އޭރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ތިއްބެވި އިސް ބޭފުޅުން އެމަނިކުފާނު ދޫކުރައްވައި ދިޔަ ނަމަވެސް ހީފުޅުކުރެއްވީ ކޮއްކޯފުޅު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ދެގޮތެއް ނުވެ އެކުގައި ހުންނަވާނެކަމަށް ކަމަށާއި، ނަމަވެސް އޭނާ ކަންތައްކުރެއްވި ގޮތުން 'ދެރަވާ' ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ޔާމީން އެފަދައިން ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައެވެ.
އާއްމުގޮތެއްގައި އެ ޖަލްސާގައި ކޮންމެ ރެއަކު ވެސް މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައެވެ.
އެގޮތުން ޖަލްސާގައި ރޭ ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރެސް ކޮންފަރެންސެއްގެ ވީޑިއޯއެއް އަޅުވައިފައެވެ. އެއީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޕްރެސްއެކެވެ.
އެ ޕްރެސްގައި ޣައްސާންގެ އިތުރުން ޔާމީނާ އެންމެ އަރިސްކޮށް ކުރިން ހުންނެވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އެ ޕާޓީގެ ސެނެޓު މެންބަރުން ވަނީ އެ އެންމެން 'ތިއްބަވާނީ މިއަދު ވެސް އަދި މާދަމާ ވެސް ރައީސް ޔާމީނާއެކު' ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރަންޓް އޮފީސް ޖަލްސާ -- ފޮޓޯ/ މޫސާ ނަދީމް
އެ ވީޑިއޯއާ ގުޅިގެން ޔާމީން ވިދާޅުވީ އެ ވީޑިއޯގައި އެންމެ ހިތްހަމަނުޖެހި ދެރަވާ އެއް ކަމަކީ އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ މިހާރު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކައިން ކަމަށެވެ.
ޣައްސާން އެ ދުވަހު ވިދާޅުވީ ޔާމީން ދެއްކެވި މަގަކުން ނޫނިއްޔާ އޭނާ ހިނގަން ގަސްތު ނުކުރައްވާ ކަމަށެވެ.
"މީގަ އެ ބޭފުޅުން އެ ދެއްކެވި ވާހަކައިގައި އަޅުގަނޑު އެންމެ ބޮޑަށް ހިތްހަމަނުޖެހެނީ، އެންމެ ދެރަވަނީ ޣައްސާން މައުމޫނު ދެއްކި ވާހަކައާ. އަޅުގަނޑު ގަބޫލުކުރިން އެއީ ހަމަ އެއްވެސް ކަހަލަ ކޮންޑިޝަނެއް ނެތި އަޅުގަނޑާއެކީ ހުރި މީހެއް ކަމަށް. ގާތްތިމާގެ ކަމުގެ ލޭގެ އިތުރަށް ވަރަށް ޑެޑިކޭޓެޑް، ވަރަށް ޑިވޯޓެޑް،" ޣައްސާންގެ ބޮޑުބޭބޭފުޅު ޔާމީން، ވިދާޅުވިއެވެ.
ޣައްސާނަކީ ޔާމީންގެ އެއްބަފާ ބޭބޭފުޅު, އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެންމެ ހަގު ދަރިކަލުންނަށްވާއިރު ޔާމީންގެ ވެރިކަމުގައި ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި މައުމޫން, އުމުރުފުޅުން އަށްޑިހަ އަހަރުން މަތިވެފައި ވަނިކޮށް ޖަލަށް ލެއްވުމުން ވެސް ޣައްސާން ހުންނެވީ ޔާމީނާއެކުއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ހީފުޅުކުރެއްވީ ޣައްސާނަކީ ދެގޮތެއް ނުވެ، އެމަނިކުފާނުގެ އަރިހުގައި ހުންނަވާނެ ބޭފުޅެއްކަމަށެވެ. އެގޮތުން އެމަނިކުފާނާއެކު އަބަދުވެސް ހުންނަވާނެ ކަމަށް އެވަރުގެ ވަރުގަދަ ވާހަކައެއް ރައްޔިތުންގެ ކުރިމަތީ ދައްކަވާފައި މިއަދު ޑިފެންސް މިނިސްޓަރު ކަމުގެ މާގާމުގައި ހުންނެވުމުން ރައްޔިތުން އިތުބާރެއް ނުކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން، ޣައްސާނަށް ވުރެ ދުރުން އެހެންނަމަވެސް އަޅުގަނޑު ވަރަށް ޑިސަޕޮއިންޓްވޭ އާދަމް ޝަރީފް މިވާހަކަ މިގޮތަށް ދެއްކީމަ. އާދަމް ޝަރީފަކީ އުފެދިގެން އައިސް ޑިފެންސް މިނިސްޓަރުކަމާއި މިފަދަ ހުރިހާ ކަމެއް ކޮށްދިނީ އަޅުގަނޑު،" ޔާމީން ވިދާޅުވިއެވެ.
ނަމަވެސް އަބްދުއްރަހީމާއި ޝިޔާމް މިއަދު ޔާމީނާ ބެހޭގޮތުން އެކިއެކި ވާހަކަ ދެއްކެވި ނަމަވެސް އެ މަނިކުފާނު އެކަމާ ދެރައެއް ނުވާ ކަމަށް ވިދާޅުވިއެވެ.
"އަބްދުއްރަހީމަކީ ސިޔާސީ މީހެއް. އެމްޕީ ޝިޔާމަކީ ވެސް ސިޔާސީ މީހެއް. އެވާހަކަ ދެއްކީމަ އަޅުގަނޑުގެ އެހާ ހާޓްއެއް ނެތް އެއަކު. އެކަމަކު ޣައްސާން އެ ކުރެއްވި ކަމަކީ ގަބޫލުކުރެވޭ ކަމެއް ނޫން،" ޔާމީން އިތުރަށް ވިދާޅުވިއެވެ.

ޔާމީނަކީ މައުމޫންގެ ދިގު ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރެއްވެވި ބޭފުޅެކެވެ. އެހެންނަމަވެސް، ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު، އެ ސަރުކާރުގެ ވަކި ހިސާބަކުން މައުމޫނާއި ދެ ބޭފުޅުންގެ ގުޅުން ގޯސްވިއެވެ. އޭގެ ފަހުން ޔާމީންގެ ވެރިކަމުގައި ދިގުމުއްދަތަކަށް މައުމޫން ޖަލަށް ވެސް ލެއްވިއެވެ. މައުމޫން ފަހުން 2018 ވަނަ އަހަރުގެ އިންތިޚާބުގައި މަސައްކަތްކުރެއްވީ އެމްޑީޕީއާ އެކުގައެވެ. އޭގެ ފަހުން ދެ ބޭފުޅުން އެކުގައި ފެނިފައެއް ނުވެއެވެ. މައުމޫން މިހާރު ސިޔާސީ މަސައްކަތުގައި ވެސް އެހާ އެކްޓިވްކޮށް ނޫޅުއްވައެވެ. އެ މަނިކުފާން ފަހުން އުފެއްދެވި ސިޔާސީ ޕާޓީ, އެމްއާރުއެމް ވެސް ވަނީ ގާނޫނީ އަދަދު ހަމަ ނުވެގެން އުވާލައިފައެވެ.