221 ސިނގިރޭޓު ކާޓަންގެ މައްސަލަ: ހައްޔަރުކުރި އެންމެން ޝަރުތުކޮށް، ދޫކޮށްލައިފި

ޕިކަޕަކުން އެއްލައިލި ދަބަސްތަކަކުން ފެނުނު ސިނގިރޭޓު ކާޓަންތައް: އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ވަނީ ދޫކޮށްލާފައި --- ފޮޓޯ/ ފުލުހުން

ޕިކަޕަކުން މަލޭ މަގުމައްޗަށް އެއްލާފައި އޮތް ކަޅު ދަބަސްތަކަކުން ފެނުނު 221 ސިނގިރޭޓު ކާޓަން މައްސަލައިގައި ހައްޔަރުކުރި އެންމެން ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި މިމަހުގެ ހަވަނަ ދުވަހު ފުލުހުން ބުނީ، ބޮޑުރަސްގެފާނު މަގުން ކަޅުކުލައިގެ ތިން ދަބަސް އެއްލައިލާފައި ޕިކަޕެއް ފިލައިގެން ދިއުމުން އެކަން ތަހުގީގުކުރަން ފެށި ކަމަށެވެ.

އެގޮތުން، ތަހުގީގުގައި އެ ދަބަސްތައް ބަލައި ފާސްކުރިއިރު، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://sun.mv/205658

މައްސަލައާ ގުޅިގެން ބަންގްލަދޭޝަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ، 39 އަހަރުގެ ރެޒައުލް ހައްގާއި 43 އަހަރުގެ އެމްޑީ މަންނާން މޮންޑޮލްއާއި 42 އަހަރުގެ މުޙައްމަދު ސުލައިމާނެވެ.

މިދިޔަ ހުކުރު ދުވަހު، ކްރިމިނަލް ކޯޓުން ވަނީ ޝަރުތު ކުރުމަށް ފަހު އެ ތިން މީހުން ބަންދުން ދޫކޮށްލާފައެވެ. އެގޮތުން، ދޫކޮށްލި ސަބަބެއް ކަމަށް އަމުރުގައި ވަނީ، ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ސަބަބެެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.

އެ ތިން މީހުންގެ އިތުރު ބަޔާނުން އެނގޭ ގޮތުން، އެމީހުންގެ މައްޗަށް ތުހުމަތުކުރަނީ ވަގަށް ނަގާފައިވާ ސިނގިރޭޓުތަކެއް ގެންގުޅުނު ކަމަށެވެ.

ނަމަވެސް، އެމީހުން ބަންދުގައި ހުންނަތާ 10 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިފަދަ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ނުވާ ކަމަށް އަމުރުގައިވެއެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންނަކީ އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ސައްހަ ވިސާއެއްގައި އުޅޭ ބަޔެއް ކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

އެމީހުން ބަންދުން ދޫކޮށްލަފައިވަނީ، ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގައެވެ.

ދާދި ފަހުން މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ވެސް ވަނީ ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްމަޓްސްއިން އަތުލައިގެންފައެވެ.

އެ ސިނގިރޭޓުތައް އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ފްލައިވުޑް ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ކަސްޓަމްސްއަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ސީކާގޯ ޓާމިނަލުންނެވެ.

comment ކޮމެންޓް