MTCC

ގުރާގެ ހަޅޭކާހެދި, އަވައްޓެރިންނަށް ހަމަނިދި ނުލިބިފައި

މާލޭގައި ގެންގުޅޭ ބޮޑު ގުރައެއް: މިފަދަ ގުރާތައް އަޑުގަދަ ކުރާތީ އާންމުނަށް ވަރަށް އުނދަގޫވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ ދުށް އެންމެ މޮޅު އެއް ޑައިރެކްޓަރު, މުހައްމަދު ނިޔާޒް (ޓެޑްރީ), އޭނާގެ ސޯޝަލް މީޑިއާއަށް އިއްޔެ ދޫކޮށްލި, ވީޑިއޯއެއްގެ ކެޕްޝަންގައި ލިޔެފައިވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހަމަ ކޮންމެ ދުވަހަކު ވެސް އެތައް ފަހަރަކު ކުރިމަތިލާން ޖެހޭ އުނދަގުލެއްގެ ވާހަކައެވެ. ވީޑިއޯ ޕްލޭކޮށްލުމާއެކު ވާނެ އުނދަގޫ އަމިއްލައަށް ވެސް އިހުސާސްކޮށްލެވުނެވެ. އިވެނީ ބާރުބާރަށް ދޫންޏެއް ހަޅޭއްލަވާ އަޑެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ގަދަ އަޑު އޭނާ އާއި އެ ގޭގެ އަވައްޓެރިން ޖެހެނީ އަހާށެވެ.

މިއީ ޓެޑްރީ އެކަނި ކުރާ އުނދަގޫ, ތަޖުރިބާއެއް ނޫންކަން އެނގެނީ އެ ޕޯސްޓްތަކަށް މީހުން ކޮށްފައިވާ ކޮމެންޓްތަކުންނާއި ދީފައިވާ ރިޕްލައިތަކުންނެވެ. މިއީ އެތައް ބަޔަކު ކޮންމެ ދުވަހަކު ކުރަމުން އަންނަ އުނދަގޫ ތަޖުރިބާއެކެވެ. މާލޭގެ އެކި ހިސާބުތަކުން ދުއްވާލާފައިދާއިރު ވެސް މިފަދަ އަޑުތައް އިވެއެވެ.

ތަފާތު އެކި ވައްތަރުގެ ގުރައާއި އެހެނިހެން ޖަނަވާރުތައް ގެންގުޅުމަކީ ވަރަށް ގިނަ ބަޔަކު ލޯބި ކުރާ އަދި ވަރަށް ބޮޑު ހޭދައެއް ވެސް އެކަމަށް ކުރާ ކަމެކެވެ. ޕެޓްގެ ގޮތުގައި ގިނަ ބަޔަކު ބޮޑެތި ދޫނިތައް ގެންގުޅެއެވެ. އޭގެ ތެރޭގައި ހިމެނޭ މަކާއޯ ފަދަ ދޫނިތަކަކީ ވަރަށް އަޑުގަދަ ކުރާ އެއްޗެއްސެވެ. އެއީ ބަލާލަން ވަރަށް ރީތި އެއްޗެކެވެ. ނަމަވެސް ކަންކަން މި ގޯސްވާ ހިސާބަކީ އެހެން މީހުންނަށް އުނދަގުލަކަށްވާ ހިސާބަށް ކަންކަން ދިއުމުންނެވެ.

ބެލްކަނިތަކާއި ޓެރެސްތަކުގައި ގެންގުޅޭ ބޮޑެތި ގުރާތަކުގެ ހަޅޭކުގެ އަޑާހެދި, ހަމަނިދި ނުލިބިފައި ތިބި އެތައް ބަޔަކު މި މާލޭގައި އެބަ އުޅެއެވެ. އެ ގަދަ އަޑު އިވެނީ އެ އެއްޗެހި ގެންގުޅޭ މީހާ އާއި އެ ގެއަށް އެކަންޏެއް ނޫނެވެ. މުޅި އެ ސަރަހައްދުގެ އެންމެންނަށް އެ އުނދަގޫ ފޯރައެވެ. ގޭގޭގައި ތިބޭ ބަލި މީހުންނާއި ކުޑަކުދިންނަށް އަދި މާ އުނދަގޫވާނެއެވެ. ހަމައެއާއެކު އެ ބާރު އަޑަކީ ގޭގޭގައި ހަމަޖެހިލައިގެން ތިބެލުމަށް ވާނެ ދައްޗެކެވެ.

"ހަމަޖެހިގެން މީހުން ދިރިއުޅުމަށް އުނދަގޫވާގޮތަށް ޖަނަވާރުތަކާއި ދޫނިތައް ގެންގުޅުމާ ދެކޮޅަށް ކޮންމެވެސް ޤާނޫނެއް އޮންނަންޖެހޭ... އަހަރެންގެ މައިންބަފައިންގެ ގޭގައި ވެސް މިފަދަ ކަމަކާ ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ. އެ ގޭގެ ތިރީ ފަންގިފިލާގައި ދިރިއުޅޭ މީހާ ހިތުން އޭނާގެ ނޫ މަކާއޯ ބެއިންދުމަށް އެންމެ ރަނގަޅު ތަނަކީ ކުޑަކުޑަ ބެލްކަނި," މަރިޔަމް ނީނާ ކިޔާ މީހަކު ޓެޑްރީގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކޮށްފައިވެއެވެ.

ތޮއްޖެހި, ފުރި ބާރުވެފައިވާ މި މާލޭގައި ހަމަޖެހިލައިގެން ދިރިއުޅުން އުނދަގޫ އެތައް އެތައް ސަބަބެއް އެބައޮތެވެ. މަގުތައް އަމާނެއް ނޫނެވެ. ހަލަބޮލިކަމާއި އެކްސިޑެންޓާއި ކުށްތަކުގެ ސަބަބުންނެވެ. ގިނަ ބަޔަކު އަގު ބޮޑުކޮށް ގެ ހަދައިގެންނާއި ބޮޑު ކުލި ދައްކައިގެން ގޭގޭގައި އެ ތިބެނީ ކޮންމެ ވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަޑާއި ބަރުގޮނުގެ އަޑުގެ ސަބަބުން ވެސް ހަގީގީ ހަމަޖެހުމެއް ނުލިބެއެވެ. އެއަށް ދެން މި އިތުރުވަނީ އަވައްޓެރިން ގެންގުޅޭ ދޫންޏާއި އެކިއެކި ޖަނަވާރުތަކުގެ ސަބަބުން ވާ އުނދަގޫ ތަކެވެ. މިފަދަ އެއްޗެހީގެ ދިރިއުޅުން ހުންނަ ގޮތުން ވަކި ވަގުތެއް ވެސް ނޯވެއެވެ. ދުވަހުގެ ގިނަ ވަގުތު އެ ތިބެނީ އަޑުގަދަ ކުރާށެވެ.

މިއީ މި ފަހުން އެކަނި ކުރިމަތިވާ މައްސަލައެއް ނޫނެވެ. ޒަމާންވީ މައްސަލައެކެވެ. އެކަމަކު ތިމާގެ މިނިވަންކަމާމެދު އެކަނި ވިސްނޭތީ ހައްލު ނުވެ އޮތް މައްސަލައެކެވެ. ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމަށް މީހުންނާ ވާހަކަ ދައްކާލުމުން އެނގުނެވެ. އޭގެ ތެރޭގައި ރަނގަޅަށް ނިދުމަށް ނުވަތަ އަރާމުކުރުމަށް އުނދަގޫވުމާއި މަސައްކަތް ނުވަތަ ކިޔެވުމަށް ސަމާލުކަން ދިނުމަށް އުނދަގޫވުން ހިމެނެއެވެ. ހަމައެހެންމެ މީހުންނާއި ވާހަކަދައްކައި ހެދުމަށާއި އަމިއްލަ ގޭގައި އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރަން އުނދަގޫވުން ހިމެނެއެވެ. މިއީ މީހާގެ ހާސްކަން ނުވަތަ ސުޓްރެސް މަތިވާން މެދުވެރިވާނެ ކަންކަމެވެ. އޭގެ ނަތީޖާއަކަށް ވަނީ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ސިއްހަތަށް ވެސް ނޭދެވޭ އަސަރުތައް ކުރުމެވެ.

މިފަދަ ކަންކަން ހައްލު ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތައް ވެސް ހަދާފައި އެބަހުއްޓެވެ. އާއްމު އިޖުތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ކުށެކެވެ. އަދި ޖަނަވާރާއި ދޫނި ގެންގުޅެން ވެސް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި އާއްމުންގެ ތެރޭގައި ގެންގުޅުން މަނާ ތަކެތި ވެސް ހިމެނެއެވެ. ނަމަވެސް ރާއްޖޭގައި ގިނަ ގާނޫނުތަކަކީ ތަންފީޒު ނުވާ އެއްޗެއްސަށްވާއިރު މި ގާނޫނުތައް ވެސް އޮތީ ހަމަ އެ ހާލުގައެވެ. ކަމާ ބެހޭ މުއައްސަސާތަކަށް ގުޅިޔަސް ގިނަ ފަހަރު މައްސަލަ ހައްލެއް ނުވެއެވެ.

އަވައްޓެރިންނަށް އުނދަގޫވާ ގޮތަށް ކަންކަން ނުކުރުމަކީ ދުނިޔޭގެ ތަހުޒީބީ, އަދި ރަނގަޅު އަހުލާގެއްގެ ބަޔަކު އުޅޭ މުޖުތަމައުތަކުން ވަރަށް އިސްކަން ދޭ ކަމެކެވެ. އެގޮތުން ހައްލުތައް ހޯދާފައި އެބަހުއްޓެވެ. ތައިލެންޑް ފަދަ ގައުމުތަކުން މިކަމަށް ހައްލު ހޯދާފައިވަނީ އެ މީހުންގެ އާންމު ސިއްހަތާބެހޭ ގާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ. ހާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ދޫންޏާއި ޖަނަވާރުތައް ގެންގުޅެން ރައްކާތެރިކަމުގެ ގަވާއިދުތައް ތައާރަފްކޮށްގެންނެވެ. ސިންގަޕޫރަށް ބަލާއިރު މިފަދަ މައްސަލަތައް ހައްލު ކުރަނީ މީހުން ދިރިއުޅޭ ގެދޮރުގައި ދޫނި ގެންގުޅުމާ ބެހޭ ހާއްސަ އުސޫލުތައް ހަދައިގެންނެވެ. އެ ގައުމުތަކުގައި އެ މައްސަލަ ހައްލު ވަނީ ގާނޫނާއި ގަވާއިދު ތަންފީޒު ކުރާތީއެވެ. މެކްސިކޯ ސިޓީފަދަ ތަންތަނަށް ބަލާއިރު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވެސް މިފަދަ މައްސަލަތައް ހައްލު ކުރަން މުނިސްޕަލްއިން ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

ތިމާއަށް ކިތަންމެ ހިތްހަމަ ޖެހުމެއް ލިބުނަސް އެއީ ދެން ތިބި ބަޔަކަށް ވާ އުނދަގުލެއްނަމަ އެ ކަމެއް ކޮށްގެން ނުވާނެއެވެ. މީހުން ހަމަޖެހިގެން ދިރިއުޅެން ހުރަސް އަޅާކަށް ނުވާނެއެވެ. ޓެޑްރީ އެ ހިއްސާ ކުރި ވީޑިއޯއިން އެ ކަންބޮޑުވުން އެބަ ފެނެއެވެ. މިއީ މާލޭގައި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ކުރާ އަނދަގޫ ތަޖުރިބާއެކެވެ. ހައްލެއް ހަގީގަތުގައި ވެސް ބޭނުންވެއެވެ.

comment ކޮމެންޓް

comment MOHAMED JAILAM IBRAHIM

4 week 5 day ago

އުދަގޫވިއަސް ފަސޭހަވިއަސް ގެންގުޅޭނަން! **މިވެރިކަމާހެދިއުނދަގޫވާމީހުންވެސް އުޅެއެވެ…

comment އަވަށްޓެރިޔާ

4 week 5 day ago

މަގޭދަރީގެ އޭލެވެލްއެގްޒާމްތެރޭ ކުއްތާއެއްފަދައިންގޮވާ ދޫނީގެ ވަރުގަދަށްއަޑަށް ކެތްނުވެގެން އެތަށްއިދާރާއަކަށްގުޅާފަ ޝަކުވާކުރިން. ވީކަމެއްހަރާން. އެއާއެކީ އުޅެންދަސްކުރިއަސް ނިދާފައޮންނަ ޅަދަރިއަށް ދަސްވަނީ އެއަޑަށް ހޭލެވުނީމަ ރޯންކަމެއް ސިކުނޑިން ވިސްނާމީހުންނަކަށްނޭނގެ. މަށާމަގޭ މައިންބަފައިންގެ ރަށުގަމަމިއުޅެނީ. ނުބުނާތި ރަށަށްދާށޭ. ދާނެރަށެއްނެތް.

comment ކަނަކް

4 week 6 day ago

ސާއިލު އަކީ ވަކި އަތަކަށް ޖެހި ހުސްވެފަ ހުންނަ މީހެއް. މަކާއޯގެ ގޮވުމުންވާ އުނދަގޫވާކަމަށް ލިޔުނު އިރު މިކަލޭގެއަކަށް ނުވިސްނުނު ޒުވާނުންނޭ ކިޔާ ބައިގަނޑަކު ނުކުމެ މަގުމަތީގައި ރޭގަނޑު ހަޅޭއްލަވާ އައުގުރާނަ ގޮވި އިރު އަވަޢްޓެރިންނަށް އުނދަގޫ ވާނެ ކަމެއް.އެއީވެސް ހަމަ އާއްމު އުނަދަގޫ ނޫންބާ އެވާހަކަތައް ލިޔިނީ ޗަރަށް ފަޚުރުވެތިކަމާއެކު

reply ލާލަ

4 week 5 day ago

އެވެސް އާންމުއުނދަގުލެއް. މިތާނގާ މިދައްކަނީ އަހަރުތަކެއް ވަންދެން ގޮވަމުންދާ ގޮވުމެއް ގެ ވާހަކަ މެދުނުކެނޑި

comment ސިމް

4 week 6 day ago

އުމުރުން ދުވަސްވެފަ ރިޓަޔާ ވާމީހުނަ ދާންވީ ރާއްޖެތެރޭ ހަމަ ހިމޭން ރަށްތަކަށް. ކޮންޖެސްޓުވެފަ ތިބޭ ކާރޯބާރު ބޮޑު ސިޓީތަކުގަ މާހައުލު ރަނގަޅެއް ނުވާނެ.

reply ކަމަނަދާތަ

4 week 6 day ago

އެހެންތަ ދެން ތީނަ ގޮސް ފަޅުރަށެއްގަ އޮންނަންވީނު ދޫނިތައް ހިފައިގެން އޭރުން މާރަނގަޅު ވާނެ ދައިތަމެންނައް. ވަރަށް ސަލާމް އެ ވާހަކަ ބުނެލި

comment ނަޒީ

4 week 6 day ago

އަހަރެމެންނަށް ނުނިދޭ މާލޭގެ މަގުމަތިން ދުވާ އެއްޗެހީގެ އަޑުފަތްގަނޑާ ހުރެވެސް. ހަމަ ނިދި ލިބެނީ މާލޭން ބޭރަށް ޗުއްޓީއަށް ދެވޭ ފަހަރަކު.

comment ނިޔާޒް2962

4 week 6 day ago

ދޫނިތަކުގެ ހަޅޭކަށްވުރެ ތޮއްޖެހިފައިވާ މިމާލޭގެ ހަނި ޕޭމަންތައްމަތީ ސިނގިރޭޓް ބޯންތިބޭ މީހުންގެ އުނދަގޫ މާބޮޑު، ދޫނިކަރުގަ ހިފުމުގެ ކުރިން ސިގިރޭޓްބޯ މީހުންގެ ތުރާލުން ސަލާމަތް ވާނެގޮތަކާއި ބެހޭ ރިޕޯޓެއް ލިޔެލަބަލަ

comment ފިޝަރމޭން

4 week 6 day ago

ޓެޑްމެން ދެން މިހާރު މާބޮޑަށް މުސްކުޅިވީ. އޯލްޑް ގޮތްގަނޑު ތިޔަ ހުންނަނީ. ތިޔަހެން ގޮވާލާ ދޫންޏެއްގެ އަޑަށް ހަމަ ނިދި ނުލިބެންޏާ އެއީ މުސްކުޅި ބޯދާ ޚިޔާލެއް. ތިވިސްނުން ދޫކޮށްލާ.

reply ސެހޭ

4 week 6 day ago

މަހިތުން އޭނާގެ ގެ ހުންނާނީ ޢޭސީ ކޮށްފަ ދޮރުތައް ލެއްޕީމަ މަހިތުން ނުނިދޭހާ އަޑުނގަދައެއް ނުވާނެ. ޢެހެން ނޫނަސް ގަދަ އަޑެއްވެސް އާއްމުކޮށް އިވޭނަމަ އެކަމަށް ހޭނޭނެ ނިދާކަށް ވެސް އުދަގުލެއް ނުވާނެ

comment ނުރައްކާސ

4 week 6 day ago

މަމެން ރަށުގަ ވެސް ވާލާ ކޮވެއްޔާ ކާޅާ އަދި ފަތިހުގެ ނިދި ހަރާބުކުރާ ހާލުގެ އަޑާހުރެ ނަފުސާނީވެއްޖެ. ގާނޫނުން ހައްލު ހޯދައިދީބް އަވަހަށް

comment އަލީ

4 week 6 day ago

އެލެފަންޓެއް ޓެރަހަށް އަރުވަަން ބޭނުން. ނެތްތޯ ވިއްކާ އެތެއް؟

comment އުނބު

4 week 6 day ago

ރަށައް ދޭބަލަ! އުނދަގޫ ނުވާނެ

reply ކާފަ

4 week 6 day ago

ބޭބޭ ޓެޑު އެއީ މާލޭ މީހެއްދޯ

comment ސަންޕަ

4 week 6 day ago

ކިތަންމެހާވެސް ޜީތި.. އެކަމަކު އުދަގޫތައް ދުރުކުރަންޖެހޭ.. އަޑު ކަނޑާނުލެވޭނެތަ..؟؟

reply އާމިނާމޯޑް

4 week 4 day ago

ރޭގަނޑު ދޫނިތައް ހަޅާލަވާ އަޑު ނީވޭ. ނިދާ ގަޑީގަ އެމީހުންވެސް ނިދަނީ. އަހަރެންގެ ދޫނި ފަތިހު ތެދުވެ މީހުން ހޭލައްވާލާފަ، އިރު އޮއްސި 6 ގަ ނިދާނެ. ބޮޑު ގުރައެއް އެއީ.

reply ރީފް

4 week 6 day ago

ޢޮޕަރޭޝަން ކޮއްގެން އެގޮތަށް ހަދާލެވިދާނެ. ޢެކަމަކު އެއީ އެ ދޫނިތަކަށް ދެވޭ އަނިޔާއެއް. ބުރީޑް ކޮއްފަ ތިބޭ ބަސް އަހާ އޮޅު ދޫނި އެއީ.

comment އާޓިކޯ

4 week 6 day ago

ވ. ބޮޑު ތެދެއް މީ. ވ އުނދަގޫ ވޭ އެ ގޮވާ ގޮތުން. ބަލާލަން ރީއްޗަސް އަޑި ހަޑިވެފަ ބޮލަށް އުނދަނގޫ ފާޑަކަށް ގޮވާތީ މައްސަލަ އަކީ. ދެން އެތަކެތި ޖަންގަލީގަ ދޯ އުޅެން ހައްދަވާފަ މި ވަނީ. ގޭގަ ބަނދެގެން ނެއް ނޫން ދޯ

comment ދައިތަ

4 week 6 day ago

ކޮންމެކަމަކުން ވިޔަށް ތިމަާގެ ފަރާތުން އަވަށްޓެރިންނަށް އުނދަގުލެއް ވާނަމަ އެއީ ތިމާ ޖަވާބުދާރީވާން ޖެހޭ ދުވަހު ރެކި ނުގަނެވޭން ކަމެއް

comment ގުރާފުޅު

4 week 6 day ago

ގުރާފެސިލިޓީއެއް ހަދަންފެނޭ !! ދެންއޮތްގޮތަކީ ގުރަޔާއެކީވެސް އުޅެންދަސްކުރަންވީ !!

comment 1206

4 week 6 day ago

އެއްބަސް.

comment ނަނާހުވަފެން

4 week 6 day ago

އެހެން އެއްވެސް ދިރުމެއް ނެތި ސިމެންތިގަނޑެއްގެ މަތީގަ ތިބެގެން ފޯނާ ކުޅެލަކުޅެލަ ތިބުން މިހާރު ޑިޕްރެސްވެފަ ތިބި މުސްކުޅިންގެ ހުވަފެނަކީ.

reply ޙުއްތު

4 week 6 day ago

ހޮޅިނިހޮއްލަ،

comment އަޒީ

4 week 6 day ago

މީ ހަމަ ބޮޑު ވެގެން ވާ މުސީބާތެއް. މި ރަށުގަ ނޫލޭ ދޫންޏާ ސޫފާސޫފި ގެނައުން މަނާ ކުރަންޖެހޭ... އަދި އާންމު އުނދަގުލަކަށްވާ ވާފަދަ ޕެޓްސް ތައް ބޭރުކުރަންޖެހޭ.

comment ދޮން ބަބުރު ސޮރު

4 week 6 day ago

ގާނޫނެއް ހަމައެއް ސަގާފަތެއް ދީނެއް ނެތް ތަނެއްގަ އޮންނާނީ ޖަންގަލީގެ ނުވަތަ ކަނޑުގެ އުސޫލު، އަދި އެތަނުން ފެންނާނީ ޖަންގަލީގަ އަހޮލުވެރީން ނާއީ ޖަންގަލީގެ ޖަނަވާރު އަދި ދޫނި ސޫފާސޫފީގެ އަޑުތަކާއި ވަކި ތަރޮތީބެއް ނެތި ހުންނަ ފަރުބަދަ ތަކާއީ އަޑި ގުޑަން ބޮޑު ވާދީ ތަކެވެ މާލެ އަކީ ތަހޮޒީބު ބަޔަކު ދިރި އުލޭ ތަނެއް ނަމަ އަނެކާއަށް އުނދަގޫ ވާނެ ކަންތައް.

comment ތިނަދޫބެއްޔާ

4 week 6 day ago

ތިނަދޫސިޓީގައިވެސް ތިކަން އޮތީ ތިހެން. އެކަން ބަލާނެ ފަރާތެއްނެތް. ހުއްޓުވާނެ ގޮތެއްނެތް. އަޑާއި އެކު އުޅެން މަޖުބޫރުވަނީ.

comment ޓެޑް

4 week 6 day ago

މީގައި އޮވޭ ދެކޮޅުވެސް. ގުރާ ފަދަ މިނިވަންކަމާއެކު އުޅޭ ދިރޭ އެއްޗެއްހި މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނެއްގައި ގެންގުޅުމަކީ އެއެއްޗަށްވެސް އަދި ކައިރި އަވައްޓެރިންނަށްވެސް ދެވޭ އަނިޔާއެއް. ނަމަވެސް ދިވެހިން ޒަމާނުއްސުރެ ގެންގުޅޭ ކުކުޅުހާ ވެސް މިހާރު ދޫކޮށްލާފައި ރާއްޖެތެރޭގައިވެސް ގެންގުޅޭުތީ އުނދަގޫވާ މީހުން އެބައުޅޭ.

comment މުލޭ

4 week 6 day ago

ހަނދާނަށް އަންނަނީ ޑީއާރުޕީ އެމްޑީޕީގެ ދުވަސްވަރު މި ދެ ޕާޓީގެ ޢިއްޒަތްތެރި ދެ މެންބަރަކު މަޖުލިހުގެ ބަހުސެއއްގައި ވެސް މިކަމާ ބަހުސް ކުރި ހަނދާން. އެއް މެންބަރަކު ގެންގުޅުނު ކޮކަޓޫގެ އަޑު ގަދަވެގެން އަނެއް މެންބަރަކަށް ހަމަނިދި ނުލިބުނު ވާހަކަ. މިހާރުގެ ޙާލަތު އޮތީ އެތައް ގުނައެއް މަތީގައި. ބައެއް ފަހަރު މަގުމަތިން ދުއްވާފައި ދާއިރު ސިއްސައިގެންދޭ މީގެ ހަޅޭކުގެ އަޑަށް.