ސަލްމާން ރުޝްދީއަށް ހަމަލާދިން މީހާއަށް 25 އަހަރުގެ ޖަލު ހުކުމެއް

ސަލްމާން ރުޝްދީއަށް ހަމަލާދިނުމުން ހުކުމް އިއްވާފައިވާ ހާދީ މާޓަރު. ފޮޓޯ/ގެޓީ

އިސްލާމްދީނާއި ދެކޮޅަށް ގިނަ ލިޔުންތަކެއް ލިޔެ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް މިދިޔަ އަހަރު އޮގަސްޓް މަހު ވަޅިން ހަމަލާ ދިން ނިއު ޖާޒީއަށް ނިސްބަތްވާ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ހާދީ މަޓަރުގެ މައްޗަށް މި އަހަރުގެ ކުރީކޮޅު ވަނީ މީހަކު މަރާލަން އުޅުމާއި މާރާމާރީގެ ކުށް ސާބިތުވެފައެވެ.

ރުޝްދީ މަރާލަން އުޅުމުގެ ކުށުގައި މަޓަރަށް އިއްވާފައި ވަނީ މީހަކު މަރާލަން އުޅުމުން އިއްވާ އެންމެ ބޮޑު ހުކުމެވެ.

އަދި ރުޝްދީއާ އިންޓަވިއު ކުރަމުންދިޔަ، ހެންރީ ރީސްއަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ވެސް އޭނާގެ މައްޗަށް ވަނީ މާރާމާރީގެ ކުށް ސާބިތުވެފެއެވެ. އެ ކުށަށް ޖަލު ހުކުމް ހަތް އަހަރަށް ވަނީ އިތުރުކޮށްފައެވެ.

އެސޯސިއޭޓް ޕްރެސް (އޭޕީ) ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުމް އިއްވުމުގެ ކުރިން މަޓަރު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އޭނާ ވަނީ ރުޝްދީ އަކީ މުނާފިޤެއް ކަމަށް ބުނެފައެވެ.

"ސަލްމާން ރުޝްދީ ބޭނުންވަނީ އެހެން މީހުންނަށް އިހުތިރާމް ކުޑަކުރަން. އޭނާ ބޭނުން ވަނީ އެހެން މީހުންނަށް ބުލީ ކުރަން. އަހަރެން އެކަމާ އެއްބަހެއް ނުވަން." މަޓަރުގެ ބަޔާނުގައިވެއެވެ.

"އަހަރެން ނުދެކެން އޭނާއަކީ މާ ރަނގަޅު މީހެއް ކަމަކަށް." 2022 ވަނަ އަހަރު ނިއުޔޯކް ޕޯސްޓުން ނެރުނު ރިޕޯޓެއްގައިވެސް ރުޝްދީއާ ބެހޭ ގޮތުން މަތަރު ބުނެފައިވެއެވެ. "އޭނާއަކީ އިސްލާމްދީނަށް ހަމަލާދިން މީހެއް."

މަޓަރު ވަނީ ރުޝްދީގެ ކޯތާފަތާއި މޭމައްޗާއި ލޮލާއި ކަރާއި ފަލަމަސްގަނޑު ހިމެނޭ ގޮތަށް ޖުމްލަ 15 ފަހަރު ވަޅި ހަރާފައެވެ.

ލިޔުންތެރިޔާ ސަލްމާން ރުޝްދީ. އޭނާ ވަނީ އިސްލާމްދީނާ ދެކޮޅަށް ގިނަ ލިޔުންތަކެއް ލިޔެފައި. ފޮޓޯ/ޕީއޭ މީޑިއާ

އެމެރިކާއާއި އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ 76 އަހަރުގެ ރުޝްދީއަށް ވަޅީގެ ހަމަލާ ދިނީ މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. ހަމަލާ ދިނީ ނިއު ޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގައި އޮތް އަދަބީ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި ތަގުރީރުކުރަން އުޅެނިކޮށެވެ.

އިސްލާމްދީނާ ދެކޮޅަށް އެތައް ލިޔުމެއް ލިޔެފައިވާ ރުޝްދީ 1988 ވަނަ އަހަރު ލިޔުނު ފޮތް "ދަ ސެޓޭނިކް ވާސެސް" ގެ ސަބަބުން އޭނާ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީ ވަނީ 1989 އަހަރު ފަތުވާއެއް ވެސް ނެރެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު