއިމެދު ހާސްވާނެކަމެއްނެތް. އެންމެންވެސް ތިބޭނެ. ދަތުރަކަށްވުރެ ބޮޑަށް ފެމިލީ ޕިކްނިކަކާއި ވައްތަރުވާނީ..."

ބާބިލް ކުޑަކޮށް ބޯ ޖަހައިލަމުން ދުރަށް ބަލަން ހުރީ އޭނަ ސަލާމަތްކޮށްދިންކަމަށްޓަކާ ހިތުގެ އަޑިން ޝުކުރުވެރިވަމުންނެވެ. ޒަހްރާގެ ނަޒަރު ފުރަތަމަ ބާބިލްގެ ހިމޭން މޫނަށް ހުއްޓުނެވެ. ދެން އަލްބާންއަށެވެ. މާ ބޮޑަށް ހަމަޖެހޭކަމަށް ހެދިގެންނެވެ. އެދެމީހުންގެ ދޭތެރޭގައި އެވީ ހިމޭންކަމުގައި ގޯހެއް އެބައުޅެއެވެ. އެކަމަކުވެސް އިތުރަށް ބާރު އަޅަން ނަހަދާ އޭނަ އުފުލައިލި އަތްތިލަ ބާބިލްގެ ކޯތާފަތުގައި ޖައްސައިލިއެވެ. އަދި މޫނަށް ފައިބާފައިވާ އިސްތަށިކޮޅު އެއްފަރާތްކޮށްލަދިނެވެ.

"އަނހަ މަގޭ ދަރި..."އޭނަާ ބުނެލީ ނިކަން ލޯބިންނެވެ. "ހަންޑިއެއް ފެނުނީމަ ބިރުން ހުރިހެން ހީވަނީ..."

"އަލްބާން އަނެއްކާ ބިރުވެރި ޖޯކެއް ކިޔައިގެން ބާބިލް ބިރުގަންނަވައިލީތަ؟" އޭނަ އަލްބާންއަށް ނަޒަރު ހުއްޓައިލިއެވެ. "ތެދަށް ބުނަންޏާ އަލްބާންއަށް އެއްވެސް މީހެއްގެ ހިތް ހަމަޖައްސައިދޭން ވާހަކަދައްކާކަށް ނޭގޭނެ..މީހަކު ލަދުންގޮސް ރޯވަރުކޮށްލާނީ...."

އަލްބާނު ހީލިޔަސް އެހިނިތުންވުމުގެ ފަހަތުގައި ކަންބޮޑުވުމުގެ އަސަރުވިއެވެ. މަންމައަށް ފަޅާ ނޭރީ ހަމަ ކިރިޔާއެވެ."މަންމާ..ވަރަށް އަންފެއާ....އެއްފަހަރު މީހަކު ހެއްވާލީމަ އޭނަ ހެމުންގޮސް ޚަބަރުހުސްނުވީ ހަމަ ކިރިޔާ.."

"އާނ އެވާނީ ތަދުވީވަރުން ނުކުޅަދާނަވެގެން ކަމަށް.........." އެެ ޖުމްލައިން ބާބިލްގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ޒަހްރާގެ އަތްތިލައިގެ ހޫނުކަމާއި އޯގާތެރިކަމުން އޭނަގެ ކޮނޑަށް ވެފައި ހުރި ވާންކަން ކެނޑި މަސްތަކަށް ލުއިކަމެއް ލިބުނެވެ. ޒަހްރާގެ އަޑުގައިވި ސަމާސާކަން ކެނޑި ތަންކޮޅެއް ސީރިޔަސްވިއެވެ.

" ބާބިލް ހާސްވަނީ ކޮންކަމަކާއިތަ؟ ޒަހްރާއްތައާއި އާއިލާ އެންމެން ތިބޭނެއްނު. އެކަނިވެރިއެއްވެސް ނުވާނެ."

ބާބިލްގެ ލޯ ތެމޭގޮތްވިއެވެ. އޭނަގެ ދޫ ހަރަކާތްކުރަން ނުކުޅެދުނެވެ. ނަމަވެސް ނަޒަރުގައި ވީ ޝުކުރުވެރިކަމެވެ. ޒަހްރާ ދެމީހުންނަށް ހުއްޓައިލި ނަޒަރު ކުޑަކޮށް ދެމިގެންދިޔައެވެ. އިތުރު އެއްޗެކޭ ބުނުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ. ފިޔަވަޅުތަކުގެ އަޑު ކެނޑުމުންވެސް ދެމިހުން ހިމޭނުންތިބީ ބުނަންބޭނުންވާ އެތައް ހާސް ވާހަަކަތަކުްނ ސިކުނޑި ފުރިފައިވުމާއެކުގައިވެސް މަންމައަށް އިހުތިރާމްކުރުމުގެ ގޮތުންނެވެ.

***

އަހެދް ކޮޓަރީގެ ކުޑަދޮރުކައިރީގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެންް އިންއިރު އެލޮލުން ފެންނަނީ މާޔޫސްކަމުގެ އިންތިހާއެވެ. ލޮލުގައި ކަރުނައިގެ ތެތްކަމެއް ނެތަސް ހުރިހާ މޮޅުވެރިކަމެއް ލޮލުގެ ތެރޭގައި ފޮރުވައިގެން އިންފަދައެވެ. ދުނިޔޭގެ އެތައް ތޫފާންތަކަކާއި ހިމޭންކަމާއެކު ކުރިމަތިލާފައިވާ ކުއްޖެއްފަދައިންނެވެ. އޭނަގެ ޚިޔާލުތައް އަނދިރިވަމުން އޮޅުންބޮޅުންވަމުން ދާންފެށިއެވެ.

"ވިލްދާންް ނައީމްއަށް ވަޒީފާ ދޭން ޖެހުނީ ކީއްވެތަ؟ ކޮންކަމެއް އެނގިގެން؟ ނައީމްއަށް އެވަރުގެ ބާރެއް ލިބުނީ ކިހިނެއްތަ؟ ގޯހެއް އެބައުޅޭ. ހަމަ އެހެން ހުރެލާފައި އޭނައަށް ވަޒީފާ ދޭހާ އެކުވެރިފާޑެއް ވިލްދާންގެ ނެތް.."އޭނަގެ ދަތްދޮޅިއަށް ބާރުވިއެވެ."ނައީމް ފަހަރެއްގައިވެސް ކަމަކަަށް ނޭދޭނެ. ޑިމާންޑްކުރާނީ. ބްލެކްމެއިލްކުރާނީ. މަޖުބޫރުދައްކާނީ..."

އޭނަ އިނގިލިތައް މުށްކަވައިލިއެވެ. އަދިވެސް ނައީމް އަތުކުރިގައި ހިފެހެއްޓިތަނުން ދިލަނަގައެވެ. އޭނަ އެފަދަ އެއްވެސް ވޭނެއް ހިއްސާކުރަން ބޭނުމެއްނޫނެވެ. މުރުތަސިމްއަށް އެ ތަދު އިހުސާސްވެ އޭނައަށް ހަމްދަރުދީވާކަށް ބޭނުމެއްނޫނެވެ. ހަމްދަރުދީއަކަށް އޭނައަކަށް ކެތްނުކުރެވޭނެއެވެ. އެ ހަމްދަރުދީގެ ސަބަބުން އޭނައަށް ލިބިފައިވާ ބާރުވެސް ލަދުވެތިކަމަށް ބަދަލުވަނީއެވެ. އަދި އޭނަގެ މާޒީ ނައީމްގެ ނުބައި ދުލުން މުރުތަސިމްއަށް އިވުމަކީ އޭނަގެ ހިތް އެދޭނެ އެންމެ ފަހު ކަންތަކެވެ.

އެވަގުތު ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިދިނެވެ. ޒަހްރާއެވެ.

"އަހެދް. ވަދެވިދާނެތަ؟"

އޭނަ އަވަހަށް މޫނުމަތިި ރީތިކޮށްލިއެވެ.

"ލައްބަ...."

ޒަހްރާއައީ ކޮށާފައި ހުރި މޭވާތަށްޓެއް ހިފައިގެންނެވެ. އެ ނަޒަރުގައިވީ މަންމައެއްފަދަ އޯގާތެރި ކަމެވެ.

"ވަރުބަލިވެފައިހުންނާނެ ކަން އެނގޭތީ، އަދި ނުއުފުލެވޭވަރުގެ އުދަގޫތައްވެސް.. އެހެންވެ ކުޑަކޮށް ހާލު ބަލައިލަން އައީ. ނައީމްގެ މައްސަލަގަނޑުން އެންމެނަށްވެސް ބޮޑު ސިހުމެއްވިއްޔާ ލިބުނީ.."ޒަހްރާ ތަށި އަހެދްގެ އަތަށް ދިއްކޮށްލިއެވެ.

"އެކަމަކު....އަހެދް އޭނަ މިގޭގައި ބަހައްޓަން ބޭނުމިއްޔާ މިގޭގައި ތަން އެބަހުރި. އަހެދް ހަމަ ބުނަންވީ..."

އަހެދްގެ މޫނަށް ވާންވެގެން ދިޔައެވެ. ސިހުނެވެ. އޭނަގެ ޖަވާބު އައިލެއް މާ އަވަހެވެ."ނޫން......މިބުނީ ނޫން. ޝުކުރިއްޔާ ޒަހްރާއްތާ..ހީވާގޮތުން އޭނަ ބޮޑަށް އުޅެން ބޭނުންވާނީ ވަކިން...އެއީ...އެންމެނަށްވެސް ރަގަޅުވާނީ އެގޮތް..."

އޭނަ މަސައްކަތްކުރީ ޒަހްރާއާއި ހަތަރުކަޅި ހަމަނުކުރުމަށެވެ. ހަމަޖެހޭކަން ދެއްކުމަށެވެ. ހީލުމަށެވެ. ނަމަވެސް އޭނަގެ ލަފުޒުތައްވެސް ކެނޑިކެނޑިގެން ދިޔައެވެ. ޒަހްރާގާ ހިތުގައި އިތުރު ސުވާލު އުފެދޭފަދަ ގޮތަކަށެވެ. އޭނައަށް ނޭގުނަސް ޒަހްރާގެ ހިމޭންކަމާއި އެ ތޫނު ބެލުމުގެ ފަހަތުގައި ދެނެގަތުމެއްވިއެވެ. އަހެދްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން ހުރިފަދައެވެ.

"އަހެދްއަށް މިގޭގައި ނުރައްކަލެއްނެތް. އެކަނިމާއެކަނި ހިތުގައި އެތައް ބުރަދަނެއް ފޮރުވައިގެން ހުންނާނެކަމެއްނެތް..."

އަހެދް އިނީ ބަސްހުއްޓިފައެވެ. އެދެމީހުންގެ ވާހަކަތައް ހުއްޓަން މަޖުބޫރުވީ ހުއްދައަކާއި ނުލައި ދޮރު އަޑާއަށް ހުޅުވާލާފައި ވަދެގަތް ޖޫރީއާއި ހެދިއެވެ. އޭނަ ހުރީ މަތިނޭވާލެވިފައެވެ. ކޮންމެވެސް ބޮޑު ޚަބަރެއް ހިފައިގެން އައިކަން އެނގުނެވެ.

