އިންސާނާގެ ޙަޔާތަށް މުހިއްމު ދެ ޖުމުލަ (1)

އިރުގެ އަލި

السلام عليكم ތިޔަ ލޮބުވެތި ކިޔުންތެރިންނަށް އިސްލާމީ ރިވެތި ސަލާމުން ސަލާމްކުރުމަށްފަހު، ކޮންމެ އިންސާނެއްގެ ޙަޔާތަށް ވެސް ވަރަށް ބޭނުން ހިފޭނެ ދެ ޖުމުލައެއް ލިޔެލައިނަމެވެ. މިއީ ދެ ޖުމުލައެކެވެ. މިއާ އެއްގޮތް ތިންވަނަ ޖުމުލައެއް ނުވެއެވެ. ތައުޙީދުގެ ހުރިހާ ބާވަތަކާއި ވައްތަރެއް މި ދެ ޖުމުލައިން ތަޙުޤީޤު ކުރެވޭވަރުގެ މުހިއްމު ދެ ޖުމުލައެވެ.

1- ﷲގެ އަޅާ އޭނާގެ ފާފަތަކާ މެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ.

2- އަދި އޭނާގެ ވެރިރައްބަށް މެނުވީ އުންމީދު ކުރާކަމުގައި ނުވެއެވެ.

الله سبحانه و تعالىގެ އިލާހުވަންތަކަން ޤަބޫލު ކޮށްގެން ހުރެ ހަމައެކަނި އެ އިލާހަށް އަޅުކަންކުރުންމަތީ ދެމިހުންނަ މީހާ، ގަދަފަދަ ބާރުގަދަ އެއްވެސް ވެރިއެއް ދެކެ ބިރެއް ނުގަންނާނެއެވެ. އެ މީހާގެ ބާރު ވަނީ ﷲ ހަޟްރަތުގައިކަން އޭނާ ޤަބޫލު ކުރާނެއެވެ. އަނިޔާވެރިން ދެކެ އޭނާ ބިރެއް ނުގަންނާނެއެވެ. އޭނާގެ އެއްވެސް ހަރަކާތަކަށް ޖެހިލުންނުވާނެވެ. އެ ޖައްބާރު މީހާގެ ބާރު ވެސް ވަނީ ﷲގެ ހަޟްރަތުގައިކަން އޭނާ ޤަބޫލު ކުރެއެވެ. ރިޒުޤު ލިބުން ދަތިވުމަކީ އޭނާ ކަންބޮޑުވާ ކަމެއް ނޫނެވެ. ރިޒުޤުދެއްވުން އެއީ ﷲއަށް މިލްކުވެވޮޑިގެންވާ ކަމެއްކަން އޭނާ ޤަބޫލުކުރެއެވެ. ވާރޭ ނުވެހުމަކުން އޭނާ މާޔޫސްވެ ގޮތްހުސްނުވެއެވެ. ވާރޭ ވެއްސެވުމުގެ ބާރު ވަނީ ﷲ ހަޟްރަތުގައިކަން އޭނާ ޤަބޫލުކުރެއެވެ. ދަރިން ނުލިބުމަކުން އޭނާ ދެރަވެ، ހިތާމައިން މޮޅި ނުވެއެވެ. ދަރިން ދެއްވުމުގެ ބާރު ވަނީ ﷲ ހަޟްރަތުގައިކަން އޭނާ ޤަބޫލުކުރެއެވެ. އަނބިން ނުކިޔަމަންތެރި ވެދާނޭ ކަމަށް އޭނާ ބިރެއް ނުގަންނާނެއެވެ. އެކަނބަލުންގެ ހިތްތަށް ފުރޮޅުއްމުވުގެ ބާރު ވަނީ ﷲ ހަޟްރަތުގައިކަން އޭނާ ޤަބޫލުކުރެއެވެ. އެހެހނަކުންނޫނެވެ. އޭނާ ވެސް ބިރުގަންނަ ކަމެއް އޮއެވެ. އޭނާ ބިރުގަންނަ ކަމުގައި ވަނީ ހަމައެކަނި އޭނާއަށް ކުރެވިފައި ހުރި ފާފަތަކާ މެދުއެވެ.

ﷲގެ އަޅާ އޭނަގެ ފާފަތަކާމެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ. މިއީ ކިޔައިދޭން މި އުޅޭ ދެ ޖުމުލައިގެ ތެރެއިން އެއް ޖުމުލައެވެ. މި ޖުމުލައިގައި މި ބުނަނީ އީމާންތެރިކަމުގެ އެންމެ މަތީ ދަރަޖައަށް ވާޞިލުވެވޭ މީހުން ވެސް ބިރުހީވެފައި ތިބޭ ކަމެއްގެ ވާހަކައެވެ. އެއީ އޭނާއަށް ކުރެވޭ ފާފަތަކެވެ. އޭނާގެ ހެޔޮ ޢަމަލުތަކާއި ތަޤުވާވެރިކަމުގެ މައްޗަށް އޭނާ ކުޑަވެސް ބިރެއް ގަންނަނަމަ ބުރަގަންނަ ކަމަކަށް އޮންނާނީ އޭނާއަށް ކުރެވޭ ފާފަ އެކަންޏެވެ. އެއީ ސިއްރުގައި ކުރެވޭ ފާފަތައް ކަމުގައި ވެސް ވެދާނެއެވެ. ހީލަތްތެރި ގޮތުން ކުރެވޭ ފާފައަކަށް ވެސް ވެދާނެއެވެ. ނޫންނަމަ މާ ބޮޑު ޢިލްމެއް ނެތި ޣާފިލުކަންމަތީ ކުރެވޭ ފާފައަކަށް ވެސް ވެދާނެއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އެ މީހެއްގެ ފާފަތަކާ މެދު ބިރުވެތިވާން ވާނެއެވެ! އޭނާގެ ފާފަ މެނުވީ އޭނާ މާޔޫސް ނުކުރެއެވެ. ހެޔޮކަންކަން ކުރުމާއި ހެޔޮކަންކަމަށް އަމުރުކުރުމުން އިންސާނާ ފަހަތަށް ޖައްސަނީ ވެސް އޭނާގެ ފާފަތަކެވެ. ނުބައިކަންކަމަށް އަރައިގަތުމާއި އެފަދަ ކަންކަން މަނާކުރުމުގެ ބާރު އިންސާނާގެ ކިބައިން ކެނޑި ދަނީ ވެސް އޭނާއަށް ކުރެވިފައިވާ ފާފަތަކުގެ ސަބަބުންނެވެ.

މީސްތަކުންނަށް ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކޮށްފައި އެހެން މީހުންނާ ވަކިން އެކަނިވެވޭ ޙާލަތްތަކުގައި ފާފަތަކަށް އަރައިގަންނަ މީހުން ވެސް އުޅެއެވެ. އެފަދަމީހުންނގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ބަޔާންކުރައްވަނީ އަމިއްލައަށް ބުއްދި ވެސް ނުވަނީތޯ ސުވާލުކުރައްވަމުނެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ أَفَلَا تَعْقِلُونَ﴾‏ (البقرة: ٤٤) މާނައީ: " ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ހާލުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟"

ތިމާގެ އަމިއްލަ ނަފުސު ހަނދާންނައްތާލައި އެހެން މީހުންގެ ކަންކަން އިޞްލާޙުކުރަން ނުކުންނަ މީހާ އޭނާގެ އަމިއްލަ ނަފުސު މަތިން ފޫހިވާން މާގިނަ ދުވަހެއް ނުނަގައެވެ. އޭނާ އެ ގޮވައިލާ ކަންތަކަކީ އޭނާގެ ޒަމީރު ޤަބޫލު ނުކުރާ ކަންތައްތަކެއް ކަމަށް ޚުދު އޭނާއަށް ޤަބޫލުކުރެވެން ފަށައެވެ. ނަތީޖާއަކަށް ވަނީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުން އެއީ އޭނާ އެންމެ ނުރުހޭ ކަންތައްކަމުގައި ވެގެންދިޔުމެވެ. އަދި އެފަދަ މީހުން އޭނާގެ ވެރިރައްބާއި ބައްދަލުވާން ކުރާ އުންމީދު ވަރަށް ބޮޑަށް ފަނޑުވެ، ﷲގެ ޒިކުރުކުރުން އެއީ އޭނާ ބިރުގަންނަ ކަމަކަށް ވެދެއެވެ. ދެން އެކަމުން އަރައިގަތުން ވަނީ އުނދަގޫ ކަމަކަށެވެ. އޭނާގެ އެ ހިތްދަތި ކަމާއި މާޔޫސްކަމުން އަރައިގަންނަން އޮތް ހަމައެކަނި ގޮތަކީ ﷲ ހަނދުމަކުރުމުން އެއްކިބާ ވުން ކަމުގައި އޭނާއަށް ހީވެއެވެ. އެ ހިސާބުން އޭނާ ﷲގެ ޒިކުރުކުރުން ހުއްޓައިލައެވެ. ނުވަތަ އެކަމާ ފެއަށް ޖެހުމެވެ. އެހެނީ ﷲގެ ޒިކުރުން އޭނާއަށް ހަނދާން ކޮށްދެވޭ ކޮންމެ ފަހަރަކު އޭނާއަށް ހަނދާންވާނީ އޭނާ ސިއްރިއްޔާތުގައި ކުރާ ފާފަތަކެވެ. އަދި އެ ކަމަކާ ދުރަށް ނުދެވިގެން އުޅޭ ފާފައިގެ އަޅުވެތިކަމެވެ. ﷲގެ އަޅާ އޭނަގެ ފާފަތަކާމެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ. ... (ނުނިމޭ)

comment ކޮމެންޓް