ޝަރުއީ ދާއިރާއަށް ރައީސް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ ފަރާތްތަކަށް ޚަލީލް ދެއްވައިފި

ސިއްހީ ކަންކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް: އޭނާ ވަނީ، ޝަރުއީ ދާއިރާއަށް ރައީސް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ ފަރާތްތަކަށް ވަނީ ދެއްވައިފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ޝަރުއީ ދާއިރާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ ފަރާތްތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މިއަދު ދެއްވައިފިއެވެ.

މިނިސްޓަރު ޚަލީލް އެ ޔަގީންކަން ދެއްވާފައިވަނީ، ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އެކަން ބައިނަލްއަގުވާމީ ފަރާތްތަކާ ހިއްސާކުރަމުން ދަނިކޮށެވެ.

ފަނޑިޔާރުން ވަކިކުރުމުގެ ކުރިން ކޮމަންވެލްތުން ނެރުނު ބަޔާނެއްގައި ވަނީ، އަޒްމިރަލްދާއާއި މަހާޒަށް ހައްގުތައް ދީފައި ނެތްނަމަ، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބޭރުކުރަން ގޮވާލާފައެވެ.

ކޮމަންވެލްތުގެ އިސްވެރިންނަށް ޓެގުކުރައްވައި، މިނިސްޓަރު ޚަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޝަރުއީ ދާއިރާއަށް ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑިޝަލް ސާވިސް (ޖޭއެސްސީ)އިން ހިންގި ތަހުގީގަކުން ރައްޔިތުންގެ މަޖިލީހުން ކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ، ޝަރުއީ ދާއިރާގެ އެއްވެސް މައްސަލައަކަށް ރައީސް މުއިއްޒު ހުރަހެއް ނާޅުއްވާނެ ކަމަށެވެ.

އެމަނިކުފާނު މަސައްކަތް ކުރައްވަނީ، ޝަރުއީ ދާއިރާ ހިންގުމުގެ ނިޒާމާ ވަކިކުރައްވައި، މިނިވަންކޮށް ބޭއްވުމަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި، އިދިކޮޅު އިސް ބޭފުޅުން ބޭރުގެ ފަރާތްތަކަށް ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޚަލީލް ވަނީ ވިދާޅުވެފައެވެ.

https://sun.mv/206112

ފާހަގަކޮށްލެވޭ ގޮތުގައި، ދެ ފަނޑިޔާރުން ވަކިކުރި ގާނޫނާ ޚިލާފަށް ކަމަށް ބުނެ، ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅިގެން ހުރި ކަންބޮޑުވުންތައް, ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)އާ އެމްޑީޕީން އިއްޔެ ވަނީ ހިއްސާކޮށްފައެވެ.

އެމްޑީޕީން އެކަން ހިއްސާކުރުމަށް އީއީއޭއެސްއާ ބައްދަލުކުރި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމާއި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމެވެ.

އެ ވަފުދުން ވަނީ، އީއީއޭއެސްގެ ޑެޕިއުޓީ މޭނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޮނީއާ ބައްދަލުކުރައްވައި، ރާއްޖޭގެ ޑިމޮކްރެސީއަށް ދިމާވެފައިވާ ހާލަތު ކިޔައިދެއްވާފައެވެ. އެގޮތުން، މި ސަރުކާރުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލާފައިވާ ގޮތުގެ އެސެސްމަންޓެއް ހިއްސާކޮށްފައިވެއެވެ.

comment ކޮމެންޓް