މިތުރާ ގަޔާވެލީ... 09

"އަހަރެން ބޭނުން ވަރަށް އަވަހަށް ކައިވެނި ކުރަން... ލޯބިވެރިންގެ ދުވަހު ކައިވެނި ކުރަންވީނު..." ނައީމު އުޅުނީ ރޫބީގެ އަތުގައި ހިފާލާށެވެ.

އިކާންގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އިކާން ދިޔަ ބާރުމިނުގައި ރޫބީގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.

********

"ތިކައިވެންޏެއް ނުކުރެވޭނެ" އިކާން ނައީމަށް ބަލައިލީ ނުރުހިފައެވެ.

ނައީމު ފުންމައިގެން ކޮޅަށް ތެދުވިއިރު، މިފްޒާލަށްވެސް ހުރެވުނީ ކޮޅަށް ތެދުވެއެވެ. އިކާން އެފަދަ ކަމެއް ކޮށްފާނެކަމަށް މިފްޒާލް ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ރެސްޓޯރެންޓްގައި ތިބި އެންމެންގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވާތަން ފެނުމުން، މިފްޒާލް ކަންބޮޑުވިއެވެ. އިކާނަކީ ގަދަރުވެރި އާއިލާއެއްގެ ގަދަރުވެރި މަގާމެއްގައި ހުރި މީހެކެވެ. ޒަމާނަކީ އެފަދަ ކަންކަން ސޯސަލްމީޑިޔާގައި އާންމު ކުރަމުންދާ ދުވަސްވަރެކެވެ. އެހެންމީހުންގެ މާބޮޑު ސަމާލުކަމެއް ލިބުމުގެ ކުރިން މިފްޒާލް ބޭނުންވީ އިކާން ހުއްޓުވާށެވެ.

"އިކާން!... ތީ ކޮން ކަމެއް؟ ހިނގާ ދާން" މިފްޒާލް އިކާންގެ އަތުގައި ހިފިއެވެ. އޭރުވެސް އިކާން ހުރީ ރޫބީގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ.

ރޫބީއަށް ހަމަހޭވެރިކަންވުމާއިއެކު، އިކާންގެ އަތުގެ ތެރެއިން އަތް ދަމައިގަންނަން އުޅުނެވެ. އިކާން އެ ފުރުސަތެއް ނުދިނެވެ. ކުއްލިއަކަށް އިކާން އައުމާއި، ކައިވެންޏަށް ހުރަސް އެޅުމުން ރޫބީ ހުރީ ވިސްނަންވީ ގޮތެއް ނޭނގިފައެވެ. އެތަނުން ދެމީހުން ބައްދަލުވުން އެއީވެސް އިއްތިފާގެއް ހެއްޔެވެ؟ ނޫނީ އިކާން ރޫބީއަށް ފާރަލަނީ ހެއްޔެވެ؟

"ކަލޭ ތީ ކާކު؟... ދޫކުރޭ އެމަންޖެ އަތުން!" ނައީމު އުޅުނީ ރޫބީގެ އަތުގައި ހިފާށެވެ.

"ބުނެފީމެއްނު ތި ކައިވެންޏެއް ނުކުރެވޭނެއޭ!" ނައީމަށް އިންޒާރެއް ދޭ ފަދައިން އިކާން ބުނެލިއެވެ.

"ކަލޭ ތީ ކާކުހޭ؟" ނައީމު ހަޅޭއްލަވައިގަތެވެ.

"އަހަރެން މީ ކާކުކަން ބުނަންވީތަ؟" އިކާން ކުރިއަށްވުރެ ހިތްހަމަނުޖެހުނެވެ. "ޝީ އިޒް މައިން... މިހާރު އެނގިއްޖެތަ؟"

ރޫބީ ދެލޯ ބޮޑުކޮށްލަމުން އިކާންގެ މޫނަށް ބަލައިލިއެވެ. އިކާންގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ރޫބީ ބަދުނާމުކޮށްލުން ހެއްޔެވެ؟ ނޫނީ އެއީ ކުރާ ސަމާސާއެއް ހެއްޔެވެ؟ އެކަމަކު، ސަމާސާކުރާ ކަހަލަ އެއްވެސް އަސަރެއް އިކާންގެ މޫނަކުން އޭނާއަކަށް ނުފެނެވެ.

"ތީ ކޮންމެ މީހަކަސް ވަރިހަމަ، އަހަރެން އިންނަން އުޅޭ ކުއްޖާގެ ގަޔަކު އަތެއް ނުލެވޭނެ!" ނައީމު މޭދިއްކޮށްލާފައި ކުރިއަށް ޖެހިލިއެވެ. އިކާން އިނގިރޭސިން ބުނީ ކީކޭކަމެއް ނައީމަކަށް ނޭނގުނެވެ.

"އެންމެންވެސް ހަމަޖެހިބަލަ!" އިކާންއާއި ނައީމުގެ ދެމެދަށް ވަންނަމުން މިފްޒާލް ބުނެލިއެވެ. "އެންމެން އެބަލަނީ މިދިމާއަށޭ... މި ޑިސްކަސް ކުރަން އެހެން ތާކަށް ދަމާ"

މިފްޒާލް ދެއްކި ވާހަކަ އަޑު އަހާކަށް އިކާން މަޑެއް ނުކުރިއެވެ. ރޫބީގެ އަތުގައި ހިފައިގެން ދިޔަގޮތަށް ލިފްޓަށް ވަނެވެ. އިކާންގެ ފަހަތުން ނައީމު ދާން އުޅުމުން މިފްޒާލް ނައީމު ހުއްޓުވިއެވެ.

"ނައީމްބެ ކައިރީ ބުނިގޮތަކަށް ނޫނެއްނު ތި ކަންތައްކުރީ..." ކަންތައް ވީގޮތުން މިފްޒާލް ހުރީ ސިކުނޑި ސުމަކަށް ދާވަރު ވެފައެވެ.

"އެއީ ކާކު؟ މިފްޒާލަށް އެނގޭދޯ އެއީ ކާކުކަން" އިކާން ދިޔަ ދިމާއަށް އިޝާރާތްކުރަމުން ނައީމު ސުވާލުކުރިއެވެ.

"އޭނަ ބުނެގެންނޭ ނައީމްބެ މިތަނަށް ގެނައީ... އެ ދެމީހުންގެ ކައިވެނި ހަމަޖެހިފަ އޮތީ..." މިފްޒާލްގެ މަގުސަދަކަށްވީ ނައީމު ހަމައަކަށް އެޅުވުމެވެ. އެކަމަކު، އެވާހަކަ އިވުމުން، ނައީމު ވަކީން ހިތްހަމަނުޖެހުނެވެ.

"ދެން ވަރިހަމަ ކޮންމެ ގޮތަކަށް ކޮންމެ ކަމެއްވެފަ އޮތަސް... އެހާ ޒުވާން، ރީތި ކުއްޖަކު ދޫކޮށެއް ނުލެވޭނެ! އަހަރެން މިހާރު ބޭނުންވަނީ އޭނަޔާ އިންނަން... އޭނަވެސް އެހުރީ އަހަންނަށް އިންނަން ތައްޔާރަށް... ދެން ކަލޭމެންނަށް މައްސަލައަކަށްވާންވީ ކީއްވެ؟ އެއްވެސް މީހަކަށް ދެން އަހަންނެއް ނުހުއްޓުވޭނެ!" ގޮތްދޫކުރާކަށް ނައީމު ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ.

ލިފްޓް ދިޔައީ ތިރިއަށެވެ. ރޫބީއަށް އިކާންގެ ކުރިމަތިން ނުދެވޭނެކަން ޔަގީންވުމުން، އިކާން ރޫބީގެ އަތުން ދޫކޮށްލިއެވެ. އޭރު އޭނާގެ ރުޅި ވަނީ ފިނިވެފައެވެ. ކުރެވުނު ކަންތަކާއިމެދު އިކާން ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓުނެވެ. ހިތްހަމަނުޖެހިފައިވާކަމުގެ އަސަރުތައް ރޫބީގެ މޫނުން ފެންނަމުންދިޔައިރު، އިކާން ވިސްނަމުންދިޔައީ ރޫބީއަށް ޖަވާބުދާރީވާނެ ގޮތަކާއި މެދުގައެވެ.

"މީ ކޮންކަމެއް؟" ރޫބީ ސުވާލުކުރީ ހަރުކަށި ރާގަކަށެވެ.

"އެކަހަލަ މީހެއްގެ ކައިރިން ސަލާމަތްކޮށްދިނީނު.." ރޫބީ ބަލަން ހުރިގޮތުން އިކާން ކުޑަކޮށް ޖެހިލުންވިއެވެ. އަވަހަށް ދެޖީބަށް އަތް ޖަހާލާފައި ތިރިއަށް ނަޒަރު ހުއްޓައިލިއެވެ.

"ކީއްވެ؟" ކުރިންވެސް ވާހަކަދެއްކި ރާގުގައި ރޫބީ އަހައިލިއެވެ.

"އެއީ... އެއީ... ރަނގަޅު މީހެއް ނޫންކަން އެނގޭތީ...." ހުއްޓަމުން ކަހަލަ ގޮތަކަށް އިކާންއަށް ބުނެވުނީ، ހަގީގަތް ހާމަކުރަން ފަސްޖެހުމުންނެވެ. އިކާން އޮޅުވާލީކަން އެނގުމުން، ރޫބީ ވަކީން ހިތްހަމަނުޖެހޭނެއެވެ. އިކާންގެ އަގު ވެއްޓޭނެއެވެ.

"ކިހިނެއް އެނގެނީ އެއީ ރަނގަޅު މީހެއް ނޫންކަމެއް؟.." ރޫބީގެ ސުވާލުތައް ހުހެއް ނުވިއެވެ.

"ތި ކައިވެނި ކުރަން ހަމަޖެހުނު މީހަކީ އަހަރެން... ކައިވެނި ކުރަން ބޭނުންނުވާތީ، އޭނަ އެގޮނޑީގަ ބޭންދީ އަހަރެން... އަހަރެން ބޭނުންވީ އަހަންނާ އިންނަން އަންނަ އަންހެންކުއްޖާ މި ކައިވެންޏަށް އެއްބަސްނުވާން..." ހަގީގަތް ހާމަކުރަން އިކާނަށް މަޖުބޫރުވިއެވެ.

"އޭނ..." ރޫބީގެ ދެލޯ ބޮޑުވިއެވެ. އިކާން ދެއްކި ވާހަކަ އޭނާއަށް ގަބޫލެއް ނުކުރެވުނެވެ.

"ދެން ކީއްވެ މިހާރު ތިއައީ؟..." ރޫބީ ދެލޯ ހަނިކޮށްލަމުން އިކާންއަށް ބަލައިލިއެވެ.

"އެއީ... މިހާރު އަހަރެން މި ކައިވެނި ކުރަން ބޭނުންވާތީ" އިކާންއަށް ބުނެވުނެވެ.

އެއްޗެއް ބުނަން އަނގަ ހުޅުވައިލި ރޫބީ ހުއްޓުން އެރިއެވެ. އިކާން އެފަދަ ޖަވާބެއް ދީފާނެކަމަށް ރޫބީ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ދެން ބުނާނެ އެއްޗެއް ނޭނގިފައި ރޫބީ ހުއްޓާ، ލިފްޓްގެ ދޮރު ހުޅުވުނެވެ.

"އަހަރެން ބޭނުން މިކައިވެނި ކުރަން..." ރޫބީއަށް ވީގޮތް ފެނި އިކާންއަށް ލިބުނީ އިތުރު ހިތްވަރެކެވެ.

ރޫބީ ހުރީ ނޭވާލާންވެސް ހަނދާންނެތިފައެވެ. އިކާންފަދަ ޒުވާނަކު ކައިވެންޏަށް އެދުމުން، އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރޫބީގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ލިފްޓަށް މީހަކު ވަނުމުން، ފުރުސަތުގެ ބޭނުންހިފައި ރޫބީ ލިފްޓުން ނުކުމެގެން ދުވެ ފިލިއެވެ.

********

ނަޖާތު އިނީ ރާޅުފަށުގައެވެ. ބިންމަތިން ހޮވަމުންދިޔަ ގާކޮޅުތައް މޫދާއި ދިމާއަށް އުކަމުން ދިޔައިރު، ނަޖާތުގެ ސިކުނޑި ވަނީ އެހެން ދިމާއެއްގައެވެ. ދޭތެރެއަކުން ފޯނު ބަލައިލައެވެ. ވަގުތު މާ ދިގުހެން ނަޖާތަށް ހީވަނީއެވެ. އިރު އޮއްސުމުގެ އަސަރުތައް ދުނިޔެމަތިން ފެންނަމުން ދިޔައެވެ. ތަފާތު ކުލަތަކުން، ހިތްތަކަށް ދިރުން ގެނެސްދޭހައިވެއެވެ. ނަޖާތުގެ ކައިރީގައި އިން ނާސީހާ އޭނާގެ ފޯނުން ނަޖާތުގެ ދެތިން ތަސްވީރެއް ނެގިއެވެ.

"ތިހާ ހާސްވެފަ ނީނދެ، ދެން އޭނައަށް ގުޅާލަންވީނު!" ނާސިހާ އެދުނެވެ.

"ވަރަށް ބޭޑް ފީލްވޭ... އަހަރެން ކުރަންޖެހޭ ކައިވެންޏެއް ރޫބީގެ ބޮލުގަ އެޅުވުން އެއީ ކުޑަ ކަމެއް ނޫނެއްނު..." ނަޖާތު އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

"ނަޖާއަށް މިވަގުތު ކައިވެނި ކުރެވެން ނެތީމައެއްނު އެހެން ކަންތައް ކުރީ..." ނަޖާތުގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން ނާސިހާ ބުނެލިއެވެ. "އެކަމަކު، ރޫބީއަށް އޮޅުވާނުލާ ތެދަށް ބުނިނަމަ އެއީ ނަޖާ ކުރަން ހަމަޖެހުނު ކައިވެންޏެކޭ... އަދިވެސް ވަގުތު އެބައޮތް، ބުނަންވީނު... ރޫބީއަކީ ރަނގަޅު ކުއްޖެއް ވެއްޖެއްޔާ، ނަޖާއަށްޓަކާ އެކައިވެނި ކުރާނެ"

"ނޫން ނޫން... އޭރަށް އޭނަ އެ ކައިވެންޏެއް ނުކުރާނެ! އަހަރެން ބޭނުމެއް ނޫން މިދަނޑިވަޅުގަ ތިވަރުގެ ރިސްކެއް ނަގާކަށް..." ނަޖާތަކަށް އެގޮތް ކަމަކު ނުދިޔައެވެ. ރޫބީއަކަށް އިތުބާރެއްވެސް ނުކުރެވުނެވެ. ރޫބީ ކައިވެންޏާއި ދެކޮޅުހަދާ، އެނބުރި ރަށަށް ގޮސްފިނަމަ، ހުރިހާ ގެއްލުމެއް ވާނީ ނަޖާތަށެވެ.

"ކޮންމެވެސް ދުވަހަކުން ތިކަން ފަޅާއަރާނެ އިނގޭ..." ނާސިހާ މަސައްކަތްކުރީ ނަޖާތަށް ވިސްނައިދެވޭތޯއެވެ.

"އެދުވަހަކުން ރޫބީ އަހަންނަށް މާފުކޮށްފާނެހެން ހީވޭތަ؟" ނަޖާތުގެ ވިސްނުން ބަދަލުކުރާކަށް ނޫޅުނެވެ.

"ތިސުވާލުގެ ޖަވާބު ކިހިނެއް އަހަރެން ދޭނީ؟" ނާސިހާ ދެފަރާތަށް ބޯ ހޫރައިލިއެވެ. "ދެން އެކަމާ ނުވިސްނާ!... ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބަލާ"

********

ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ސޯފާގައި އިށީނދެގެން އިން ޔަޒްދާން އިނީ ލޯ މަރާލައިގެންނެވެ. ރޫބީ ބޭސްއަޅައިދިން މަންޒަރު ޔަޒްދާންއަށް ސިފަވަނީއެވެ. އެމަންޒަރު ކިތަންމެ ވަރަކަށް ބެލި ނަމަވެސް ޔަޒްދާން ފޫއްސެއް ނުވިއެވެ.

ގެއަށް ވަދެވެން ހުންނަ ދޮރުގައި މީހަކު ހިފައިލި އަޑު އިވުނެވެ. ޔަޒްދާން ލޯ ހުޅުވައިލިއެވެ. އެމީހަކު ދޮރު ހުޅުވާފައި ވަރަށް ސިއްރުން އެތެރެއަށް ވަން މަންޒަރު ޔަޒްދާނަށް ފެނުނެވެ. ޔަޒްދާން ސޯފާގައި ގުޑިވެސް ނުލައި އިންދާ އެމީހަކު މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.

ޔަޒްދާން ކޮޓަރިއަށް ވަދެފައި، އަތުގައި އޮތް ރިމޯޓަށް ފިތައިލިއެވެ. މުޅި ތަން އަލިވެގެން ދިޔައެވެ. ޔަޒްދާންގެ އެނދު ކައިރީގައި ގުދަށް އޮތް މީހާ ތެޅިގަތެވެ. އޭނާގެ އަތުގައި އޮތް ވަޅި ޔަޒްދާނާއި ދިމާއަށް މަޅައިލިއެވެ. ކަޅު ފޭރާމުގައި ހުރި މީހާގެ މޫނު ނިވާކޮށްފައިވަނީ ކަޅު މާސްކަކުންނެވެ. ޔަޒްދާން ހުށިޔާރުކަމާއިއެކު، އެމީހާ ދިން ހަމަލާއިން ރެކިގަތެވެ. ދެމީހުންގެ ދެމެދުގައި ހިނގި ތަޅާފޮޅުން ނިމުނުއިރު، އެކަކު އަނެކަކަށް އެކިވަރުގެ އަނިޔާވެފައި ހުއްޓެވެ. ޔަޒްދާންގެ މޫނުން ތަންކޮޅެއް ކަފައިގެން ގޮސްފައިވާއިރު، އަތުގެ ދެތިން ތަނެއްވެސް މަށައިގެން ގޮސްފައިވިއެވެ. ދެން ސަލާމަތް ނުވާނޭހެން ހީވުމުން، އެމީހަކު ދުވެފައި ގޮސް ބެލްކަނީން ފުންމައިލިއެވެ. އެމީހާގެ ފަހަތުން ދިޔަ ނަމަވެސް ޔަޒްދާންއަށް އަތުވާ ވަރަށްވުރެ އެމީހާގެ ހަރަކާތްތައް އަވަހެވެ.

*********

ނަޖާތު ގެއަށް ދިޔައިރު، ރޫބީ އޮތީ ކޮޓަރީގައެވެ. މޫނުމަތީގައި ބާލީސް އަޅައިގެން އޮތްގޮތުން، ނަޖާތު ހީކުރީ ރޫބީ ރޮނީ ކަމަށެވެ.

"ކަމެއް ގޯސްވީތަ؟" ރޫބީގެ ކައިރީގައި އިށީންނަމުން ނަޖާތު އަހައިލިއެވެ.

"އާނ... ހުރިހާ ކަމެއްވެސް ގޯސްވެއްޖެ" ރޫބީ ބާލީސް ނެގިއެވެ. ފުންމައިގެން ތެދުވެފައި ނަޖާތުގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

"ނެތްތަ ކައިވެނި ކެންސަލް ކުރެވޭނެގޮތެއް..." ރޫބީ ދެން ބުނި ވާހަކައަކުން ނަޖާތުގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

"ބޭބެއާ ވާހަކަ ދައްކާލަންވީތަ؟" ދެފިކުރެއްގައި އިނދެފައި ނަޖާތު ބުނެލިއެވެ.

********

"ވާހަކަ ދައްކާނެކަމެއްނެތް... އަހަރެން ބޭނުން މިކައިވެނި ކުރަން.." އިކާން އިނީ ހަމަޖެހިފައެވެ. "ނައީމަށް މި ދީ.."

އިކާން އޭނާގެ ވޮލެޓުން ނެގި ފަސްސަތޭކައިގެ ނޫޓުތައް މިފްޒާލްގެ އަތަށް ލައިދިނެވެ.

"ކުއްލިއަކަށް ކީއްވެ؟" ފައިސާގައި ހިފަމުން މިފްޒާލަށް ބުނެވުނެވެ.

"އެއީ އޭނަ... އަހަރެން މިހާ ދުވަހު އިންތިޒާރުކުރި ކުއްޖާ..." އިކާންގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

ގެއަށް ދިޔައިރު، އިކާންގެ މޫނު ވަނީ އުޖާލާވެފައެވެ. އެއިން ދުވަހެއްގައިވެސް އިކާނަށް އެވަރުގެ އުފާވެރިކަމެއް ނުލިބެއެވެ. ފަލާހާއާއި ނާޝިޒްގެ އިތުރުން އަސްލަމްވެސް ސިޓިންގްރޫމުގައި އިނެވެ. އިކާންގެ މޫނުމަތީގައިވި އުފާވެރިކަން އެކަކަށްވެސް ސިއްރެއް ނުވިއެވެ.

"ދަރިފުޅު އެކުއްޖާއާ..." ފަލާހާ އެއްޗެއް ބުނަން އުޅުނެވެ.

"އަހަރެން ބޭނުން އެކުއްޖާއާ ކައިވެނި ކުރަން..." ފަލާހާގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން އިކާން ބުނެލިއެވެ.

"ކޮބާ... އޭރުވެސް އަހަރެން ބުނީމެއްނު ރަނގަޅު ކުއްޖަކާ ޖެހުނީމަ ކައިވެނިކުރަން އިކާން ދެކޮޅެއް ނުހަދާނެއޭ..." އަސްލަމްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. "ކައިވެނީގެ ކަންތައް އަވަސްކުރޭ!... އަހަރެން ލަންޑަނަށް ފުރުމުގެ ކުރިން ތިކަން ނިންމަންވާނެ.."

********

އޮފީހަށް ވަންނާނެ ހިތްވަރު ނުލިބިފައި ރޫބީ އެތައް އިރަކު ދޮރުމަތީގައި ހުއްޓެވެ. އެންމެފަހުން ރޫބީ ނިންމީ ގެއަށް ދާށެވެ. ރޫބީ ފަސްއެނބުރުނު ވަގުތު ކުރިމަތީގައި ހުރި ޔަޒްދާން ފެނި، ސިއްސައިގެން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު