ސިންގަޕޫރާއި ހޮންކޮންގް ފަދަ އޭޝިއާގެ ބައެއް ގައުމުތަކުން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވާކަން ފާހަގަވެއްޖެއެވެ.
އެ ގައުމުތަކުގެ ސިއްޚީ އިދާރާތަކާ ހަވާލާދީ އިންޑިއަން އެކްސްޕްރެސް އިން ބުނީ ކޭސްތަކުގެ އަދަދު އިތުރުވެފައި ވަނީ އާންމުކޮށް މީހުންގެ ދިފާއީ ބާރު ދަށްވުމާއި އުމުރުން ދުވަސްވީ މީހުން ބޫސްޓާ ޝޮޓް ޖަހާ މިންވަރު މަދުވުމުން ކަމަށް ބެލެވޭ ކަމަށެވެ.
އަދަދުތަކުން ބުނަނީ ކީކޭ؟
ސިންގަޕޫރުގެ ސިއްޚީ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،200 އަށް އަރާފައެވެ. އޭގެކުރީ ހަފުތާ 11،100 މީހުން ޕޮޒިޓިވްވިއެވެ. މި މުއްދަތުގައި ކޮވިޑް-19 ގެ ސަބަބުން ދުވާލަކު އެވްރެޖްކޮށް ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު ވެސް 102 ން 133 ށް އިތުރުވިއެވެ. ނަމަވެސް އައިސީޔޫގައި ދުވާލަކު އެޑްމިޓްކުރާ މީހުންގެ އަދަދު ވަނީ ތިނަކުން ދެއަކަށް ދަށްވެފައެވެ.
ހޮންކޮންގުގައި ސާސް-ކޯވް-2 ވައިރަލް ވަނީ އިތުރުވެފައެވެ. އަދި ކޯވިޑް-19 އަށް ޕޮޒިޓިވްވާ ސާމްޕަލްތައް އިތުރުވެ، މީގެ ހަތަރު ހަފުތާ ކުރިން ވަނީ 6.21 އިންސައްތައަށް މަތިވެފައެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 13.66 އިންސައްތައަށް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެ ގައުމުން ހާލަތު ގޯސްވެގެން 81 ކޭސް ރެކޯޑުކޮށްފައިވާއިރު، 30 މީހުން ވަނީ މަރުވެފައެވެ.
ހޮންކޮންގްގެ ސެންޓާ ފޯ ހެލްތު ޕްރޮޓެކްޝަންއިން ބުނީ އާންމު ހާލަތަށް އައި ފަހުން ސަވައިލެންސް ޑޭޓާއަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ގާތްގަނޑަކަށް 15 ހަފުތާ ވަންދެން އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން މާޗް މަހާ ހަމައަށް ގާތްގަނޑަކަށް ހަތް ހަފުތާ ވަންދެން ކޮވިޑް-19ގެ ކޭސްތައް އިތުރުވި ކަމަށެވެ.
ނޭވާލާ ނިޒާމުގެ އެހެން ބަލިތަކެކޭ އެއްފަދައިން މުޅި އަހަރު ދުވަހު ވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވާނެ ކަމަށް ސިންގަޕޫރުގެ ސިއްޚީ ވުޒާރާއިން ބުނެއެވެ.
އަވައްޓެރި އިންޑިއާގެ ހާލަތަކީ ކޮބާ؟
އިންޑިއާގައި މިހާރު ގިނަ ބަޔަކު ކޮވިޑް-19 ޓެސްޓް ނުކުރާއިރު، އައިސީއެމްއާރު ލެބޯޓްރީތަކުންނާއި ސަވައިލެންސް ސައިޓްތަކުން އެއްކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފުތާތަކުގައި ކޮވިޑް-19 ގެ ކޭސްތައް ވަނީ އިތުރުވެފައެވެ.
މެއި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސާސް-ކޮވް-2 އަށް ޕޮޒިޓިވް ސާމްޕަލްގެ އަދަދު 41 އަށް އިތުރުވެފައިވާއިރު، އޭގެ ކުރީ ހަފުތާ 28 ސާމްޕަލް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަހު ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ ޖުމްލަ އަދަދު ދަށަށް ގޮސްފައިވާ ކަމަށް އިންޑިއަން އެކްސްޕްރެސްއިން ބުނެފައިވެއެވެ.