"އަހެދް......."ޖޫރީއަށް އަވަސްވެފައިވާ އަޑަކުން ގޮވައިލެވުނީ ފޯރިއާއި ޖޯޝާއެކުގައެވެ. އޭނަ ހުރީ ލޯވެސް ތަންމިނަށް ބޮޑުކޮށްލައިގެންނެވެ. އެ ޒޯރުގެ ސަބަބުން ކޮޓަރީގެ ހިމޭންކަން ފުނޑުފުނޑުވިއެވެ. އެ ޖޯޝުގެ ފަހަތުގައި ފޮރުވިފައިވާ ރުޅިވެރިކަމުގެ ކަނި ވެސް ފިލުވާލަން އޭނަ ކުޅަދާނައެވެ. އިރުކޮޅަކަށް ހަގީގަތުގައިވެސް އޭނަ ހަނދާން ނެތުނެވެ. އޭނަ އަހެދްއާއި އަނގައިން ނުބުނެ ރުޅިއައިސްގެން ހުރިކަމެވެ. އޭނައަށް އިވުނު ލަފުޒުތަކުން ހިތަށް ހެރުނު ކަށީގެ ސަބަބުން އޭނަވަނީ އަހެދްއާއި މުޅިންހެން ގުޅުން ކަނޑާލާފައެވެ. ދެމީހުންގެ ދޭތެރޭގައިވަނީ ބީރައްޓެހިކަމުގެ ފަރުދާއެކެވެ. ހަގީގަތް ހަޖަމްކުރާނެ ބާރެއް އޭނަގެ ނެތެވެ.

އެކަމަކު ޖޫރީ ހިނިއައިސް ހަލާކުވެފައި ހުރެ ދޫ ނެރެލިއެވެ." ގަބޫލެއްވެސް ނުކުރެވޭނެ މިހެން ބުނީމަ. ސެލެބްރިޓީއެއް އަހެދް ހޯދަންއައިސް އެބަހުރި..."

އަހެދްއާއި ޒަހްރާއަށްވެސް ހައިރާންވެގެން ބަލަން ތިބެވުނީއެވެ.

"އެއީ އެލީޒީ..."

އެ ނަމުން ކުރި އަސަރަކުން ޒަހްރާގެ ލޯ ބޮޑުވީއިރު އަހެދް ގެ މުޅި ހަށިގަނޑު ވާންވިއެވެ. އެކޮޓަރިތެރެއަށް ފެތުރުނު ނުތަނަވަސްކަމެއް ޖޫރީއަށް ފާހަގައެއްނުވިއެވެ. އެލޮލުން ފެންނަނީ އުފަލާއި ހަމަޖެހުމެވެ. ދިއްލިފައިވާ ރީތި އަލި ދެލޮލެވެ. ޒަހްރާއާއި އަހެދް އެކީގައިހެން ކޮޓަރިން ނުކުތްތަނާ ސަކީނާގެ ހުނުމުގެ އަޑު އިވުނެވެ. ފެން ފައްވާރާއަކުން ބޮކި އަރާފަދައިން އުފާވެރިއަޑުތައް އެހިސާބަށް ފޯރައެވެ. ސަކީނާވެސް އެމީހުންނާއި އަރާ ހަަމަކުރިއެވެ.

"އަހަރެން ހަމަ ހުވާކޮށްފައި މިބުނަނީ . އެއީ ހަމަ އެލީޒި..އެ ޝޯވްގެ ކޮންމެ އެޕިސޯޑެއް ވައްޓާނުލާ ބަލަން. ޔާﷲ. ހަމަ ލޮލުން ފެނުނީމަ މާ ރީތި...."

"ތިރީގައި އެއްވެސް މީހަކު ބެނާއެއްވެސް ދެމިތަ؟"

ޒަހްރާ ކުޑަކޮށް ހީލަމުން ބޯ ހޫރުވައިލިއެވެ. އޭރު ޖޫރީ ފޯރިއައިސްގެން ފުންމަމުން ދާފަދައެވެ. ބިންމަތީގައި ފައި ހަރުނުލައެވެ. ފޯރިއާއި ޖޯޝުގެ މިސާލެކެވެ. ސަކީނާވެސް އެ ޚަބަރު ގެނެސްދިނީ ޝާހީ ބޭފުޅަކު ވަޑައިގެންނެވުމުން ހިތްހަމަޖެހިފައިވާފަދައިންނެވެ. ޒަހްރާގެ ނަޒަރު އަހެދްއަށް ހުއްޓުނީ މާ ހިމޭނުން ހުރުމުންނެވެ. ޖޫރީ އެހާވަރަކުން ފޯރި ހިފައިލިއިރު އަހެދްގެ ފައިދަށުން ބިންގަނޑު ދަމައިގްތްފަދަ ގޮތަކަށް ހުއްޓުން އަރާފައެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. މިއަދު ދުނިޔެ ގެނެސްދެނީ އާދަޔާ ޚިލާފު ޚަބަރުތަކެވެ. ފުރަތަމަ ނައީމްގެ ކުއްލި ނިންމުމުން އޭނަ އުއްމީދުކުރި ހިމޭންކަން ނެތިގެން ދިޔައެވެ. މިހާރު އައިތަނެއްވެސް ނޭގި އެލީޒީ އައީއެވެ.

ޒަހްރާ ފުން ނަޒަރަކުން ބެލިއެވެ."އެއީ އަހްދެގް އެކުވެރިއެއްތަ؟"

އަހެދް ޖަވާބެއް ދިނުމުގެ ކުރިން ޖޫރީ އެދޭތެރެއަށްވަދެ އޭނަގެ އަތުގައި ހިފާ ދަމައިގަތެވެ." ޗިޓްޗެޓަށް ވަގުތެއްނެތް. އަވަސްކުރޭ....އޭނަ އަހެދް ނުފެނިގެން...."

"ޖޫ.....ވެއިޓް..."

އަހްދްގެ ދެކޮޅުހެދުމެއް ބަލައިލުމެއްނެތި އޭނަ އަރައިގެން އައި ތޫފާނެއްފަދައިން އަވަސްކަމާއެކު އަހެދް ތިރިއަށް ގެންދިޔައެވެ. ވާންއުޅޭކަމެއް ރޭކާ ނުލާހުރި ޒަހްރާވެސް ފަހަތުން ތިރިއަށް އައެވެ. އަދިވެސް އޭނަ ވިސްނަމުން ދިޔައީ އެލީޒީގެ ނަން އިވުނު ތަނަކާއިމެދުގައެވެ. ދެނެ ފަރިތަ ނަމެކެވެ.

އެލީޒީ ކައުޗްގައި އިށީދެލައިގެން އިނީ ނިކަން ފަރިކޮށެވެ. އެއްފައި މައްޗަށް އަނެއް ފައިލައިގެންނެވެ. ކަޅު އަބާޔާ އިން މުޅި ހަށިގަނޑުގެ ރީތިކަން ފޮރުވިފައިވާއިރު ނާޒުކް މޫނުވަނީ ހިޖާބުން ފްރޭމްކުރެވިފައެވެ. އިށީދެލައިގެން އިންގޮތުން އަމިއްލަ ނަފުސަށް އިތުބާރުއޮތްވަރު ދައްކައިދެއެވެ. ސާފު ހިނިތުންވުމެކެވެ. ޕޮޕްސްޓާރެއްކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޫރީއަށް އަނގަ ހުޅުވުނުގޮތަށް ލައްޕަންވެސް ނޭގުނެވެ. އޭނަ އެލީޒީ ދެކެފައިވަނީ ހަމައެކަނި ސްކްރީނުންނެވެ. ސްޓޭޖްތަކުގައި ލަވަކިޔާއިރުއެވެ. މިއުޒިކް ވީޑިއޯތަކުގައި ޔަގީންކަމައެކު ފަޚުރުވެރިގޮތެއް ހުރެއެވެ. އެންމެ ފަހުގެ ފެޝަންށް ހެދުން އެޅުމާއިއެކު ޖާޒުބީ ގޮތްގަނޑުވެސްމެއެވެ.

"މިއީ ހަމަ އެވޯޑު ޝޯތަކުގައި ހުންނަ އެލީޒީ؟" އޭނަ ސަކީނާގެ ކަންފަތް ކައިރީ ކިޔައިލިއެވެ. ސަކީނާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ލޯވެސް ވިދަނީ ލިބިފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ. އޭނަ އަހެދްއާއި ކައިރިއަަށް ޖެހިލަމުން ދިމާކޮށްލިއެވެ.

"އަހެދް...އަހެދްއާއި ވާދަވެރިވާނެ ކުއްޖެއް ފެނިއްޖެެއެއްނު.."

އަހެދް ގަދަކަމުން ހިނިތުންވެލިއެވެ. އޭނަވަނީ ހަގީގީ އެލީޒީ ދެކެފައެވެ. އިސްތަށިގަނޑު ދޫކޮށްލާފައި އެންމެ ޒަމާނީގޮތަށް ހެދުން އަޅައިގެންހުރިއިރު އެހާ މާތް ފާޑެއް ނުޖަހައެވެ. މިހާރު އެކައުޗްގައި ރާނިއެއްހެން އިއްޒަތުގައި ވެޑުވިގެން މި އިންނެވި ކަމަނާއާއި އެއްވެސްވަރަކަށް ވައްތަރެއްނޫނެވެ. އެލީޒީ މިއައީ އިންޒާރެއް ދީފައެއްނޫނެވެ. ވަރަށް ހަމަޖެހިލައިގެން އިންއިރު އަތުގައި އޮތީ މުރުތަސިމްގެ އަވި އައިނެވެ. ހިތަށް ނާރާފަދަ ޒިޔާރަތެކެވެ. އަދި ފުރިހަމަ ބަހަނާއެއްވެސް ހިފައިގެންނެވެ. އަހެދްގެ ދަތްދޮޅިއަށް ވާންވެލިއެވެ. މިއީ ހަމަ އިއްތިފާގެއްނޫނެވެ. ދެއްކުންތެރިކަމަކީ ހަޔާއެއްނޫނެވެ. މިއީ އޭނަ ކުރިއަށް ނެގި ފިޔަވަޅެކެވެ. އެންމެންވެސް އެލީޒީއަށް ބަލަން ތިއްބާ ސަކީނާ ލޯ ހަނިކޮށްލިއެވެ. އަދި ޖޫރީގެ ކަންފަތާއި އަނގަ ކައިރިކޮށްލިއެވެ.

"މިކުއްޖާއާއި މުރުތަސިމްގެ ކޮން ކަމެއް؟ އޭނަ އައީ ކީއްކުރަންތަ؟"

"ޢެގްޒެކްޓްލީ....ކޮން ގުޅުމެއްތަ؟"

އެންމެންނަށް ކުށްހީއެއް ކުރެވުމުގެ ކުރިން އަހެދް ވާހަކަދެއްކިއިރު އަޑުގައި ފަޚުރުވެރިކަމެއް ވިއެވެ." އަހަރެމެން ފާމަށް ދިޔައީ. ދިގު ދަތުރެއް.. އެލީޒީވެސް އައީ............."

އެލީޒީ ހިނިތުންވެލައިގެން އިންގޮތުން އިތުރު އަސަރެއް ފައުޅެއްނުވެއެވެ.

"އޯ....ސިމް؟އެއީވެސް ވަރަށް ގާތް އެކުވެރިއެއް. މާކުރިން ފެށިގެން.."އެލީޒީގެ އަޑުގައިވީ ސާބިތުކަމެވެ. ރާގުގައި އެކުވެރިކަމާއި މަޑުމައިތިރިކަންވިއެވެ. އެ އަދަބުވެރިކަމުގެ ފަހަތުގައި ޖަދަލުކުރާގޮތެއް ހުރިކަން އަހެދް ދެނެގަތެވެ. އެންމެނަށް ލިބުނީ ހައިރާންކަމެކެވެ.

"މުރުތަސިމް ދުވަހަކުވެސް ނުބުނޭ އެލީޒީގެ ވާހަކައެއް..."

އަހެދްވެސް ވަގުތުން ބައިވެރިވެލަންވެގެން އެދޭތެރެއަަށް ވަނެވެ. މާމުޔަށްވުރެ ފޮނި އަޑެކެވެ."އޯ..ސިމްގެ ބައިވަރު އެކުވެރިން ތިބޭ..ޕައިލެޓެއްވީމަ ދޯ....ހުރިހާ ވައްތަރެއްގެ މީހުންނާއި ދިމާވާނެ. ރެންޑަމް މީހުންނާ...."

އެ ލަފުޒުއިން ފާހަގަކުރެވޭފަދަ ގޮތަކަށް އެލީޒީގެ ރާގު ބަދަލުވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު