ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ މިނިސްޓްރީ ނުވަތަ ގައުމިއްޔަތު އާލާކުރަން އުފެއްދި މިނިސްޓްރީގައި ޖުމުލަ 50 ސިޔާސީ މުވައްޒަފުން އެބަތިބިކަން އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ގައުމިއްޔަތު މިނިސްޓްރީއެއް އުފެއްދީ ގައުމިއްޔަތު އަލާކޮށް، ތަރިކައާއި ބަހާއި ސަގާފަތް ހިމާޔަތްކުރުމުގެ މަގުސަދުގައެވެ. އެ މިނިސްޓްރީގެ ދަށުން ހަތަރު އިދާރާއެއް ހިންގައެވެ. އެއީ، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަރުކަޒާއި ދިވެހިބަހުގެ އެކެޑަމީއާއި ގައުމީ ދާރުލްއާސާރު އަދި ދިވެހި ތަރިކަ ދިރާސާކުރުމުގެ ގައުމީ މަރުކަޒެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން އެދުނު ބައެއް މައުލޫމާތުތައް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެ ގޮތުން، އެ މިނިސްޓްރީގައި މި ވަގުތު 50 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. އެއީ:
- 1 މިނިސްޓަރު - އެ މަގާމުގެ މުސާރައަކީ 58,500 ރުފިޔާ
- 4 ސްޓޭޓް މިނިސްޓަރުން - އެ މަގާމުގެ މުސާރައަކީ 43,500 ރުފިޔާ
- 10 ޑެޕިއުޓީ މިނިސްޓަރުން - އެ މަގާމުގެ މުސާރައަކީ 31,500 ރުފިޔާ
- 21 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - އެ މަގާމުގެ މުސާރައަކީ 25,500 ރުފިޔާ
- 12 ޕޮލިޓިކަލް ޑިރެކްޓަރުން - އެ މަގާމުގެ މުސާރައަކީ 20,500 ރުފިޔާ
- 1 އެސިސްޓަންޓު ޕޮލިޓިކަލް ޑިރެކްޓަރު - އެ މަގާމުގެ މުސާރައަކީ 18،000 ރުފިޔާ
މީގެ އިތުރުން، މިނިސްޓްރީން ހާމަކުރި މައުލޫމާތުގައި ވާގޮތުން މިނިސްޓްރުގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި ވެސް ސިޔާސީ މުވައްޒަފަކު އައްޔަންކުރައްވާފައި އެބަހުއްޓެވެ. އެހެންވެ، އެ ހުރިހާ މުވައްޒަފުންގެ މުސާރައަށް މަހަކު 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެ މިނިސްޓްރީން މި ފަހުން ވަނީ އެންމެ ދަށްވެގެން "ޑީ" ފާހެއް އޮތްނަމަ ވެސް، 30،000 ރުފިޔާގެ މުސާރައެއް ލިބޭހެން ދިރާސާވެރިންތަކެއް ހޯދަން އިއުލާނުކޮށްފައެވެ. އެކަމަކު، ގިނަ ބައެއްގެ ފާޑުކިޔުމައި ނުރުހުން އަމާޒުމުން މި މަހުގެ ނުވަވަނަ ދުވަހު އެ އިއުލާނު ވަނީ ބާތިލުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެ އިއުލާނު ބާތިލުކުރި ނަމަވެސް އެ ވަޒީފާގައި އަދިވެސް ނުވަ ދިރާސާވެރިން އެބަތިއްބެވެ.
މީގެ އިތުރުން، ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ ފަސް އިސްވާރުން ހަމަޖައްސައިފައެވެ. އެއީ،
- ދިވެހި ބަހުގެ އިސްވާރު- މަރިޔަމް ތައުފީގާ
- ދިވެހި ތާރީޚުގެ އިސްވާރު- ކަށިމާ އަހުމަދު ޝާކިރު
- ދިވެހި ތަރިކައިގެ އިސްވާރު- ހަސަން ޒަރީރު
- ދިވެހި ސުމޭކުގެ އިސްވާރު- މުހައްމަދު އަބްދުލްގާދިރު
- ދިވެހި ފަންނުގެ އިސްވާރު- މަރިޔަމް އިޝާ އަޒީޒް
އެ ބޭފުޅުންނަށް ބޮޑު މުސާރައެއް ދޭ ކަމަށް ބުނި ނަމަވެސް މިހާތަނަށް ސަރުކާރާއި މިނިސްޓްރީން ވެސް އެ މީހުންގެ މުސާރައަށް ކުރާ ހޭދައިގެ ތަފުސީލުތައް ހާމަކޮށްފައެއް ނުވެއެވެ.

ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު: އެ މިނިސްޓްރީއަށް މިދިޔަ އަހަރު 53.3 މިލިއަން ޚަރަދުވި -- ފޮޓޯ/ މިނިސްޓްރީ
މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައި ވާގޮތުން މިދިޔަ އަހަރު އެ މިނިސްޓްރީން ވަނީ 53.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، އޭގެ ކުރީ 2023 ވަނަ އަހަރާ ބަލާއިރު 10.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު އެ މިނިސްޓްރީން މުވައްޒަފުންނަށް 32.7 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، އޭގެ ކުރީ 2023 ވަނަ އަހަރާ ބަލާއިރު 10.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ކުރިން ހެރިޓޭޖް މިނިސްޓްރީގެ ގޮތުގައި ހިންގަމުން އައި މިނިސްޓްރީ ގައުމިއްޔަތު މިނިސްޓްރީގެ ނަމަށް ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު 17، 2023 ގައި ހުވައިކުރެއްވުމަށް ފަހެވެ. އެ މިނިސްޓްރީއަށް އައްޔަންކުރައްވާފައިވަނީ މިނިސްޓަރު އާދަމް ނަސީރެވެ.
އެ މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކޮށް، ފަންނުވެރިކަން ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ.