ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0"ގެ ތެރެއިން, ސަރުކާރުގެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުން ކިޔޫގައި ތިބެން ޖެހޭ ޖެހުން ނިމުމަކަށް ގެނެސް، ކިޔޫގައި ނުޖެހި ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް، ސިޔާހު ޚަލީލް ވިދާޅުވެއްޖެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އަސާސީ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުން ވަރަށް ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ. ޚިދުމަތަކަށް އެދި ފޯމެއް ފުރަން ވިޔަސް ނުވަތަ އެހެން ކަމެއް ކުރަން ވިޔަސް އެތައް ގަޑިއިރަކު ކިއޫގައި މަޑުކުރަންޖެހެއެވެ. އެތައް ލިޔެކިޔުންތަކެއް ހަމަނުވެގެން އުޅެން ޖެހެއެވެ. އަދި އޮފީސްތަކުން ފޯނު ނުނެގުމާއި ކައުންޓަރުތަކުގައި މީހުން ނުތިބުން ފަދަ ކަންކަމުގެ ސަބަބުން މައުލޫމާތު ހޯދަން ވެސް ދަތިތަކާ ކުރިމަތިވެއެވެ.
މިއޮށް ފަދަ ޑިޖިޓަލް ޒަމާނުގައި މި ތަކުލީފުތައް އުފުލަން ޖެހުމަކީ ރައްޔިތުންގެ އަބަދުވެސް ޝަކުވާއެކެވެ.
މި ހަފުތާގެ 'ސަން އޮންލައިން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޔާހު ވިދާޅުވީ، މިއަދާ ހަމައަށް ވެސް ރައްޔިތުން އަސާސީ ޚިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކެއް ކުރެވިފައި ހުއްޓަސް، އޭގެ އިހުސާސް ހަގީގީ މާނައިގައި ރައްޔިތުންނަށް ނުކުރެވޭ ކަމަށެވެ.
ސިޔާހު ވިދާޅުވީ ރައްޔިތުން ޚިދުމަތްތައް ހޯދުމަށް ކިއޫގައި ޖެހުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރާ ކޮންސެޕްޓެއް ނޫން ކަމަށެވެ.
"...ފިޒިކަލް ވިޔަސް, އޮންލައިން [ކިޔޫ] ވިޔަސް. އެކަމު މިހާރު [އަސާސީ ޚިދުމަތްތައް] އެ ބައްޓަން ކޮށްފަ އިން ގޮތުން ކިއޫގަ ޖެހެންޖެހޭ،" ސިޔާހު ވިދާޅުވިއެވެ.
"އެހެންވީމަ 2.0 އަކީ ތިހެން ހުރި ޕްރޮސެސްތައް ބަދަލު މިކުރަނީ. މިހާރު ޚިދުމަތެއް ހޯދަން އެދޭ މީހާ ފޯމެއް ފިލްކުރަން އެބަ ނަގާ 15 މިނެޓު. އެޓޭޗްމަންޓުތައް ވަރަށް ބައިވަރު ގެންނަން އެބަޖެހޭ،" ސިޔާހު ވިދާޅުވިއެވެ.

'ސަން އޮންލައިން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް، ސިޔާހު ޚަލީލް -- ފޮޓޯ/ ސަން
ސިޔާހު ވިދާޅުވީ އެ އުނދަގޫތައް ރައްޔިތުންނަށް ކުރިމަތިވަނީ މީގެ ކުރިން އަސާސީ ޚިދުމަތްތައް ދިނުމުގައި އެއްވެސް ވަރަކަށް ވިސްނާފައި ނެތުމުން ކަމަށެވެ.
ސިޔާހު ވިދާޅުވީ 2.0ގެ އަސާސްތަކުގެ ތެރޭގައި އަސާސީ ޚިދުމަތްތައް ދޭއިރު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހާމަކަން އިތުރުކުރާނެ ކަމަށެވެ. އޭގެ އެއް ބޭނުމަކީ ކޮރަޕްޝަން ނައްތާލުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރުން މިހާރު އިންނަ އަސާސްތަކަކީ ޚިދުމަތް ހޯދާއިރު ރައްޔިތު މީހާ ޚިދުމަތަށް ސަލާންޖަހަން ނުޖެހި، ފަސޭހަކަމާއެކު އެ ޚިދުމަތަށް ރިކުއެސްޓު ކުރެވިގެން ނިންމާލެވޭނެ ކަންކަމަށްވުން. އެކަން ކުރަން އަޅުގަނޑުމެން ބަދަލުކުރަންޖެހޭ ގާނޫނުތައް، މީގެ ތެރޭގަ ހިމަނައިގެން އެބަ ކުރިއަށް ގެންދަން. އެކަން ކުރަން ބަދަލު ގެންނަންޖެހޭ ޚިދުމަތްތައް ރައްޔިތު މީހާއަށް ދޭނެ ޕްރޮސެސް އެންމެ ފުރަތަމަ ކަމަކަށް، އެކަން އަޅުގަނޑުމެން އެބަ ބަދަލުކުރަން،" ސިޔާހު ވިދާޅުވިއެވެ.
ސިޔާހު ވިދާޅުވީ މިކަން ކާމިޔާބު ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހަގީގަތުގައި މިހާރު ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ އެއް ޚިދުމަތް އަނެއް ޚިދުމަތާ ގުޅިލާމެހިފައި ވާއިރުވެސް ޚިދުމަތްތައް ވަކިވަކިން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ދިނުމުގެ ސަބަބުން ގުޅިގެން މަސައްކަތްކުރުމުގެ ރޫހެއް ނޯންނަ ކަމަށާއި، އޭގެ އުނދަގޫ ޖެހެނީ ރައްޔިތުންނަށް ކަމަށް ސިޔާހު ވިދާޅުވިއެވެ.
އެ މައްސަލަ ހައްލު ކުރާނީ މިހާރު އޮންލައިންކޮށް ޚިދުމަތް ދޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށް ސިޔާހު ވިދާޅުވިއެވެ.
"އެ ބަދަލު މިކުރާ ގޮތަކީ އަޅުގަނޑުމެން ޚިދުމަތްތައް ބައްޓަން މިކުރަނީ ކުއްޖާ އުފަންވުމަށްފަހު، މިއަންނަ ލައިފް އިވެންޓްސްތައް، އެ އެއްޗިސް އަޅުގަނޑުމެން އައިޑެންޓިފައިކުރަން އެބަ ޖެހޭ. ކުއްޖާ އުފަންވުމަށްފަހު ފޫޅުމާ ފޯމް ފުރުމާ ހަމައިން، ނަންކިޔުމާ ހަމައިން، ބާތު ސެޓްފިކެޓް ހެއްދުމާ ހަމައިން، އިވޯލްވްވަމުން އެ އަންނަ ލައިފް އިންވެންޓްސްތަކާ ހަމައިން އަޅުގަނޑުމެން އެބަޖެހޭ ޚިދުމަތްތައް ބައްޓަންކުރަން،" ސިޔާހު ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 ގެ ތެރެއިން މިހާރުވެސް އެ މަސައްކަތް ފަށާފައިވާ ކަމަށް ސިޔާހު ވިދާޅުވިއެވެ. އޭރުން ރައްޔިތުންނަށް ކުރިމަތިވާ އެފަދަ އުނދަގޫތައް ވަރަށް ބޮޑަށް ހައްލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މޯލްޑިވްސް 2.0"އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގައުމީ ތަސައްވުރެވެ. އެއީ، ސަރުކާރުން ޚިދުމަތްކުރާ ގޮތާއި އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި އާންމު ޚިދުމަތާއި ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެއެވެ.