"ދުޢާއަށްވުރެ ބާރުގަދަ ހަތިޔާރެއް، އީމާންކަމަށްވުރެ ވަރުގަދަ އެއްޗެއް އަދި އެންމެ ބާރުގަދަފަރާތަކީ ﷲ ތައާލާ ކަން ފަހަރެއްގައިވެސް ހަނދާން ނައްތާނުލާށެވެ."
***
މީކާއިލްމެންނަށް އެހިސާބަށް ދެވުނުއިރު އަނދިރި ބަދިގޭގެ ކަންމަތީގައި ހުރީ މިރެލްއެވެ. އޭނާގެ މޫނުގެ ދެބައިކުޅަ އެއްބައި ވަނީ ފޮރުވިފައެވެ. އެއް އަތުން ބުދުގައި ހިފަހައްޓާލައިގެންނެވެ. އޭނާގެ އިސްތަށިގަނޑު ކުރިއަށްވުރެ ވަރުގަދަވެ މޫނުވަށައިގެން ވިހުރުވިފައެވެ. ކުޑަކުޑަ ފައިތިލަތައް ހުރީ ފިނި ތަޅުންގަނޑުގައި ޖައްސާލައިގެންނެވެ.
"މިރެލް މިހިރީ ނު.............. "ނުލަފާ އަޑަކުން ހިނިގަނޑެއް ޖަހައިލިއެވެ. އެއަށްފަހު ބިރުވެރި ހަމަހިމޭންކަމެއް ވެރިވިއެވެ. މީކާއިލްގެ ހިތުގެ ވިންދު ހުއްޓުނުހެން ހީވިއެވެ. މަދީނާގެ މޫނަށް އަނދިރިވެ އަރިއަޅައިލުމުން މީކާއިލް އަށް ހިފުނީ ހަމަ ކިރިޔާއެވެ.
***
އެންމެންނަށް މިރެލްގެ އަޑު އިވުނުހެން ހީވެގެން ގެއަށް ވަދެގަތްއިރު އެންމެން ތިބީ ހާސްވެފައެވެ. ރޭގަނޑުގެ ގަދަ ފިންޏާއިއެކު ދުވުމުގެ ސަބަބުން އެމީހުންގެ ހަށިގަނޑު ހޫނުވެފައިވެއެވެ. ގޭތެރެ އޮތީ އަނދިރިކޮށެވެ. ދެންމެ ހިނގައިދިޔަ ކަންތަކުގެ ސަބަބުން ފަޒާގައި ވަނީ ބީރައްޓެހިކަމާއި ފަޅުކަމެވެ. މިރެލް ކޮޓަރީގެ މެދުގައި ހުއްޓިލައިގެން ހުރިއިރު އެމޫނުމަތީގައި އަޖައިބުވާ ފަދަ އުޖާލާކަމެއް ވެއެވެ. ބޭނުންވިކަން ހާސިލްވި ފަދަ ހިނިތުންވުމެއްގައެވެ. އުރްޖުވާން ހިނގަމުން ދަނިކޮށް ދަބަސް ކޮނޑުން ދޫވެގެން ދިޔައެވެ. އަދި ޝޯލްވެސް ސޮއްސައިލިއެވެ. އަދި އޭނާގެ ހިތް ފަޅައިގެންދާ ފަދަ އަޑަކުން ގޮވަމުން ކުރިއަށް ދުއްވައިގަތެވެ.
"މިރެލް......." އުރުޖުވާންގެ ލޮލުން ކަރުނަ އޮހިގަތެވެ. އޭނާ ގުދުވިގޮތަށް މިރެލް ގެނެސް މޭގައި ޖައްސާ ބާރުކޮށްލީ ހިމާޔަތް ދޭފަދަ ގޮތަކަށެވެ. މަންމަގެ މީރުވަހާއި ހޫނުކަން އިހުސާސްވެ އެ ޖަޒުބާތުގެ ތެރެއަށް ގެނބޭގޮތްވިއެވެ. އެއް އަތުން ގެންގުޅޭ ބުދު ހިފަހައްޓައިގެން ހުރެ، މަޑު ކޯތާފަތް އުރްޖުވާންގެ މޭމަތީގައި ޖެއްސިއެވެ. އިރުކޮޅަކުން މޫނު އުފުލައިލިއިރުވެސް މިރެލް ހުރީ ހެވިލާފައެވެ.
ކެނާން އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ. އޭނާގެ މޫނުމަތިންވެސް ހިތާމައާއި އެކު ބަޔާން ނުކުރެވޭފަދަ އަސަރުތަކެއްވިއެވެ. އޭނާ އަތް މައްޗަށް އުފުލިއެވެ. މިރެލްއާ ހަމައަށް ދާންވެގެންނެވެ.
މާޒިމްވެސް ގުދުވެ ލަސްލަހުން އެ ދެމީހުންގެ ވަށައިގެން އަތް އޮޅާލިއެވެ. ކެނާންގެ އަތް ވައިގެތެރޭގައި ހުއްޓުނެވެ. އިރުކޮޅެއްފަހުން އަތް ތިރިކޮށްލިއެވެ. އެވަގުތު އެންމެންގެ ސަމާލުކަން ކެނާން އަށް ހުއްޓުނެވެ. ނާޝިދު އަށްވެސް ހުރެވުނީ އޭނާ ގެ ލޮލަށް ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. ހަގީގަތެއް ނޫނީ ހުވަފެނެއް ހެއްޔެވެ؟ މެހެކް އަށް ވެސް ހުރެވުނީ އަނގަ މަތީ އަތް އެޅިގޮތަށް ލޯ ބޮޑުކޮށްގެންނެވެ.
"ކެނާން....ޔޫ އާ ސްޓޭންޑިންގ...ޔޫ އާ ވޯލކިންގް...." ނާޝިދު ގެ އަޑު އިވުނެވެ. އެ ހިމޭންކަމުގެ ތެރޭގައި މާޒިމް އާއި ކެނާން ގެ ހަތަރުކަޅި ހަމަވިއެވެ. ހިމޭން ދިގު ހަނގުރާމައެއްފަދައެވެ.
" މަދީނާ...މަދީނާއަށް ކޮންމެވެސް ކަމެއް ވެއްޖެ.... ލޯވެސް ނުހުޅުވާ މިއޮތީ........" މީކާއީލް ސިޑި ކައިރީ ހުރެ ގޮވަން ފެށުމުން އެންމެން އެދިމާލަށްދާން އަވަސްވެގަތެވެ.
މަދީނާ އޮތީ ސޯފާގައެވެ. ރަޖާގަނޑު އަޅާފައި އޮތްއިރު ފެންނަނީ ހަމައެކަނި މޫނެވެ. އޭނަގެ ކޯތާފަތް ރަތްވެފައިވާއިރު މަޑުމަޑުން ކުކުރަމުން ދިޔައެވެ. މެހެކް އަވަސްވެގަތީ ހުންހުރި ވަރު ބެލުމަށެވެ.
އެވަގުތު ކޮރިޑޯގެ ބައްތިތައް ފިޔަޖަހައިލިއެވެ. އެންމެންގެ ފަހަތުން ކަހަލަ ގޮތަކަށް ނަބީލާ ދުވެފައި އައީ އުދަގޫގޮތަކަށެވެ. ހަށިގަނޑު ސަމާލުނުވެގެން އުޅޭ ކަހަލަ ގޮތަކަށެވެ.
"އޭނަ އަތުވެއްޖެ......ބަދަލު ހިފަން.." އޭނަގެ އަޑު އައީ ކެނޑި ގެންނެވެ.
ނަބީލާގެ ލޯ ވަށައިގެން ހޯދަމުން ދިޔައީ ހާސްކަމާއެކުގައެވެ. އުރްޖުވާންގެ މޫނަށް ބަލައިލުމާއެކު އުރުގައި އިން މިރެލްއާއި ހަތަރުކަޅި ހަމަވިއެވެ. އޭނަ ބޯ އަރިކޮށްގެން ހުރެ ބަލަން ފެށިއެވެ. މިރެލް ވަރަށް ލަސްލަހުން، ގަސްތުގައި ކަހަލަ ގޮތަކަށް، އޭނާގެ ކުޑަކުޑަ އަތުން ބުދުގެ ކަރުގައި ބާރުކޮށް ހިފިއެވެ.
"އެހެރީ ޝައިތާން ލޯ އަޅާލައިގެން.. އޭތި މަރައިލާ............."ނަބީލާ ފަހަތަށް ޖެހުނުއިރު ލޯ ބޮޑުވެ ބިރުގެންފައި ހުރިކަން މޫނުމަތިން ފެންނާން ހުއްޓެވެ. އޭނަ ހަމަޔަކަށް އެޅުވުމަށް އަވަހަށް ނާޝިދު ހިފެހެއްޓިއެވެ. މިއީ ކޮންމެ ރެއަކުވެސް ނަބީލާ ހޭލާ ވަގުތު ކަމުން އެ ހަރަކާތްތަކުގައި އާދަޔާ ހިލާފް ކަމެއް ނެތެވެ. މިއީ ބޭސް ދޭން ޖެހޭ ގަޑިވެސް މެއެވެ.
"أَعـوذُبِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق......"ކެނާން އޭނަގެ މަންމަ ގަޔާއި ކައިރިކޮށްލިއެވެ.
"ކެނާން......މާޒް ޖިންނިން އުޅޭ ކަމަކަށް ގަބޫލެއްނުކުރާނެ. ލޮލުން ދެކެ އަތުން ހިފިޔަސް ގަބޫލުނުކުރާނެ...މަންމަ ހަމައެކަނި ސްކިޒްފްރީނިއާ ކަމަށް ނިންމައިގެން ރުގުޔާ ކުރުމާއި ކިހާ ދެކޮޅު..އެކަމަކު މަންމައަށް ޖިންނި އެބަ ފެނޭ..އައި ތިންކް...އަހަންނަށްވެސް ފެންނާން ފަށައިފިހެން..އެހެންވީމަ އޭގެ މާނައަކީ މިގޭތެރޭގައި އެބައުޅޭ ކޮންމެވެސް ކަމެއް. ނޫނީ އެއްޗެއް.. ރޫހާނީކަމެއް..އައި ބިލީވް................."
"ޚުޝަލްވެސް އެހެން މީހުންހެން މޮޔަވާން އުޅެނީކަން ނޭގޭ..ހެލުސިނޭޝަން ވަންޏާ ޝްރިންކަކަށް ދައްކާ......ނޫނީ ހަމަ ތިބުނާ ފޭކް ރާގީއަކަށް ކަން ނޭގޭ ބޮޑަށް ރަގަޅުވާނީ. މީހުން އޮޅުވާލައިގެން ފައިސާ ހޯދަން.ކަމެއްވެސް ކުރެވެނީއެއް ނޫން......"މާޒިމް ޖެއްސުންކޮށްލިއެވެ.
"ދަރިފުޅު....ޕްލީޒް. މިއީ ތިކަމަށް އެންމެ އެކަށީގެންވާ ކަމެއްނޫން..." ނާޝިދުގެ މޫނުމަތި ސީރިޔަސްވިއެވެ.
"އެބުނާހެން މިރެލް ނުގެއްލުނީ ކިރިޔާ. މިހަލަ ވަގުތެއްގައި އަރައިރުންނުވިއްޔާ ރަގަޅީ. ފޯކަސް ކުރަމާ މި ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރަން....." ޚުޝަލް އެއްބަސްވިއެވެ.
"ޚުޝަލްއާއިހެދި މިރެލް ގެއްލުނީ..."
"ޖިންނި ކަމެއް އެއީ.."ނަބީލާ ލޯ އަޅައިލިއެވެ.
"މަންމަގެ ބޮލުތެރޭގައި ޖިންނި އުޅެނީ..."
"މާޒިމް.....މާ މައްޗަށް ތިދަނީ..މަންމައަށް އިހުތިރާމް ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭގޭތަ؟ހަމަ މިހާރު މާފަށް އެދޭ.................." ނާޝިދުގެ ނުރުހުމުގެ ޖުމްލައިން އޭނައަށް އިސްޖަހައިލަން މަޖުބޫރުވިއެވެ. ޚުޝަލްއާއި ކެނާންގެ މޫނުމަތިންވެސް ފެނުނީ ނުރުހުމުގެ ކުލަވަރެވެ.
