އިސްރާއީލާ ދެކޮޅަށް ފިޔަވަޅެއް އަޅަން ވެސް ގޮވައިނުލައި ވަނދު ގޮތަކަށް އަރަބި ސަމިޓް ނިންމާލައިފި

އަރަބި ސަމިޓް

ބަޣްދާދު (18 މެއި 2025) : އިސްރާއީލުން ޣައްޒާގައި ގަތުލުއާންމުތައް ހިންގައިގެންނާއި ބަނޑަށް ޖައްސައިގެން ފަލަސްތީނު މީހުން ގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވައިނުލައި އިރާގުގައި އިއްޔެ ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިން ސަމިޓް ނިންމާލައިފިއެވެ.

އަރަބި އެހެން ސަމިޓް ތަކެކޭ އެއްގޮތަށް މި ސަމިޓަށް ވެސް ގިނަ އަދަދެއްގެ ވެރިން ހާޒިރުވެ ވަޑައިނުގަންނަވާއިރު ސަމިޓްގެ ނިންމުތައް ވަރަށް ދޯދިޔާކަމަށް އަރަބި މިޑިއާ ތަކުން ބުނެއެވެ. އެއް ދުވަހުގެ އަރަބި ސަމިޓް ނިންމާލަމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ގޮވާލާފައިވަނީ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް ޓަކައި އިސްރާއީލަށް ބައިނަލްއަގުވާމީ ފިއްތުންތައް ކުރިމަތި ކުރުމަށެވެ.

އަރަބި ސަމިޓުން މިހާ އާދައިގެ ގޮތަކަށް، އިސްރާއީލާ ދެކޮޅަށް ބަޔާން ނެރުނުއިރު އިސްރާއީލު ވަނީ ޣައްޒާއިން ޣައްޒާގެ ރައްޔިތުން ބޭރުކޮށް އެ ތަން ހުސްކުރުމަށް ޚާއްސަކޮށްގެން އައު އަސްކަރީ އޮޕަރޭޝަނެއް ފެށިކަން ވެސް އިއުލާން ކޮށްފައެވެ. އަދި ޣައްޒާއަށް ކާބޯތަކެތި ވެއްދުމުގެ ފުރުސަތު ދިނުމަށް ވެސް ތަކުރާރުކޮށް އިސްރާއީލު ގެންދަނީ ދެކޮޅު ހަދަމުންނެވެ.

އިސްރާއީލު ގެންދަނީ ހަމަލާތައް ހުއްޓައިނުލާނެ ކަމަށް ތަކުރާރުކޮށް ބުނެ އދ. އަށާއި ބައިނަލްއަގްވާމީ މުޅި ނިޒާމަށް ގޮންޖަހައި ނުކިޔަމަންތެރިކަމާއި ޖައްބާރުކަން ދައްކަމުންނެވެ. އެއީ އެމެރިކާއާއި ޔޫރަޕްގެ ހިމާޔަތް އިސްރާއީލަށް އޮތުުމުންނެވެ.

ބަޣްދާދުގައި ބޭއްވި އަރަބި ސަމިޓް ގައި ބައިވެރިވި އަރަބި ވެރިން

ޣައްޒާގެ ރައްޔިތުންނަށް ކޮންމެ ގޮތެއް ހެދިޔަސް އެމީހުން އެއްކޮށް މަރައި ހުސްކުރިޔަސް އެކަމާ އަޅާލާނެ ފަރާތެއްނެތްކަމަށް ބުނެ އިސްރާއީލުގެ ޕާލަމެންޓްގެ މެންބަރުންނާއި އިސްރާއީލުގެ ބައެއް ވަޒީރުން ގެންދަނީ ފާޅުކަން ބޮޑު ގޮތެއްގައި މުޅި ދުނިޔެއަށް ގޮންޖަހަމުންނެވެ.

އިސްރާއީލަކީ ބައިނަލްއަގްވާމީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިނަމަ ލަސްތަކެއްނުވެ އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން އިނދަޖެހޭފަދަ ކުޑަގައުމެކެވެ. އިސްރާއީލުގެ އަނިޔާވެރިކަން މިހާ މައްޗަށް ދާއިރު ވެސް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅުމުގައި ބައިނަލްއަގްވާމީ މުޅި ނިޒާމު ފެއިލް ވެފައިވުމަކީ އިސްރާއީލުގެ މި ވާހަކަތަކަކީ ހަގީގަތެއްކަން ހާމަވާ ކަމެކެވެ.

އަރަބި ސަމިޓްގެ ބަޔާނުގައި ޣައްޒާގެ މައްސަލާގައި ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އަވަސް ކޮށްދޭންޖެހޭ ކަމަށެވެ. އަރަބިންގެ މައިގަނޑު މައްސަލައަކީ އަދިވެސް ފަލަސްތީނު މައްސަލަކަން މި ސަމިޓްގައި ވަނީ އަލުން ކަށަވަރުކޮށްދީފައެވެ.

އަރަބި ސަމިޓްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް އަރަބި ލީޑަރުންނަށްވުރެ މާހަރުކަށިކޮށް އިސްރާއީލަށް ބަހުގެ ހަމަލާތައް ދެއްވިއެވެ.

އޭނާވަނީ އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް ސިފަކުރައްވައި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާއި އަސްކަރީ އެއްބާރުލުން ދިނުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. ސްޕެއިން އަކީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ގުޅިގެން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ސަމިޓްގައި ވާހަކަ ދައްކަވަމުން އދ.ގެ އަމީންއާންމު އެންޓޯނިއޯ ގުޓަރެޝް ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ބައިނަލްއަގްވާމީ ގާނޫނަށް ބޯ ނުލެނބުމުގެ ކަންތައް މާ މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރައްވައި އިސްރާއީލަކީ ނުކިޔަމަންތެރި ގައުމެއްގެ ކަމަށް ސިފަވާގޮތަށް އިސްރާއީލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އިސްރާއީލުން ޣައްޒާގައި ގަތުލުއާންމުތަކަށް އެންމެ ބޮޑަށް ވާގިވެރިވާ އަދި އިސްރާއީލުގެ ޔަހޫދީ ޓެރަރިޒަމް ސްޕޮންސާކުރާ މައިގަނޑު ގައުމު ކަމަށްވާ އެމެރިކާގެ ރައީސް މިދިޔަ ހަފްތާގައި ގަލްފުގެ އަރަބި ތިން ގައުމަކަށް ދަތުރު ކުރައްވައި އެ ގައުމުތަކުންވަނީ ހަތަރުވަރަކަށް ޓްރިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ފުރުސަތުތައް ހޯއްދަވާފައެވެ.

އެމެރިކާއިން އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކުރާ މައްސަލާގައި މި ތިން ގައުމުގެ ފަރާތުން އެމެރިކާއަށް އެއްވެސް ޕްރެޝަރެއް އަދި ނުރުހުމެއްވެސް އައިސްފައެއް ނުވެއެވެ.

އަރަބި ސަމިޓުން ނެރުނު ބަޔާނުގައި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލު ބޭނުންވާކަމަށް ބުނެފައިވާއިރު މިއީ އެމެރިކާއާއި އިސްރާއީލު ގަބޫލުކުރާ ވާހަކަތަކެއް ނޫނެވެ.

comment ކޮމެންޓް