ޖަލު ބަންދުގައި ތިބި 80 ޕަސެންޓް މީހުންނަކީ ޒުވާނުން

ގައިދީންތަކެއް ޖަލަށް ވައްދަނީ: ރާއްޖޭގެ ޖަލުތަކުގައި ގިނައިން ތިބީ ޒުވާނުން -- ފޮޓޯ/ ކަރެކްޝަންސް

ރާއްޖޭގެ ޖަލުތަކުގައި ބަންދު ކޮށްފައި ތިބި ކުށްވެރިންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ޒުވާނުން ކަމަށް, ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ތިބި ގައިދީންނަށް ޚާއްސަ ފުޓްބޯޅަ މުބާރާތެއް މިދިޔަ ހަފުތާގެ ފަހުކޮޅު ވަނީ ފަށައިފައެވެ. އެކިއެކި ކުށްތަކުގައި ބަންދުކޮށްފައި ތިބި ގައިދީންގެ މެދުގައި ކުޅޭ އެ މުބާރާތް ފެށުމުގެ ހަފުލާގައި ޕްރޮސެކިއުޓާ ޖެނެރަލް ޖަސްޓިސް (ރިޓަޔާޑް) ޢައްބާސް ޝަރީފާއި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް ޒަރީރު ވިދާޅުވީ، ޖަލުތަކާއި ގައިދީންގެ ކަންކަން ބަލަހައްޓާ އެ އިދާރާގެ މަސައްކަތަކީ ވަރަށް މުހިއްމު ގައުމީ މަސައްކަތެއް ކަމަށެވެ. އެގޮތުން، ޖަލުގައި ތިބި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 80 ޕަސެންޓަކީ އުމުރުން 35 އަހަރަށްވުރެން ހަގު މީހުން ކަމަށާއި އެއީ މި ގައުމުގެ މުސްތަގުބަލް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުގައި ކުރިއަށްދާ އޮޕަރޭޝަން ބައްލަވައިލެއްވުމަށް ހޯމް މިނިސްޓަރާއި ކޮމިޝަނާ އޮފް ޕްރިޒަންސް ޒަރީރު މާފުށީ ޖަލުގައި-- ފޮޓޯ: ހޯމް މިނިސްޓްރީ

އެ ގައިދީންނަށް ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގައިދީގެން, ޖަލުން ސަލާމަތްވެ، މުޖްތަމައަށް ޚިދުމަތްކުރާނެ ބަޔަކަށް އެ މީހުން ހަދަން ބޭނުންފުޅުވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ކަރެކްޝަންސްއިން މީގެ ކުރިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ކުށްވެރިންނެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން މަސްތުވުމަށްޓަކައި ފައިސާ ހޯދުމަށް ކުރާ ވައްކަމާއި ފޭރުން ފަދަ ކުށްތައް ހިމެނެއެވެ.

ދިވެހި ޒުވާނުންގެ މެދުގައި އެކި ފެންވަރުގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު މިއީ އިޖުތިމާއީ ގިނަ މައްސަލަތަކަކާ ކުރިމަތިވެފައި އޮތް ބޮޑު މައްސަލައެކެވެ.

މީގެ ކުރިން ކަރެކްޝަންސްއިން ގައިދީންގެ ތަފާސްހިސާބު ހާމަކުރި ނަމަވެސް މި ފަހުން އެ މައުލޫމާތު ހާމަ ކުރުން ވަނީ ހުއްޓާލައިފައެވެ.

ޔޫއެންޑީޕީން 2011 ވަނަ އަހަރު ރާއްޖޭގެ ޖަލުގެ ހާލަތު ބަލައި އެކުލަވާލި ރިޕޯޓެއްގައި ބުނާގޮތުން އޭރު ޖަލުގައި ގިނައިން ތިބީ އުމުރުން 30 އަހަރު ނުވަތަ އެއަށް ވުރެ ހަގު ފިރިހެނުންނެވެ. އޭގެ ތެރެއިން 72 ޕަސެންޓް މީހުން އޯލެވެލް ނިންމާފައިނުވާއިރު 47.9 މީހުން ކައިވެންޏެއް ކޮށްފައެއް ވެސް ނުވެއެވެ. އެ ކުށްވެރިންގެ ތެރެއިންގެ 58.1 ޕަސެންޓް މީހުންގެ ދަރިންނެއް ވެސް ނެތެވެ.

އެ ރިޕޯޓްގައި ބުނާގޮތުން އޭރު ވެސް ޖަލުގައި ގިނައިން ތިބީ މަސްތުވާތަކެތީ މައްސަލަތަކުގައި ކުށްކޮށްފައިވާ މީހުންނެވެ. އެއީ، އޭރު ޖަލުގައި ތިބި މީހުންގެ ތެރެއިން 66 ޕަސެންޓް މީހުން ކުށް ސާބިތުވެފައިވާ ސަބަބެވެ.

ފުލުހުން މީގެ ކުރިން އާއްމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުދިން ވެސް ރާއްޖޭގެ ކުށުގެ ވެށީގައި އުޅެއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ގޭންގު ކުށްތަކާއި މާރާމާރީ ހިމެނެއެވެ. މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ވެސް މީގެ ކުރިން 18 އަހަރު ނުފުރޭ ކުދިން ހައްޔަރު ކޮށްފައި އެބަހުއްޓެވެ.

ދިވެހި ފުލުހުން ހާމަކޮށްފައިވާ މައުލޫމާތާއި ނޫސްތަކުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު އުމުރުން ދުވަސްވީ ގައިދީންގެ ތެރޭގައި ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ނުރައްކާތެރި، ހުތުރު އަމަލު ހިންގައިގެން ކުށްސާބިތުވެފައިވާ ގިނަ ބަޔަކު ހިމެނެއެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް ކުށްކުރާ އާބާދީގެ ބޮޑު ޕަސެންޓަކީ ޒުވާނުންނެވެ. މިއީ ގައުމުތަކުގެ ތަރައްގީއާއި ކުރިއެރުމުގެ އިތުރުން މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެކެވެ.

comment ކޮމެންޓް