މި އަހަރުގެ ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކުރި ހޭދަ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
ފިނޭންސް މިނިސްޓްރީން މެއި 08, 2025ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، އެ ތާރީޚުގެ ނިޔަލަށް މިއަހަރުގެ ތެރޭގައި ސަބްސިޑީއަށް ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް 1.0 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށް އަދަދެކެވެ.
މި އަހަރުގެ ބަޖެޓުގައި ސަބްސިޑީތަކަށް ކަނޑައަޅައިފައިވަނީ 1.86 ބިލިއަން ރުފިޔާއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ސަބްސިޑީއަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅައިފައިވާ އަދަދުގެ 56 ޕަސެންޓް މިއަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ވަނީ ހޭދަކޮށްފައެވެ.
ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމާއެކު ދިވެހިރާއްޖޭގެ މުޅި އިގްތިސޯދަށް އަންނަމުންދާ ކުރިއެރުމާއެކީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން އާމްދަނީ ވަނީ 14.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ދައުލަތުން ކޮށްފައިވާ ޚަރަދު ދަށްވެ، ދައުލަތުގެ ބަޖެޓުގެ އޯވާއޯލް ސާޕްލަސް މިވަނީ 1.9 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ބަޖެޓުގެ އޯވާއޯލް ބެލެންސްގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.
ރިޕޯޓުގައިވާ ގޮތުން، މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 އިންސައްތަ ވަނީ މެއި 08، 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައެވެ. މިއީ މިދިޔަ އަހަރަށް ވުރެ 6.8 އިންސައްތަ އިތުރު އަދަދެކެވެ.
އެހެނިހެން ބައެއް ޚަރަދުތަކަށް ބަލާއިރު، ދައުލަތުގެ އާމްދަނީގެ 78.0 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 11.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެގޮތުން ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި، ކޯޕަރޭޓް އިންކަމް ޓެކުހާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ.

ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ
މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ 6.8 އިންސައްތައިން އިތުރުވެފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކުހުގެ އާމްދަނީ ވަނީ 4.6 އިންސައްތައިން އިތުރުވެފައެވެ.
މީގެ އިތުރުން، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި މި އަހަރުގެ ތެރޭގައި ބަލައިގަނެފައިވާ އާމްދަނީއާއެކު، ޓެކްސް-ނޫން އާމްދަނީ ވެސް ވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ 36.6 އިންސައްތަ އިތުރުވެފައެވެ.
މެއި 08، 2025ގެ ނިޔަލަށް ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ އަދަދުގެ 25.0 އިންސައްތަ ވަނީ ހޭދަވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.8 އިންސައްތަ ދަށް އަދަދެކެވެ.
ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހިނގާފައިވާ ޖުމުލަ ޚަރަދުގެ 91.7 އިންސައްތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދު މި މުއްދަތުގެ ތެރޭގައި 7.9 އިންސައްތަ ވަނީ އިތުރުވެފައެވެ.
މީގެއިތުރުން ރިކަރަންޓް ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.2 އިންސައްތައިން ދަށްކުރެވިފައެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކީ، ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ވަނީ 21.2 އިންސައްތައިން ދަށްވެފައެވެ. އަދި ކެޕިޓަލް ޚަރަދު ވަނީ، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 73.2 އިންސައްތައިން ދަށްވެފައެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ވަނީ، ކަރަންޓާއި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، ކާޑު އަދި ނަރުދަމާގެ ޚިދުމަތުގެ އަގު ހެޔޮ ކުރުމަށް އެންމެންނަށް އެއް ހަމަޔަކުން ދޭ ސަބްސިޑީތައް، ހަމައެކަނި ހައްގުވެރިންނަށް ދޭ ގޮތަށް ބަދަލު ގެނައުމަށް ނިންމައިފައެވެ.
އެ ބަދަލުގެ ދަށުން، ސަބްސިޑީ ހައްގުވާ މީހުން ބަލައި ފައިސާ ދިނުމުގެ ނިޒާމެއް ތައާރަފުކޮށް، 1.58 މިލިއަން ރުފިޔާއިން ޚަރަދު ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައިވެއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މީގެ ކުރިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
އޭގެ ފަހުން އަނެއްކާ ވެސް މޫޑީޒްއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ރޭޓިން މިވަނީ 'ސީއޭއޭ2'ގައި ދެވަނަ ފަހަރަށް ދަމަހައްޓައިފައެވެ.
ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ދަނީ ރަނގަޅުވަމުންނެވެ. ފަތުރުވެރިކަން ރަނގަޅުވެ، ބޭރު ފައިސާ ރާއްޖެއަށް ވަންނަ ވަރު ވެސް ރަނގަޅެވެ.
އެހެންނަމަވެސް ރޭޓިން މަތިކުރުމުގެ ބަދަލުގައި އަނެއްކާ ވެސް މިވަނީ ދަމަހައްޓައިފައެވެ.