"ސޮރީ...."މާޒިމްގެ ބުމަ ކައިރިވިއެވެ. އެންމެންގެ ކުރިމަތީގައި ބައްޕަގެ ގަދަރު ކުޑަވާގޮތަށް ޖަދަލުކުރާކަށް ނުކެރުނެވެ. އުރުޖުވާންގެ މޫނު ރަތްވިއެވެ. އޭނަ މިހާ ލޯބިވާ އިންސާނެއްގެ މިޒާޖުގައި މިހުންނަ އުނި ސިފަތައް ރަގަޅުކުރަން އޭނަވެސްވަނީ ނުކުޅެދިފައެވެ. އެކަމަކު އެހާ ފުރިހަމައީ ކޮން އިންސާނެއްހެއްޔެވެ؟
އުރްޖުވާން އެ އަރައިރުންވުމާއި ދުރަށް ދާންވެގެން މިސްރާބު ޖެހީ މަދީނާއޮތް ސޯފާއާއި ދިމާލަށެވެ. އޭނަގެ ހޭވެރިކަން ކޮންމެވެސް ވަރަކަށް ހުއްޓެވެ. ނޭވާ ލާން އުނދަގޫވެފައެވެ. ނިތްކުރި ހޫނުވެފައެވެ. މެހެކް ތެތް ފޮތިކޮޅެއް ނިތްމަތީގައި ބާއްވައިގެން ހޭހަން ކުރަން އިނެވެ. މާޒިމްގެ އުރްޖުވާންގެ ކޮނޑުގައި އަތް ޖައްސާ ބާރުކޮށްލިއެވެ.
" މިރެލް ނީޑްސް އަސް....އަވާ ފެމިލީ ފަސްޓް"
އުރްޖުވާން ގެ ފިޔަވަޅުތައް ހުއްޓުނެވެ. މާޒިމްގެ އަޑަށް އައި ބަދަލަކީ ހަމައެކަނި ރައްކާތެރިކަން ދިނުމަކަށް ނޫނެވެ. އެއަށްވުރެ ބޮޑު މާނައެއް އޮތް ކަހަލައެވެ. އިންޒާރެއްގެ ގޮތުގައެވެ. ހީވާގޮތުން އެ ލަފުޒުތައް އިއްވަން ބޭނުންވީ ކެނާންއަށެވެ. އޭނާގެ ބަސްތައް އަޑުއިވުނީ ހިމޭން ހަމަލައެއްގެ ގޮތުގައެވެ. އުރްޖުވާންއަކަށް ނޫނެވެ.
މަދީނާ އޭނާގެ އަތްތިލަ މަޑުމަޑުން އުފުލައިލީ މީހަކު ހުއްޓުވަން އުޅޭފަދަ ގޮތަކަށެވެ. އޭނަ ކިޔާ އެއްޗެއް އެއްވެސް މީހަކަށް ސާފެއްނުވިއެވެ. ލޯ ނުހުޅުވާ ނަމަވެސް ކަޅި ހިނގަމުން ދާކަން ފެނެއެވެ. އޭނަ އޮތީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި ކަމަށް ވެދާނެއެވެ.
"އާ ޔޫ އޯކޭ ސްވީޓްހާޓް؟" ހުޝަލް އޭނަގެ އަތުގައި ފިރުމައިލިއެވެ.
" މިރެލް ގެއްލުނީ ކަމަށް ހީކޮށް ކޮއްކޮ ޝޮކަކަށް ދިޔައީ ކަންނޭނގެ..." ޚުޝަލްއަށް ހީވިގޮތް ބުނެލިއެވެ. "މިއީ ކާކު ދިން އެއްޗެއް..ޕްރިޓީ.....މެހެކް...މިއީ ކާކު ޑިޒައިން ކުރި އެއްޗެއް؟ ތަފާތު.. ޔުނީކް....."
"އާނ....ޑަޒްލިން...."މެހެކްވެސް އެއްބަސްވިއެވެ.
މީކާއިލްއަށްވެސް ބަލައިލެވުނީ އެ ނާޒުކް އިނގިލީގައި އޮތް އަނގޮޓިއަށެވެ. މެގްނޯލިއާ މަލެއްގެ ސިފައިގާ ހުދު ރަނުންވާ އަނގޮޓިއެކެވެ. މެދުގައި ހުރި ކަނޑު ނޫކުލައިގެ ޖަވާހިރުވެސް ދަޅަ އަރައެވެ. މަލުގެ ފަތްތައް މަޑުމަޑުން އަލިގަދަވާހެންވެސް ހީވިއެވެ. މުތުން ކަނޑައި ހަދާފައިވާ ގޮތުން އެއީ އާދައިގެ އަނގޮޓިއެއް ނޫންކަން ދެނެގަނެވުނެވެ. މަދީނާ އަކީ އެހާ ގަހަނާ އަޅާ ކުއްޖަކަށް ނުވާތީ މިކާއިލްއަށް އުނދަގޫ އިހުސާސްތަކެއް ކުރެވުނެވެ.
އޭނަ ފުރުމުގެ ކުރީން ހަދިޔާއަކަށް ދިން އަނގޮޓި ނާޅަން ދެއްކި ބަހަނާއަކީ ހުދު ރަން ކަމުނުދާކަމެވެ. ބައެއް ފަހަރު މާ އަލި ގަދަ އަދި ޖަރީކޮށްފައިވާ ގަހަނާ ތައް ދެކެ ފޫހިވާކަމުގައި ބުނެފައިވިއެވެ. ޒީނަތްތެރިވާންވެސް އަނގޮޓި އަޅަން ބޭނުންވާ ކުއްޖެއް ނޫނެވެ. އޭނަ ކަޅިޖަހައިލަން ނޭގިފައި އެއަށް ބަލަން ހުރެވުނެވެ. ބޭނުނުވިޔަސް އެހެން ކަހަލަ ޚިޔާލެއް އޭނާގެ ސިކުނޑީގެ ފަހަތުގައި ކަނި ޖަހައިލިއެވެ. މި އަނގޮޓި ލިބުނީ ކޮންތާކުން ހެއްޔެވެ؟ އަދި އެއަށްވުރެ މުހިންމު ސުވާލަކީ، މިއީ ކާކު ދިން އެއްޗެއް ހެއްޔެވެ؟
ދެން އައީ ކުށްވެރިވުމުގެ އިހުސާސެވެ.
އޭނާ ބޯ ހޫރައިލީ އަމިއްލަ ނަފްސަށް ފާޑުކިޔަމުންނެވެ. ނުބައި ޚިޔާލު ނުކުރަން ޟަމީރު ހަރުކަށިގޮތަކަށް އިންޒާރު ދިނެވެ.
މަދީނާއާއިމެދު ޝައްކުކުރަން ހިތުގައި ޖާގައެއް ނެތެވެ.
އަނެއްކާވެސް މަދީނާ މަޑު އަޑަކުން ވާހަކަ ދެއްކިއެވެ. ގަދަ ވިލާގަނޑެއްގެ ތެރޭގައި ލާ ނޭވާއެކޭ ތަފާތެއްނެތެވެ. ބުނި އެއްޗެއް ކަނުލާ އަޑުއަހައިގެންވެސް އެނގޭ ވަރެއް ނޫނެވެ.
"އަހަރެން ދޫކޮށްނުލާ... އަހަރެން ދޫކޮށްނުލާ.....ޕްލީޒް...އައި...އައި.." އިރުކޮޅެއްފަހުން މަދީނާގެ އަޑު ތަންކޮޅެއް ސާފުވިއެވެ.
ކަރުނައިން ތެމިފައިވާ ކޯތާފަތް، އެސްފިޔަ ޖަހައިލާގޮތް އަދި ތުރުތުރުއަޅާ ތުންފަތް ފެނުމުން މީކާއިލްގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. ސަބަބެއް ނޭނގެއެވެ. ބަޔާން ކުރުން ފަސޭހައެއް ނޫނެވެ. ނަމަވެސް އޭނަ ކުރިން ދަންނަ މަދީނާ ނޫންކަން އިހުސާސްކުރެވުނެވެ. އޭނާއާމެދު ޝައްކުކުރާކަށްވެސް ހިތް ބޭނުމެއް ނުވިއެވެ. މެހެކް މީކާއިލް ގެ އަތުގައި ހިފައިލިއެވެ.
" ޝީ ވިލް ބީ ފައިން....ހޭ އަރަމުން ދާތީ އެ ގޮތަށް ވާހކަ އެ ދެއްކެނީ...."
"އިޒް ދެޓް ދަ ރިންގް ޔޫ ގޭވް ހާ؟ހާދަ ރީއްޗޭ. މާޝާﷲ............" މެހެކް އޭނަގެ ނުތަނަވަސްކަން ފިލުވައިލުމަށް އަހާލިއެވެ. އޭނަ ދިނީ ލުއި ހިނިތުންވުމެކެވެ. މިވަގުތުގައި ބޭނުންވަނީ މަދީނާ އަވަހަށް ހޭ އެރުމަށެވެ. މެހެކް ކުރި ސުވާލުން އޭނާ އަށް އުނދަގޫ ވިނަމަވެސް އެކަމާ ނުވިސްނާން ނަފްސަށް ވިސްނައިދިނެވެ.
މިރެލް ލޯ ބޮޑުކޮށްލަމުން އުރުޖުވާން ގެ ގައިގައި ކޮށްޓާލިއެވެ. މާޒިމްއާއެކު ކޮޓަރިއަށް ދާން ހިނގައިގަތުމުން އޭނަ އަތުން ވީއްލިގަނެގެން ތިރިއަށް ދާން މަސައްކަތްކުރިއެވެ. ކާމިޔާބު ނުވުމުން ކަންފަތް ފަޅައިގެންދާހާ ބާރަށް ރޮއިގަތެވެ.
"އާންޓް ބޭނުން...އާންޓް ކައިރިޔަށް ދާން ބޭނުން..."
އުރުޖުވާން އަށް ދަރިފުޅުގެ ރުއިމުގެ އަޑު އަހަން ކެތެއްނުކުރެވުނެވެ.
"އާންޓް ނީޑްސް ރެސްޓް. ޝީ އިޒް ސްލީޕިން ދަރިފުޅު.."މާޒިމް މިރެލްގެ އިސްތަށިގަނޑު ނިތްކުރިން ދުރުކޮށްލިއެވެ.
މިރެލް ގެ ރުއިން އިތުރުވުން ނޫންކަމެއް ނުވިއެވެ. މާޒިމް އެންމެން ފަހުން ގޮތް ހުސްވެ ހަތިޔާރު ބެހެއްޓިއެވެ. މަދީނާ ޚަބަރުހުސްވެފައި އޮވެވެސް ގޮވަމުން ދަނީ ވެސް މިރެލް އަށް ހެއްޔެވެ؟
ކުއްލިއަކަށް، އެއްވެސް އިންޒާރެއް ނެތި، މިރެލް އޭނާގެ އަތުން ވީއްލިގަތް ގޮތަށް ދުވެފައި ގޮސް މަދީނާގެ ގައިގައި ބައްދައިގަތެވެ. އަދި ކަންފަތް ކައިރީގައި މަޑު ތުންފަތް ތަޅުވައިލިތަން ފެނުނެވެ. އެހެން އެކަކަށްވެސް އެބުނި އެއްޗެއް ސާފެއްނުވިއެވެ. ނަމަވެސް މަދީނާ ގެ ލޯ ހުޅުވިއިރު ކަޅިވެސް ހުރީ ހުއްޓިފައި ކަހަލަ ގޮތަކަށެވެ.
" އުވެއިސް އިޒް ގޯން...."
މަދީނާގެ ކަންފަތަށް އެ އަޑު އިވުނީ ހޮނުގުގުގުރިއެއް ހެންނެވެ.
"ނޫން...ނޯ.....ހީ ކާންޓް ލިވް މީ....." މަދީނާ ހަޅޭކާއެކު ތެދުވެ އެނދުމަތީގައި އިށީނެވެ. ބާރަށް ރޮމުންނެވެ.
"އިޓްސް އޯލް އަ ބޭޑް ޑްރީމް އާންޓް....އިޓްސް ޖަސްޓް އަ ނައިޓްމެއާ....." މިރެލް މައުސޫމްކަމާއެކު ބުނެލިއިރު ލޮލުގައި ވިދަމުން ދިޔައީ ބޮޑެތި ކަރުނަ ތިކިތަކެވެ.
ނުނިމޭ