ޑީބީއެމްގެ ސީއީއޯ ޓްރައިބިއުނަލަށް ވަޑައިގަތީ ނޯޓިސް ދެއްވި މުއްދަތުގެ މުސާރަ ނުލިބިގެން

ޑިވެލޮޕްމެންޓް ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް، ރައީސް މުއިއްޒާ ސަލާމް ކުރައްވަނީ: އޭނާގެ ވަނީ އިސްތިއުފާގެ ނޯޓިސްގެ މުއްދަތުގެ މުސާރަ ހޯއްދަވަން ޓްރައިބިނުލަށް މައްސަލަ ހުށަހަޅުއްވާފައި -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން އުފެއްދި, ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ކުރީގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވަޑައިގަތީ، ނޯޓިސް މުއްދަތުގެ މުސާރަ ހޯއްދަވަންކަން ހާމަވެއްޖެއެވެ.

ޑީބީއެމް އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ. އެކަމަކު، އަދިވެސް އެ ބޭންކްގެ ޚިދުމަތް ފެށިފައެއް ނުވެއެވެ.

އެ ބޭންކްގެ ސީއީއޯ ކަމަށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަންކުރެއްވީ އޮގަސްޓް 26 ގައެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އޭނާ ވަނީ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތްވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޑީބީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޕެޓާސަން ޖޯންސް މާރިޗް 20ވީ ބުރާސްފަތި ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ހުށަހެޅުއްވި އިސްތިއުފާ، އެ ބޯޑުން ވަނީ އެ ތާރީޚުން ފެށިގެން ބަލައިގެންފައި ކަމަށެވެ. އަދި އެކަން ޑީބީއެމްގެ ޑިރެކްޓަރުންގެ ބޯޑަށާއި ޕެޓާސަން ޖޯންސްއަށް އޭގެ ތިން ދުވަސް ފަހުން، 23 މާރިޗުވީ އާދިއްތަ ދުވަހު އެންގި ކަމަށް އެ ބޭންކުން ބުންޏެވެ.

"ހަމަ އެހެންމެ، ޕެޓާސަން ޖޯންސް ވަނީ މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން ދިވެހިރާއްޖެ ދޫކޮށް ވަޑައިގެންފައި ކަމަށާއި އަދި އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު މި ބޭންކްގެ ވަޒީފާގައި އެއްވެސް ދައުރެއް އެ ފަރާތުން އަދާކޮށްފައިނުވާކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ." ޑީބީއެމްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޕެޓާސަން ޖޯންސް އިސްތިއުފާ ހުށަހެޅުއްވި ނޯޓިސްގެ މުއްދަތުގެ މުސާރައާ ބެހޭ ގޮތުން އެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ބެހޭ މައުލޫމާތު ބޭންކަށް ލިބިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ކުރިއަށްގެންދަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ގެންދަނީ އެ ބޭންކުގެ ގާނޫނީ ވަކީލުންގެ ޓީމަކުން ކަމުގައި ވެސް ޑީބީއެމުން ފާހަގަކޮށްފައިވެއެވެ.

"އަދި މި މައްސަލަ ފައިސަލާ ކުރުމުގައި މި ބޭންކުން ފުރިހަމަކުރަން ޖެހޭ އެންމެހާ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަމުންގެންދާނެ ކަމުގައި ވެސް ދަންނަވަމެވެ." އެ ބަޔާނުގައިވެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެޓާސަން ޖޯންސް އިސްތިއުފާ ދެއްވީ ނޯޓިސް މުއްދަތެއް ދެއްވުމަށްފަހުގައެވެ. ނަމަވެސް އިސްތިއުފާ ހުށަހެޅުއްވި ދުވަހު ޕީސީބީން އިސްތިއުފާ ބަލައިގެންފައިވާތީ، ނޯޓިސް މުއްދަތުގެ މުސާރަ ދޭން ޖެހޭނެތޯ ނުވަތަ ނޫންތޯ ނިންމުމުގެ މަސައްކަތް ގާނޫނީ ވަކީލުން އަންނަނީ ކުރަމުންނެވެ.

އެހެންވެ، ޓްރައިބިނުލަށް ޕެޓާސަން ޖޯންސް ހުށަހެޅުއްވީ ނޯޓިސް މުއްދަތުގެ މުސާރަ ދިނުމަށެވެ.

ޑީބީއެމްއާ ދެކޮޅަށް އޭނާ ހުށަހެޅުއްވި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މަހުގެ ހަތްވަނަ ދުވަހު ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް އޭނާއަކީ ދިވެހިބަހުން ވާހަކަދައްކަން އެނގޭ މީހަކަށް ނުވާތީ ތަރުޖަމާނަކު އައްޔަންކުރަން ދިން ފުރުސަތުގައި ތަރުޖަމާނަކު އައްޔަނުކޮށްފައިނުވާތީ ޓްރައިބިއުނަލުން މައްސަލަ ބާތިލުކުރީއެވެ.

ބާތިލުކުރި މައްސަލަ 30 ދުވަހުގެ ތެރޭގައި 500 ރުފިޔާގެ ޖޫރިމަނާއަކާ އެކު އަލުން ހުށަހެޅޭނެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރު މުހައްމަދު ސައީދުގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ބަހެއް ލިބިފައިނުވެއެވެ.

ޑީބީއެމްގެ ސީއީއޯ އިސްތިއުފާ ދެއްވުމާ ގުޅިގެން އައު ސީއީއޯ އާއި މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޑީބީއެމްއިން ބުންޏެވެ.

https://sun.mv/206105

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ޑިވެލޮޕްމަންޓް ބޭންކްގެ ޚިދުމަތް ނުފެށި ލަސްވާތީ ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމަކު، އެ ބޭންކްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް