"ޝޭލްވީ؟" އަފްނާން މައުވާއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.
އަފްނާން މައުވާ އެއްޗެއް ބުނޭތޯ މަޑުކޮށްލިއެވެ. ސީދާ އޭނާގެ ދެލޮލަށް ބަލަހައްޓައިގެން މައުވާ ހުރީ އެއްވެސް އަސަރެއް ނެތް ފަދަ ގޮތަކަށެވެ. އަފްނާން މައުވާ އެރުމަށް ކާރުގެ ދޮރުފަތް ހުޅުވާލަ ދިނެވެ.
"ކިހިނެެއްވީ؟ ނުދާނަންތަ؟" އަފްނާން ސުވާލުކޮށްލިއެވެ. މައުވާ މަޑުމަޑުން ހިނގާލާފައި ގޮސް ކާރަށް އަރާ އިށީނީ ދެނެވެ.
އަފްނާން ކާރުގެ ދޮރު ލައްޕާލުމަށްފަހު ޑްރައިވަރު ސީޓަށް އަރާ ކާރު ސްޓާރޓްކޮށްލިއެވެ.
"މައު. ކޮންތާކަށް ދާންވީ؟" ކާރު ދުއްވައިލުމުގެ ކުރިން، އަފްނާން ސުވާލުކޮށްލިއެވެ. އޭނާ މައުވާއަށް ކަޅިއެއް އެއްލިއިރު މައުވާ އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. އަފްނާންގެ ހިތަށް ތަދުވިއެވެ. އެވަރަކުން މަައުވާ އޭނާ ގެނަސްފަައި، ވާހަކަ ނުދެއްކުމުން ހިތުގައި ޝަކުވާ އުފެދުނެވެ. އޭނާގެ ހިތަށް އެވަރަށް ތަދުކުރަން މައުވާއަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ މައުވާ އެދޭ ގޮތަށް އޭނާ އެ އުޅެނީ ދުވަހަކުވެސް މައުވާ ނުފެންނަ ހިސާބަށް ދާށެވެ. ލޯބި ހިތުތެރެގައި ފޮރުވަމުން އެ ހުރިހާކަމަކަށް ސިކުނޑި ހާނުވަން ފެށުމުން މިހާރު އޭނާއާ ބައްދަލު ކުރީ ކީއްކުރަން ހެއްޔެވެ؟ އޭނާއަށް އިތުރު ހިތްދަތިކަމެއް ދޭން ހެއްޔެވެ؟ ވާހަކަ ނުދައްކާ އެގޮތަށް އެ އިންނަނީ ކީއްވެހެއްޔެވެ؟
"މައު! ކޮން ތަނަކަށްތަ ދާންވީ؟ ވާހަކަ ދައްކަބަލަ." އަފްނާންއަށް ބުނެވުނެވެ.
"ހުޅުމާލެ." އެންމެފަހުން މައުވާ ޖަވާބު ދިނެވެ. އޭނާ އަފްނާންއަށް ބަލައިލިއެވެ. އަފްނާން ކާރު ދުއްވަައިލީ ދެނެވެ. ބޮޑުތަކުރުފާނު މަގުން ބްރިޖަށް އަރައިގެން ހައިވޭއާ ހިސާބަށް ދެވުނުއިރު ވެސް ދެމީހުން ދެމެދު އިތުރު ވާހަކައެއް ނުދެކެވެއެވެ. މައުވާ ވެސް އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. އަފްނާންވެސް މަގުމައްޗަށް ސަމާލުކަން ދީގެން ދުއްވަމުން ދިޔަ ނަމަވެސް، އިރުއިރުކޮޅަކާ މަައުވާއަށް ބަލައިލައެވެ. މަައުވާ އެއްޗެއް ބުނޭތޯ އޭނާ ދިޔައީ އިންތިޒާރުކުރަމުންނެވެ. އެހެން ނަމަވެސް މާޔޫސްވެ ނާއުންމީދުގެ އަސަރުތައް، އެ މޫނުމަތީން ފާޅުވާން ފެށީ މަައުވާގެ ކިބައިން އޭނާ އެ ކުރާ އުންމީދު ދުވަހަކު ފުރިހަމަ ނުވާނެކަން އެނގުމުންނެވެ. އެ އަޑު އަހާ ހިތުން ކެތްމަދުވެ، ބޭޤަރާރު ވިއެއްކަމަކު މައުވާއަކަށް އޭނާގެ ހިތުގެ ޙާލަތެއް ނޭނގޭނެއެވެ. ނޫނީ އެނގޭ ކަމަށް ހަދަން ބޭނުން ނުވަނީއެވެ.
ހުޅުމާލެ ދެވުމާއެކު ދެން ދާންވީ ކޮންތަނަކަށްތޯ އަފްނާން ސުވާލުކޮށްލިއެވެ. އޭރު މައުވާ އިނީ ވިސްނުމަކަށް ގެއްލިފައެވެ.
"މައު..." މައުވާއަށް ގޮވައިލި އަފްނާން މިފަހަރުވެސް މައުވާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. ކާރު މަޑުކޮށްލުމާއެކު އަފްނާންއަށް ހުންގާނުގައި ހިފައްޓާލާފައިވާ ދެ އަތުގަައި އޭނާގެ ބޯ ޖައްސައިލެވުމާއެކު، ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"ފޭސް ޓޫ ބްރިޖާ ދިމާލަށް ހިނގާ." މައުވާގެ އަޑަށް އަފްނާން އިސް އުފުލައިލިއެވެ. އޭނާ އަނެއްކާވެސް ކާރު ސްޓާރޓްކޮށްލާފަައި މައުވާ އެބުނާ ދިމާލަށް ދުއްވައިލިއެވެ.
އެ ހިސާބަށަ ދެވުމާއެކު ކާރު ޕާކުކޮށްލާފައި އަފްނާން މައުވާއަށް ބަލައިލިއެވެ.
އަފްނާންއަށް އިންތިޒާރުކުރުމެއް ނެތި މައުވާ ކާރުން ފޭބިއެވެ. އެއާއެކު ލަސްނުކޮށް އަފްނާންވެސް ކާރުގެ ދޮރުފަތް ހުޅުވާލަފައި ނުކުމެއްޖެއެވެ. މައުވާ ހިނގަައިގަތީ ބްރިޖާ ދިމާލަށެވެ. މަގުގެ ދެ ފަރާތުގައި ހައްދާފައިވާ ގަސްތަކުގެ ސަބަބުން، ދިއްލާފައިވާ އޮރެންޖު ކުލައިގެ މަގު ބައްތީގެ އަލި ވެސް ލިބެނީ ފަނޑު ފަނޑުކޮށެވެ. އަފްނާން މައުވާގެ ފަހަތުން ހިނގަައިގަތެވެ. އޭނާ ހުރީ މަައުވާއަށް ކަމެއް ވެދާނެތީ ހާސްވެފައެވެ. މައުވާގެ ހިނގުމުގައި އަދިވެސް އުނދަގޫކަމެއް ހުރިކަން އަފްނާންއަށް ފާހަގަ ވިއެވެ.
މައުވާ ގޮސް މަޑުކޮށްލީ އެ ދެމީހުންގެ ގުޅުން ފެށުނު ހިސާބުގައެވެ. އޭނާ ވަށައިގެން ބަލަައިލިއެވެ. އެ މީހުން އެ ދުވަހު ތިބި ބެންޗު އަދިވެސް އެތަނުގައި އެބަ ހުއްޓެވެ. އެހެންނަމަވެސް އެ ބެންޗުވަނީ ބާވެ ހަލާކުވާން ކައިރިވެފައެވެ. މައުވާ ބަލަން ހުރި ދިމާލަށް ބަލަައިލި އަފްނާންގެ ހިތަށް ވެސް ފާޑެއްގެ ގޮތެއް ވެގެން ދިޔައެވެ. ހިތުގެ ހިނގުން މަޑުޖެހިލިހެން ހީވިއެވެ. މައުވާގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތައް ވަޒަންކޮށްލާކަށްވެސް އަފްނާންއަކަށް ނޭނގުނެވެ. މައުވާއަށް ގޮވަައިލަން ހުޅުވައިލި އަނގަ ލައްޕައިލަން މަޖުބޫރުވީ ދޫ ހަރަކާތް ނުކުރުމުންނެވެ. ހީވަނީ ދުލުގަައި ތަޅެއްލެވި އަޑުވެސް ބަންދުވިހެންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެ ތަނަކީ އޭނާގެ އޮޅުވަައިލުމުގެ ފެށުމެވެ. މަައުވާގެ އިޙްސާސްތަކާ ކުޅުނީ އެތަނުގައި ހުރެއެވެ. އެ ދުވަހު ހެދި ފަށުވި ދޮގުތަކަށް މައުވާ އިތުބާރު ކުރީ އެތަނުގައި ހުރެގެންނެވެ. އޭނާއަށް އިތުބާރުކޮށްފައި މައުވާގެ ހިތް އޭނާއަށްޓަކައި ހުޅުވަައިލީ ވެސް އެތަނުގައި ހުރެފައެވެ.
"އަފްނާން ހަނދާންވޭތަ މިތަން؟" މައުވާ ސުވާލުކޮށްލީ ވެސް އަފްނާންއާ ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. އަފްނާންއަށް ހުރެވުނީ ދޭންވީ ޖަވާބެއް ނޭނގިފައެވެ.
"އަހަންނާ އަފްނާންގެ ގުޅުން ފެށުނީ މިތަނުން." ކޮޅަށް ހުންނަތާ ގިނައިރު ވާން ފެށުމުން، މައުވާގެ ފަޔަށް ތަދުވާގޮތްވިއެވެ. އެހެންކަމުން އޭނާ ގޮސް ބެންޗުގައި އިށީނެވެ.
"އެ ދުވަހު އަހަރެން ހިތަކަށް ނާރާ އަފްނާން އެ ގޮތަށް އަހަރެންގެ އިޙްސާސް ތަކާ ކުޅެފާނެޔޭ. އަހަރެން އަފްނާންއަށް ވަރަށް އިތުބާރުކުރިން. އެ ދުވަހުން ފެށިގެން ވެސް އަހަރެން ވިސްނީ އަހަރެމެންގެ ގުޅުން ކައިވެންޏަކާ ހިސާބަށް ގެންދަން. އަހަރެން.... އަހަރެން އަފްނާން ދެކެ ވަރަށް ބޮޑަށް ލޯބިވިން. ލޯ މަރާލައިގެން ހުރެ އަފްނާން ބުނާ ކޮންމެ ވާހަކައަކަށް އިތުބާރުކުރިން. އަހަރެން ހީކުރީ އަހަންނެކޭ އެއްގޮތަށް އަފްނާންވެސް އަހަރެން ދެކެ ލޯބި ވާކަމަށް. އެކަމަކު... އެކަމަކު އެއީ ކުރެވުނު ކުށް ހީއެއްކަން އިޙްސާސްވީ އަފްނާން އަހަރެން ބޭޒާރުކޮށްލި ރޭ. ލޯބިވެވުނީ ހަމައެކަނި އަހަންނަށްކަން އިޙްސާސް ކޮށްދިން ރޭ. އަހަރެން ވީ ލޯބީގައި އެއްވެސް އަގެއް ނެތްކަން އަންގައިދިން ރޭ. އަފްނާން އަހަރެންގެ އިޙްސާސްތަކާ ކުޅެލާފައި ދިޔައިރު ވިސްނާނުލި އެކަމުން އަހަންނަށް ކުރާނެ އަސަރު. އެގޮތަށް ކަންތައް ކުރި އިރު އެންމެ ފަހަރަކުވެސް އެއްޗެއް ހިތަކަށް ނާރާތަ؟ އަހަރެންގެ ލޮލުން ފޭބި ކަރުނަތައް ފެނުމުން ހިތަކަށް އަސަރެއަ ނުކުރިތަ؟ އަހަރެންގެ ކުށެއް ނެތްކަމުގައި އެންމެ ފަހަރަކުވެސް ވިސްނާލެވުނުތަ؟ އަހަރެން ލަދު ގަންނާނެ ވަރު އަންދާޒާ ކޮށްލެވުނުތަ؟ އައި ލަވްޑް ޔޫ އަފްނާން. އައި ލަވްޑް ޔޫ ސޯ މަޗް. އަފްނާންގެ ހިތުގައި އަހަންނާ މެދު ކުޑަ ވެސް ލޯތްބެއް ނުވާތީތަ އެގޮތަށް ކަންތައްކުރީ؟" މައުވާގެ އަޑުގައި އެހެންޏާ ހުންނަ ހަރުކަށިކަމެއް މި ރެއަކު ނުވެއެވެ. އެހެނެއްކަމަކު އެ އަޑުން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެވެ. ވޭނެވެ. އޭނާ އަފްނާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ހީވަނީ މިރޭ އޭނާ އަފްނާންގެ ފަރާތުން އެ ހުރިހާ ސުވާލެއްގެ ޖަވާބު ބޭނުންވާހެންނެވެ.
އަފްނާން ގޮސް އެއްކަކޫ ޖައްސާލައިގެން މައުވާގެ ކުރިމައްޗަށް ވާ ގޮތަށް އިށީނދެލިއެވެ. އެ މަންޒަރު މައުވާއަށް ފުސްވާން ފެށީ ދެލޮލުގެ ތެރެއަށް ބޮނޑިވެގަތް ކަރުނައިގެ ސަބަބުންނެވެ.
މައުވާގެ ދެލޮލުން ވެއްޓުނު ކަރުނަ ތިކި ފެނުމާއެކު އަފްނާންގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. ކުރެވުނު ކުށްވެެެރި އިޙްސާސުން މިންޖުވާނެ ގޮތެއް ނޭނގުނެވެ. އަފްނާން އޭނާގެ އަތް ހިއްލާލާފައި މައުވާގެ ދެލޮލުން އައި ކަރުނަތައް ފުހެދިނެވެ. އެހެންޏާ ނުރުހުންވާ މައުވާ މިރޭ އޭނާގެ އަތް ފޮޅުވައިލާކަށް ވެސް ނޫޅުނެވެ. ވާހަކަ ކުރިއަށް ގެންދަން ހިތްވަރު ލިބި އަފްނާން ވާހަކަ ދައްކަން ފެށީ ދެނެވެ.
"ނޫން. އަހަރެންވެސް މައު ދެކެ ލޯބިވިން. ލޯބި ވެވުނީ ހަމަ އެކަނި މައުއަކަށް ނޫން. ޚުދު އަހަންނަށްވެސް މައު އަކީ ވަރަށް ޚާއްސަ ކުއްޖަކަަށްވި. އެކަމަކު އޭރު އެކަން އިޙްސާސްނުވީ. ނޫނީ އަހަރެންގެ އީގޯ އާ ހެދި އެއްވެސް ކަމެއް ޤަބޫލުކުރަން ބޭނުން ނުވީ. އެކަމަކު... އޭރުވެސް އަހަރެން މައު ދެކެ ލޯބިވި. އެރޭ.. އެރޭ...." އެ ހިސާބަށް ބުނެފައި އަފްނާން މަޑުޖެހޭގޮތްވިއެވެ. އެ ރޭގެ ހަނދާންތަކަކީ މިހާރު އޭނާއަށް ވެސް ލިބޭ ތަކުލީފެކެވެ. އެ ވާހަކަ ދެއްކުމަކީ ހިތަށް ނުހަނު ތަދުވާކަމެކެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އަފްނާން ވާހަކަ ދައްކަން ފެށިއެވެ.
"އެރޭ އަހަންނަށް ހަޤީގަތުގަ ހާދަ އުނދަގޫވިއޭ. މައު ރޯތަން ފެނުނީމަ އަހަންނަށް ނޭނގުނު ވީ ގޮތެއް ވެސް. އެކަމަކު އަހަރެން ފަޟީހަތްވީ މައުގެ ސަބަބުންނޭ ހިތަށް އަރުވާފަ ހުރިހާކަމެއް ވެސް ކުރީ. އަހަރެން ކަންތައް ކުރީ ހިތާ ދެކޮޅަށް. އަހަރެންގެ ހިތުގައި މައުއާ ދޭތެރޭ އުތުރި އަރަމުން ދިޔަ ޖަޒުބާތާ ދެކޮޅަށް. ހިތުން އަންގައިދޭން މަސައްކަތްކުރި ހުރިހާ ކަމަކާ ދެކޮޅު ހަދަމުން ދިޔައިން. އެެކަމަކު ދުވަހަކު ތި ލޯތްބެއް ފުހެއެއް ނުލެވުނު." އަފްނާން ބުނެލިއެވެ.
"ދެން ކީއްވެ އަހަރެން ހޯދަން ނޫޅުނީ؟ އެއަށްފަހު، އަފްނާން ރާއްޖޭން ބޭރަށް ދިޔަޔަސް ގުޅާލާފަ ކޮންމެ މީހެއް ކައިރީ އެހި ނަމަވެސް އަހަރެން އޮތް ޙާލު އަފްނާންއަށް އެނގުނީސް." މައުވާގެ އަޑުގައިވަނީ ޝަކުވާއެވެ.
" އަހަންނަށް މެލޭ އަށް ބަދަލުވާން މަޖުބޫރުވީ މާމަ ބަލިވެގެން. ޖެހިގެން އައި ދުވަހު އަހަރެމެން އެންމެން މެލޭއަށް ފުރީ. މާމަ ނިޔާވިފަހުން މަންމަމެން މިކޮޅަށް ބަދަލުވިއިރުވެސް އަހަރެން ނާންނަން. އަހަރެން ހުރީ އެކޮޅުގައި. އެއީ އެންމެ ފުރަތަމަ އަހަރެން ބޭނުންވި ގޮތެއް ނޫން. އެކަމަކު މަންމަމެންގެ ބަސް ޤަބޫލުކޮށްފަ އެކޮޅުގަ މަޑުކުރީ މައުއާ ކުރިމަތިލާން ޖެހުލުންވީމަ. ކުރިމައްޗަށް އަރަން ނުކެރެން ޖެހޭ ސަބަބަކީ ހިތުގައި ވާ ލޯބިކަން އޭރު ޤަބޫލުކުރާކަށް ބޭނުމެއް ނުވި. އަހަރެން ބޭނުންވީ އެ އިޙްސާސްތަކަށް ފިލަން. އެހެންވެ ނައި. އެކަމަކު އޭރު އަހަންނަކަށް ނޭނގުނު މި ކުރެވެނީ ބޭކާރުކަމެއް ކަމެއް. ކިތަންމެ ވަރަކަށް ފިލަން ދުވި ނަމަވެސް މައުގެ ލޯބި އަހަރެންގެ ހިތުން ފުހެއެއް ނުލެވޭނެކަން. އެއަށްވުރެ ބޮޑަށް އަހަރެން ވެސް މައު ދެކެ ލޯބިވާކަން...... އެކަން ޔަޤީންވީ މައު އެންމެ ފުރަތަމަ އެ ޙާލުގައި ވަނިކޮށް ފެނުނު ދުވަހު. އެ ދުވަހު މައު ފެނުމުން އަހަންނަކަށް ނޭނގެ ވީ ގޮތެއް ވެސް. އަހަންނަށް ހީވީ އެތަކެއް ދުވަހެއް ވަންދެން ހިތުގައި ޤައިދުކޮށްފަައިވި އިޙްސާސްއެއް އަހަރެންގެ ހުއްދައަކާ ނުލާ ނުކުންނަން ފެށިހެން.... އައި ރިއަލީ ލަވް ޔޫ ބޭބީ. އައެމް ސޮރީ." އަފްނާން މައުވާގެ އަތުގައި ހިފައްޓާލައިގެން އިނދެ ވާހަކަ ދެއްކިއިރު އޭނާ ވެސް މިހާރު ވަނީ ފެންކަޅިވެފައެވެ. އަމިއްލަ އިޙްސާސްތައް އޭނާގެ އަތުން ވީއްލިގެން ދާން ބޭނުންނުވިޔަސް، އަފްނާންއަކަށް އެ ޖަޒުބާތުތައް ކިޔަމަން ކުރެވޭ ގޮތެއް ނުވިއެވެ. މައުވާގެ އަތަށް ބޮސް ދީފައި އަފްނާން އިސްޖަހަައިލިއެވެ. މައުވާވެސް އަފްނާންގެ އަތު ތެރެއިން އަތް ދަމަައިގަންނާކަށް ނޫޅުނެވެ.
"އަހަންނަށް ބަލާލާފަ މައުއަށް އިޙްސާސް ނުކުރެވޭތަ އަހަރެން ވެސް މައު ދެކެ ލޯބިވާކަން." އަފްނާން އަނެއްކާވެސް މައުވާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
"އަހަރެން މައު ކައިރިން އިތުރު ފުރުސަތަކަށް ކިހާ އާދޭހެއް ކުރިން. މައު ނުބުންޏަސް، ކިތަންމެ ދެކޮޅު ހެދިޔަސް އަހަރެން ދެކެ މައުވެސް ލޯބިވާކަން އެނގޭ. ދެން ކީއްވެ؟" އަފްނާންއަށް ޝަކުވާ ކޮށްލެވުނެވެ.
"އިތުބާރުކުރުމަކީ އަހަންނަށް ފަސޭހަކަމެއް ނޫން. އަދި ޚާއްސަކޮށް އަފްނާން އަށް. ދެވަނަ ފަހަރަށް އެކަހަލަ ކަމަކާ ކުރިމަތި ލާނެ ހާ ހިތްވަރެއް އަހަރެންގެ ނެތް." މައުވާ ބުނެލިއެވެ.
އަފްނާން މައުވާގެ އަތުން ދޫކޮށްލާފައި ތެދުވިއެވެ. އަދި މައުވާއަށް ފުރަގަސްދީފައި ދެ ތިން ފިޔަވަޅު ކުރިއަށް އަޅައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި، އޭނާ މާހައުލަށް ބަލަައިލިއެވެ. އެ ވަގުތު އެތަނުގައި މާގިނަ މީހުންނެއް ވެސް ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. ކެނަލްގެ ފެންގަނޑަށް އެޅިފައިވާ ލައިޓުތަކުގެ ސަބަބުން އެކިކުލަކުލައުގެ ދަޅައެއް ހުއްޓެވެ.
"އެނގޭ އެއީކަން މައުއަށް އަހަންނަށް މާފުނުކުރެވޭ ސަބަބަކީ. އެއީކަން ފުރުސަތު ނުދެވޭނެ ސަބަބަކީވެސް. އެހެންވެ އިތުރަށް މައުއަށް މަޖުބޫރުކުރާކަށް ނެތިން. ޔޫޝައުއާ އެކީ މައު އުފާވެރި ދިރިއުޅުމެއް އުޅުން އަހަރެންގެ ހަމަ އެކަނި އެދުމަކީ. އަހަންނަށް އެނގިއްޖެ ލޯބިވުމަކީ އަބަދު ލޯބިވާ މީހާ ހާސިލްވުން ނޫން ކަންވެސް. ދުރުގައި ހުރެގެން ލޯބިވާން އަހަރެން ދަސްކޮށްފިން. އަހަރެން... އަހަރެން މިއުޅެނީ ފުރަންވެގެން. " ލޯމަރައިލަމުން އަފްނާން އިއްވައިލިއެވެ.
"އަހަރެންގެ ފަރާތުން މައުއަށް ދެން އިތުރު އުނދަގުލެއް ނުޖެހޭނެ." ހިތުގައި އަތް އަޅާލައިގެން ހުރެ އަފްނާން ބުނެލިއެވެ. ފަސޭހަކަމެއް ނޫނަސް މައުވާ ބީވެގެން ދިޔައީ ޚުދު އެނާގެ ސަބަބުންކަމަށް އަފްނާން ޤަބޫލުކޮށްފިއެވެ. ދުރަށް ދިޔުމަކީ ހަމަ އެކަނި ގޮތެވެ.
"ސޮރީ މައު..." ފަހު ފަހަރަށް އަފްނާން މައުވާގެ ގާތުން މާފަށް އެދުނެވެ.
ސިހުން ލިބުނީ ފަހަތުން އައިސް ބައްދައިލަމުން އޭނާގެ ބަނޑާ ދިމާލުގައި މައުވާ އަތް ވަށަައިލުމުންނެވެ. އެ އަމަލު މާނަކުރަން ނޭނގިފައި ހުއްޓާ އަފްނާންގެ ބުރަކައްޓާ ދިމާލުން ތެތްކަމެއްގެ އަސަރުވެރިވާން ފެށިއެވެ. ދެވަނަ ސިކުންތުގަައި އަފްނާންގެ ކަންފަތުގައި ޖެހުނީ މަައުވާގެ މަޑު ގިސްލުމުގެ އަޑެވެ. ކެތްނުކުރެވުނީ ދެނެވެ. އެނބުރިލުމާއެކު މައުވާ ދުރުކޮށްލަމުން، އަފްނާން މައުވާގެ ކަރުނަ ފުހެދޭން ފެށީ ލޯތްބާ އެކީގަ އެވެ.
"މައު ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟" ކަންބޮޑުވުމާއެކު އަފްނާންއަށް ސުވާލުކޮށްލެވުނެވެ.
މައުވާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ދެން ކިހިނެއްވީ؟ ބުނެބަ." އަފްނާން އެއްވެސް ކުށްހީއެއް ކުރާކަށް ބޭނުމެއް ނޫނެވެ. މައުވާ އޭނާއަށް އިތުބާރު ނުކުރެވޭނެ ކަމަށް ބުނާއިރު އެހެން، ގޮތަކަށް ވިސްނަން ސިކުނޑިއަށް ޖާގަ ދޭނީ ކިހިނަކުން ހެއްޔެވެ؟
"އަފޫ... " ރޮމުން މައުވާ އަފްނާންއަށް ގޮވައިލި ގޮތުން އަފްނާން ހަައިރާންވިއެވެ. އެހާ ދުވަސް ފަހުން، މައުވާގެ ދުލުން އޭނާގެ ނަން ކިޔައިލިގޮތުން، އޭނާގެ ހިތް ހީވީ ވިރިގެން ދިޔަ ހެންނެވެ. ޤަބޫލުވެސް ނުކުރެވިފަައި މައުވާގެ ދެ އަތުގައި ހިފައްޓާލައިގެން އަފްނާން ހުއްޓާ މައުވާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ކުރެހިފައިވާ އަޑަކުން ގިސްލަމުން ވާހަކަ ދައްކަމުން ދިޔަ މައުވާ ކިޔަމުން ދިޔަ އެއްޗެއް، އަފްނާންއަށް ސާފު ވާ ގޮތެއް ވެސް ނުވިއެވެ.
"މައު. ހަމަ ޖެހިލާފަ ވާހަކަ ދައްކަބަ. ތިވަރަށް ނުރޮއިބަ. ބަލި ވެދާނެ." މައުވާގެ ހާލަތު އަފްނާންއަށް އެނގޭތީ އޭނާއަށް ބުނެވުނެވެ. އަދި އަނެއްކާވެސް، މައުވާގެ ކަރުނަތައް ފުހެދިނެވެ.
"އަހަންނާ ދިމާލަށް ބަލާލަބަލަ." އަފްނާން މައުވާގެ ދަތްދޮޅީގައި ހިފައްޓާލަމުން މައުވާގެ އިސް އުފުލައިލިއެވެ. އެ ދެލޮލުގައި ވި ވޭނީ އަސަރުތައް އޭނާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ފޯރުވިއެވެ. "އަހަންނަށް އެއްޗެއް ބުނެވުނީތަ؟ ކަމެއް ކުރެވުނީތަ؟ ސޮރީ.. "
"އަހަރެން ދޫކޮށްފަ ނުދޭބަ." މައުވާއަށް އެހެން ބުނެވުނު އިރު ވެސް ގިސްލެވެއެވެ. ހަމަ ބުނުމާއެކު އޭނަ އަފްނާންއާ ނަޒަރު ވަކިކޮށްލިއެވެ.
މައުވާ ދެންމެ ބުނެލި ބަސް ރަނގަޅަށް އަޑު އިވުނު ނަމަވެސް، އަފްނާންއަށް ޤަބޫލެއް ނުކުރެވުނެވެ. އެހެން މައުވާ އެބުނީ ކޮން މާނައެއްގައި ހެއްޔެވެ؟
"ކީކޭ ތިބުނީ؟" މައުވާގެ މޫނުގައި ދެ އަތުން ހިފައްޓާލައިގެން ހުރެ އަފްނާންއަށް ސުވާލުކޮށްލެވުނެވެ. މައުވާ އޭނަގެ ގާތުން އެ އެދުން އެ އެދެނީ ހަމަ އެގޮތް ބޭނުންވެގެން ހެއްޔެވެ؟
"ނުދޭބަ. ޕްލީޒް!… އަހަރެން ދޫކޮށްލާފަ ނުދޭބަ." ގިސްލުން މަަައިތިރިކުރަން މަސައްކަތްކުރަމުން މަައުވާ ވާހަކަ ދެއްކިއެވެ.
(ނުނިމޭ)