ޗެލްސީއިން ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަންސް ލީގުގެ އުންމީދު އާކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ޗެލްސީއިން ކާމިޔާބު ކޮށް މި އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަހޯދުމަށް ކުރާ އުންމީދު އާކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމުން ވެސް އުފެއްދިތަން ފެނިގެންދިޔައެވެ. މި ހާފުގައި އިދިކޮޅު ޓީމުގެ ގޯލަށް ބޮޑަށް ނުރައްކާކުރިތަން ފެނިގެންދިޔައީ ޔުނައިޓެޑުންނެވެ.

މި ގޮތުން އެ ޓީމުން ކުރިއަށް އަރާ ކޮންމެ ފަހަރަކު އެ ހަމަލާ ޗެލްސީއަށް ނުރައްކާ ވެގެންދިޔަތަން ފެނިގެންދިޔައެވެ. އޭގެ ބަދަލުގައި ޗެލްސީގެ ފޯވާޑް ލައިނުގައި ނިކޮލަސް ޖެކްސަން ނެތްތަން މި ހާފުގައި ފެނިގެންދިޔައެވެ.

މި މެޗުގެ ދެވަނަ ހާފަށް ޗެލްސީއިން ނިކުތީ މިކަން ރަނގަޅުކޮށް ކުޅުން އިތުރަށް ވަރުގަދަ ކޮށްގެންނެވެ. މި ގޮތުން މި ހާފުގައި ޗެލްސީގެ ހަމަލާތައް އިތުރު ވުމުގެ އިތުރުން ވަރުގަދަ ވެގެންދިޔަތަން ފެނިގެންދިޔައެވެ. އަދި ޗެލްސީގެ ކުޅުމުން ލަނޑެއް ޖެހުމަށް ބޭނުންވެފައިވިކަން ފާހަގަ ވެގެންދިޔައެވެ.

ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 71 ވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ވަރަށް މަސައްކަތުން ގޯލް ކުރިމައްޗަށް ނަގައިދިން ހުރަހެއް ޔުނައިޓެޑްގެ ގޯލްގެ ތެރެއަށް ވައްދާލާ މާކް ކުކުރެޔާ ޗެލްސީއަށް މެޗުގެ ލީޑު ނަގައިދިނުމެވެ. މި ލަނޑު ޖެހުމުގެ ކުރިން ރެފްރީވަނީ ޗެލްސީއަށް ޕެނަލްޓީއެއް ލިބިގެންދިޔަކަމަށް ދައްކާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ޕެނަލްޓީ ވަނީ ބާތިލްކޮށްފައެވެ. މި ހާފުގައި ޔުނައިޓެޑުން އެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ބަދަލުކުރިތަން ފެނިގެންދިޔައެވެ. އަދި މި ވަގުތު ޔުނައިޓެޑްގެ ހުރިހާވެސް އަމާޒެއް ހުރީ ޕްރިމިއާ ލީގުގެ ބަދަލުގައި ކުރިއަށް އޮތް ޔޫރޮޕާ ލީގުގެ ފައިނަލަށް ކަން ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ.

މި ކާމިޔާބީ އާއެކު ޗެލްސީ މިހާރު އުޅެނީ ކުޅުނު 37 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ފަހު މެޗުގައި ރަށުން ބޭރުގައި ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރަމުންދާ ނޮޓިންހަމް ފޮރެސްޓް އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރެވިއްޖެނަމަ އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މެޗުން ބަލިވުމުން ޔުނައިޓެޑު މިވަނީ މި ސީޒަންގައި ލީގުގައި ކުޅުނު 37 މެޗުގެ ތެރެއިން 18 މެޗުން ބަލިވެފައެވެ. އަދި މިހާރު އުޅެނީ 39 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

މި މުބާރާތުގައި ރޭ އެސްޓަން ވިލާ އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށް ވިލާއިން ވެސް މި ވަނީ މި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކުރާ އުންމީދު ދަމަހައްޓަފައެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރި ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި އެޒްރީ ކޮންސާ އާއި ބޮއުބަކާ ކަމާރާއެވެ. މި މެޗުން މޮޅުވުމުން ވިލާ މިހާރު ވަނީ ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ 66 ޕޮއިންޓާއެކުއެވެ. އަދި މިދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މިހާރު ވަނީ ހަ ވަނައަށް ވެއްޓިފައެވެ.

މިއަންނަ ސީޒަންގައި ޕްރިމިއާ ލިގުން ފަސް ޓީމަކަށް ޗެމްޕިއަންސް ލީގުގެ ޖާގަ ލިބިގެންދާނެއެވެ. އެހެން ކަމުން ގަދަ ފަހަކަށް ކުރާ ވާދަ މި ވަނީ ވަރަށް ބޮޑު ތަނުން އިތުރު ވެގެން ގޮސްފައެވެ. މި ފަސް ޖާގައިގެ އިތުރުން ޔުނައިޓެޑާއި ސްޕާސްއަށްވެސް ޗެމްޕިއަންސް ލިގުން ޖާގައެއް ހޯދުމުގެ ފުރުސަތު މިހާރުވަނީ ތަނަވަސްވެގެން ގޮސްފައެވެ. އެއީ މި ދެ ޓީމުވެސް ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދާފައިވާތީއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޖެހިގެން އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ދިނުމަށް ޔުއޭފާއިން ވަނީ ނިންމާފައެވެ. އެހެން ކަމުން ޔުނައިޓެޑާއި ސްޕާސްގެ ވެސް އަމާޒު މިވަގުތު ބޮޑަށް ހުރީ ޔޫރޮޕާ ލީގަށެވެ. ރޭގެ މެޗުން ބަލިވުމުން ސްޕާސް މިހާރު އުޅެނީ 38 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު