އިޓާލިއަން އޯޕަންގެ އަންހެން ސިންގަލްސް ތަށި 40 އަހަރަށް ފަހު އިޓަލީ ކުޅުންތެރިއަކަށް

އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން މި މުބާރާތުގައި ހަވަނައަށް ސީޑުކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ ކާމިޔާބުކޮށްފިއެވެ.

މިއީ މި މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތަށި އިޓަލީވިލާތުގެ ކުޅުންތެރިއެއް ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންކަން ޕައޮލީނީ ކާމިޔާބުކޮށްފައިވަނީ ރޭ ކުޅުނު ފައިނަލްގައި މުބާރާތުގައި ހަތަރުވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފްއާ ބައްދަލުކުރި މެޗު ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން ކާމިޔަބުކޮށްގެންނެވެ. މެޗު ބައްލަވާލެއްވުމަށް އިޓަލީވިލާތުގެ ރައީސް ސާޖިއޯ މަޓަރެއްލާ ވެސް ވަޑައިގެންނެވިއެވެ.

މެޗުގެ ފުރަތަމަ ސެޓު ޕައޮލީނީ ކާމިޔާބުކޮށްފައިވަނީ 6-4 އިންނެވެ. ކުރީކޮޅު ދެ ކުޅުންތެރިންކުރެ އެއްވެސް ކުޅުންތެރިއަކަށް އެ ކުޅުންރިޔާގެ ސާވް ދެމެހެއްޓޭ ގޮތެއް ނުވިއެވެ. ނަމަވެސް، މާ ގިނައިރުތަކެއްނުވެ، ޕައޮލީނީ ވަނީ މި ސެޓުގައި 3-1ގެ ލީޑެއް ނަގައިފައެވެ. ފަސް ބެލުމެއްނެތި ޕައޮލީނީ މި ސެޓް ވެސް ކާމިޔާބުކުރިއެވެ. ދެވަނަ ސެޓުގައި ޕައޮލީނީ ވަނީ ފުރަތަމަ ތިން ގޭމް ކާމިޔާބުކޮށް ސެޓުގެ ލީޑު އަތުލާފައެވެ. މި ސެޓު އޭނާ ކާމިޔާބުކޮށްފައިވަނީ 6-2 އިންނެވެ.

މިދިޔަ އަހަރުގެ ފްރެންޗް އޯޕަންއާއި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި ގިނަ ބަޔަކު ސިއްސުވާލި ޕައޮލީނީ މެޗު ކާމިޔާބުކޮށްފައިވަނީ އެއް ގަޑިއިރާއި 29 މިނެޓުންނެވެ. އޭނާ ވެފައިވަނީ 1985 ވަނަ އަހަރު ރަފައެލާ ރޭގީ މި މުބާރާތް ކާމިޔާބުކުރި ފަހުން މި މުބާރާތް ކާމިޔާބުކުރި އިޓަލީވިލާތުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޕައޮލީނީއަށް މިހާރު މިވަނީ މި ފަހަރުގެ މުބާރާތުގެ ސިންގަލްސް އިވެންޓްގެ އިތުރުން ޑަބަލަސް އިވެންތް ކާމިޔާބުކުރުމުގެ ފުރުސަތު ތަނަވަސްވެފައެވެ. މިގޮތުން މިއަދު ކުޅޭ ފައިނަލްގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ދެ ކުޅުންތެރިން ކަމަށްވާ ޕައޮލީނީއާއި ސާރާ އިރާނީ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެލީސޭ މާޓެންސްއާއި ވެރޯނިކާ ކުޑަމެޓޯވާގެ ޓީމާއެވެ.

ގިނަ ބަޔަކު އެ މެޗަށް އިންތިޒާކު ކުރަމުންދާ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލް ވެސް މިރޭ ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ އެއްވަނައަށް ސީޑުކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާއާއި ތިންވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒްއެވެ.

comment ކޮމެންޓް