ކެންސަރުގައި 4 ސިފައިން ނިޔާވިޔަސް ސަބަބު ހޯދަން އަދި ދިރާސާއެއް ނުކުރޭ

އެމްއެންޑީއެފް ކޯސްޓް ގާޑުގައި މަސައްކަތް ކުރި ހަތަރު ސިފައިން ކެންސަރު ބަލީގައި, ވޭތުވެމިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނިޔާވެފައިވާއިރު, އެ ބަލި ސިފައިންގެ ތެރޭގައި އާއްމުތޯ ބަލަން ވަކި ދިރާސާއެއް އަދި ހަދާފައިނުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

''ސަން''އަށް އެނގިފައިވާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ކެންސަރު ބަލީގައި ކޯސްޓް ގާޑުގައި މަސައްކަތް ކުރި ހަތަރު ސިފައިން ވަނީ ނިޔާވެފައެވެ.

އެގޮތުން, އަޙްމަދު ސުޖާއު, 39, ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައެވެ.

https://www.sun.mv/204441

އަދި, އުމުރުން 38 އަހަރުގެ ޢަލީ މުރުތަޟާ, ކިޔާ ކޯސްޓް ގާޑުގެ ސިފައިންގެ ބޭފުޅަކު ވަނީ ކެންސަރު ބަލީގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ނިޔާވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ވަނީ, މުޙައްމަދު ޖުނައިދު ކިޔާ ސިފައިންގެ ބޭފުޅަކު ވެސް ނިޔާވެފައެވެ. ކޯސްޓް ގާޑުގައި މަސައްކަތް ކުރި އެ މުވައްޒަފު ވެސް ނިޔާވީ ކެންސަރު ބަލީގައެވެ.

އެއަށް ފަހު ދެން އެންމެ ފަހުން އެ ބަލީގައި ނިޔާވި ކޯސްޓް ގާޑުގެ މުވައްޒަފަކީ މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހު ނިޔާވި ޢަލީ ނަޝީދެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ހަތަރު ބޭފުޅުން ވެސް ނިޔާވެފައިވަނީ އެކި ވައްތަރުގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ކޯސްޓްގާޑުގެ ސިފައިންގެ ތެރޭގައި ކެންސަރު ބަލި އާއްމު ކަމަށް ފެންނާތީ މިކަމާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ތަފުސީލު ހޯދުމަށް ޑިފެންސް މިނިސްޓްރީއަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން މި ފަހުން ވަނީ ޖަވާބު ދީފައެވެ.

އެ ޖަވާބުގައި ޑިފެންސް މިނިސްޓްރީން ބުނީ، ކެންސަރު ބައްޔަކީ ރާއްޖޭގައި އާއްމު ބައްޔަކަށްވާއިރު, އެމްއެންޑީއެފްއަކީ ބޮޑު އާބާދީއެއް މަސައްކަތް ކުރާ މުއައްސަސާއަކަށް ވުމުން އެފަދަ ބައްޔެއް ތަހައްމަލް ކުރާ މީހަކު ނެތުމަކީ ވެސް ނުވެ ނުދާނެ ކަމެއް ކަމަށެވެ.

ސިފައިންގެ ތެރޭގައި ކެންސަރު އާއްމުތޯ ދިރާސާއެއް ކޮށްފައިވޭތޯ ކުރި ސުވާލުގެ ޖަވާބުގައި ޑިފެންސްއިން ބުނީ، އެފަދަ ބަލިތައް ދެނެގަނެ ތަފާސްހިސާބު ބެލެހެއްޓުމަކީ އެމްއެންޑީއެފްއިން ކުރަމުން އަންނަ ކަމަކަށް ނުވާތީ އެފަދަ ދިރާސާއެއް ކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް، އެމްއެންޑީއެފްއިން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ އެ މުއައްސަސާގެ މުވައްޒަފުންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން ގާއިމުކުރުން ކަމަށް ޑިފެންސްއިން ބުންޏެވެ.

"އެގޮތުން ސިއްހީ މާހިރުންގެ ލަފަޔާ އިރުޝާދުގެ ދަށުން ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެކުލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ކާނާގެ ބާވަތްތައް ސިފައިންނަށް ފޯރުކޮށްދިނުމުގެ އިތުރުން ސިފައިންނަކީ ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރު ކުރުމަށް އަހަރަކު ދެފަހަރު ހަށިހެޔޮކަމުގެ އިމްތިހާނެއް އަބަދުވެސް ސިފައިންގޭގައި ބާއްވަން" މިނިސްޓްރީން ބުންޏެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް ކެންސަރަކީ ރާއްޖޭގައި ވެސް ވަރަށް އާއްމު ބައްޔެކެވެ. މިއީ ކުރިއާލާ ދެނެގަނެވިއްޖެނަމަ ފަރުވާކޮށް, ރަނގަޅު ވެސް ކުރެވޭ ބައްޔެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެއެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން 2019 ވަނަ އަހަރުން ފެށިގެން މައުލޫމާތު އަދާހަމަކޮށް ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ ކެންސަރު ބަލިމީހުންގެ މައުލޫމާތުގައި ރާއްޖޭގައި ކެންސަރުގެ ބާވަތްތަކުގައި ތެރޭގައި އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރާއި ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް، ލިވާ އަދި ޕްރޮސްޓޭޓް ކެންސަރު އިތުރުކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް މީހުން މަރުވާ އެއް ސަބަބެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާއިރު މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ބަލިޖެހޭ މީހުން ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް