އެމްޑީޕީން ޝަރުއީ ދާއިރާއާ ގުޅޭ ކަންބޮޑުވުންތައް ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްއާ ހިއްސާކޮށްފި

އެމްޑީޕީން ޝަރުއީދާއިރާއާ ގުޅޭ ކަންބޮޑުވުންތައް ޔޫރަޕިއަން އެކްޓާނަލް އެކްޝަން ސާވިސްއާ ހިއްސާކުރުން ---- ފޮޓޯ/ އެމްޑީޕީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)އާ އެމްޑީޕީން ހިއްސާކޮށްފިއެވެ.

އެމްޑީޕީން އެ ކަން ހިއްސާކުރުމަށް އީއީއޭއެސްއާ ބައްދަލުކުރި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމާއި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމެވެ.

އެ ވަފުދުން ވަނީ، އީއީއޭއެސްގެ ޑެޕިއުޓީ މޭނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޮނީއާ ބައްދަލުކުރައްވައި، ރާއްޖޭގެ ޑިމޮކްރެސީއަށް ދިމާވެފައިވާ ހާލަތު ކިޔައިދެއްވާފައެވެ.

އެގޮތުން، މި ސަރުކާރުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލާފައިވާ ގޮތުގެ އެސެސްމަންޓެއް ހިއްސާކޮށްފައިވެއެވެ.

އެސެސްމަންޓުގައި ވަނީ، ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ގާނޫނާ ޚިލާފަށް ވަކިކުރުމާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ސިޔާސީ ގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށާއި މަޖިލީސް ބަލިކަށިވުމުގެ ސަބަބުން ޝަރުއީ ދާއިރާ 'ޕެރެލައިޒް'ވި ގޮތް ތަފްސީލުކޮށްދީފައެވެ.

އިތުރަށް ފާހަގަކުރި ކަންކަން:

  • ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރެވިފައިވަނީ އެކަށީގެންވާ އިޖުރާއަތުތަކެއް ނެތިކަން
  • ޤާނޫނު އަސާސީއާ ގުޅުންހުރި މުހިންމު މައްސަލަތައް ބެލުމަށް ކޯޓުތަކަށް ނުބެލުން
  • ވެރިކަންކުރާ ޕާޓީއަށް 300 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވާ މައްސަލަތައް ތަޙްޤީޤު ނުކުރެވި އޮތުން
  • ޒުވާން އަންހެނަކަށް ލިބުނު އަނިޔާއަކާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ފުލުހުން ހިމޭނުން ތިބުން
  • ސުލްޙަވެރި އިހުތިޖާޖުކުރާ ފަރާތްތައް، ޚާއްޞަކޮށް ޒުވާނުން، ހައްޔަރުކޮށް އަނިޔާކޮށްފައިވުން

ޝާހިދު ވިދާޅުވީ، ޑިމޮކްރެޓިކް މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ބަދަލުގައި ބާރުވެރިންނަށް ޚިދުމަތް ދޭ ގޮތަށް ފަރުމާ ކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ ކޯޓުތައް ހަލާކުކޮށްލާފައިވާ ކަމަށެވެ. އެކަންކަމަކީ، ރޭވިގެން ދީފައިވާ ހަމަލާއެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން، އެ ޖަމިއްޔާއާ ބައްދަލުކުރީ ރާއްޖޭގެ ރައްޔިތުން ކޮންމެ ދުވަހަކު ދިރިއުޅޭ ހަގީގަތް ހިއްސާކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވަފުދުން އެ ބައްދަލުވުން ނިންމާލީ، ޑިމޮކްރެސީ އަލުން ގާއިމުކުރުމަށް ކަނޑައެޅި އަޒުމު ދަމަހައްޓައި އެ މަގުސަދު ހާސިލުކުރުމަށް ތައްޔާރަށް ތިބިކަން ފާހަގަކުރަމުންނެވެ. އެގޮތުން، ދިވެހިރާއްޖޭގައި ހިނގާ ކަންކަމުން އަސަރުކުރަނީ ހަމައެކަނި ޤައުމުގެ މުސްތަޤްބަލަށް އެކަނި ނޫން ކަމަށާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުތަކަށް އޮންނަ އިތުބާރަށް ވެސް އޭގެ އަސަރުކުރާނެ ކަމަށް އެ ޕާޓިން ބުނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި އެ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށް މިދިޔަ ފެބްރުއަރީ މަހުގައެވެ.

ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު އަނެއް ދެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އެދިފައިވަނިކޮށް، އެ ކަމަށް އެއްވެސް ވަރަކަށް އިޖާބަ ނުދީއެވެ.

އެހެންވެ ބައިނަލްއަގްވާމީ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުން ވަކިކުރުން ހުއްޓއިލަން ގޮވައިލައިފައެވެ. ނަމަވެސް އެ ކަމަށް ވެސް ޖޭއެސްސީންނާއި، ރައްޔިތުންގެ މަޖިލީހުން އިޖާބަ ދީފައެއް ނުވެއެވެ.

comment ކޮމެންޓް