ޓިކްޓޮކް ލައިވެއް ކުރިއަށް ގެންދަނިކޮށް މެކްސިކޯގެ ޒުވާން އިންފުލުއެންސައެއް ކަމަށްވާ ވެލޭރިއާ މާކިޒްގެ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ވެލޭރިއާ މާކިޒްގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވަނީ އޭނާގެ އަމިއްލަ ސެލޯންއެއް ކަމަށްވާ ބްލޮސޮމް ދަ ބިއުޓީ ލައުންޖުގައި ޓިކްޓޮކް ލައިވްއެއްގައި އިންދައެވެ.
މެކްސިކޯގެ ހަލިސްކޯ ސްޓޭޓްގެ ޕްރޮސެކިއުޓާ އޮފީހާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، ވެލޭރިއާއަށް ބަޑީގެ ހަމަލާދީފައި ވަނީ އަންހެނަކަށްވެ ހުރެ އަމިއްލަ ސެލޫން ވިޔަފާރިއެއް ހިންގުމުގެ ގާބިލުކަން އޭނާއަށް ލިބިފައިވާތީ ކަމަށް ބެލެވޭ ކަމަށެވެ.
މި ބަޑީގެ ހަމަލާއާ ގުޅިގެން މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝެއިންބައުމް ވިދާޅުވެފައި ވަނީ ހަމަލާގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ވަރަށް ހަލުވިކަމާ އެކު ތަހުގީގުތައް ފެށިގެން ކުރިއަށްދާ ކަމުގައެވެ.
މެކްސިކޯގެ ބައެއް މީޑިއާތަކާ ހަވާލާދީ ބީބީސީއިން ބުނެފައި ވަނީ ވެލޭރިއާއަށް ބަޑީގެ ހަމަލާދިން ސްޓޭޓް ހަލިސްކޯ އަކީ ނުރައްކާތެރި ކްރިމިނަލް ގްރޫޕެއް ކަމަށްވާ ހަލިސްކޯ ނިއު ޖެނެރޭޝަން ކާޓަލްގެ މެމްބަރުން ދިރިއުޅޭ ސްޓޭޓެއް ކަމަށެވެ.
އެހެންކަމުން މި ހަމަލާގެ ފަހަތުގައި މި ގްރޫޕުގެ އަތެއްވާ ކަމަށް މެކްސިކޯގެ މީޑިއާތަކުން ޝައްކުކުރެއެވެ.

ވެލޭރިއާ މާކިޒްގެ ޖަނާޒާގައި އޭނާގައި އާއިލާ އާއި ރަހްމަތްތެރިން ބައިވެރިވަނީ--ފޮޓޯ/ބީބީސީ
ވެލޭރިއާ މާކިޒް އަކީ 2021 ވަނަ އަހަރު އެ ޤައުމުގައި ބޭއްވި ރީތީގެ ރާނީގެ މުބާރާތެއްގައި ބައިވެރިވެ އެންމެ ރީތި މޫނުގެ ވެރިޔާގެ ތާޖު ހޯދުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޒުވާނެކެވެ.
އާއްމުންގެ މެދުގައި މަގުބޫލުވެ ލިބެމުން އައި ތަރުހީބާ އެކު އުމުރުން 23 އަހަރުގެ ވެލޭރިއާ ސޯޝަލް މީޑިއާގައި ކޮންޓެންޓް އުފައްދަން ފެށިއެވެ. އޭނާގެ ސޯޝަލް މީޑިއާގައި މޭކަޕް ޓިޕްސްތަކާއި ފެޝަނާ ގުޅޭ އެކި ކަހަލަ މައުލޫމާތުތައް ދިޔައީ ހިއްސާކުރަމުންނެވެ.
އަމިއްލަ ޖެޓުތަކާއި ޔޮޓްތަކެއްގެ ވެރި ޒުވާނާ މަރުވިއިރު އިންސްޓަގްރާމްގައި އޭނާގެ ފޮލޯކުރާ މީހުންގެ އަދަދު ދެލައްކަ ތޭވީސްހާހަށް އަރައެވެ. ހަމައެއާއެކު ޓިކްޓޮކްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު އެއްލައްކައަށް އަރައެވެ.
ވެލޭރިއާ މަރާލުމުގެ ކުރިން ލައިވްސްޓްރީމްގައި ވީގޮތެއް ނޭނގުނު ނަމަވެސް ލައިވްގައި ބުނެފައި ވަނީ ހަދިޔާއެއް ލިބޭތީ އެ ހަދިޔާގެ އިންތިޒާރުގައި ހުރި ކަމަށެވެ.
އެ ހަދިޔާ ގެނައި މީހާގެ މޫނު ނުފެންނާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެލޭރިއާގެ އެންމެ ފަހު ވަގުތުކޮޅުތެރޭ އޭނާ ވަނީ ބުނެފައެވެ. އޭގެ އިރުގަނޑެއް ފަހުން ލައިވްގައި ދެން ފެނުނީ ވެލޭރިއާ އަމިއްލައަށް މޭމަތީގަޔާއި ބަނޑުގައި ބާރަށް އަތް އަޅައިގެން ހުރެ ގޮނޑިއަކަށް ވެއްޓުނު މަންޒަރެވެ.
އެ ސްޓޭޓްގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ވެލޭރިއާގެ ސެލޯންއަށް މޮޓޯސައިކަލުގައި ދެ ފިރިހެނަކު ދިޔަކަން ކަށަވަރުވެފައި ވާއިރު އޭގެތެރެއިން އެކަކު ވެލޭރިއާ ގާތު އެއީ ވެލޭރިއާ މާކޭޒްތޯ އެހި ކަމަށާއި އޭނާކަން ޔަގީންވުމުން ދެ ފަހަރު މަތިން ބަޑިން ހަމަލާދިން ކަމަށެވެ. ހަމަލާ ދިނުމަށްފަހު އެ މީހުން އެތަނުން ފިލީ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.