ކައުންސިލެއްގެ ދައުރުގައި ބާކީ އޮތީ 18 މަސް ނުވަތަ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް ނަމަ, ކައުންސިލްތަކުގެ ބައި-އިލެކްޝަން ނުބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އެ އިސްލާހު ގެނައުމަށް ނިންމީ، ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހެވެ. އެ ބިލުގެ މަސައްކަތް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމީ އޭގެ ޖެހިގެން އައި ދުވަހު ދަންވަރު 12:30ގައެވެ.
އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާ އެކު އެ ބިލް ފާސްކުރީއެވެ. އެ ބިލާ ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.
މިއަދު ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާއެކު ގެޒެޓުގައި ޝާއިއުކޮށް، އަމަލުކުރަން ވަނީ ފަށައިފައެވެ.

ލާމަރުކަޒީ ގާނޫނަސް ގެނައި އިސްލާހު ރައީސް ވަނީ ތަސްދީގު ކުރައްވައިފައި: އިންތިޚާބަށް އޮތީ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް ނަމަ، ކައުންސިލް ބައި-އިލެކްޝަން ނުބާއްވާ ގޮތަށް އެ އިސްލާހުގައިވޭ -- ފޮޓޯ: ރައީސް އޮފީސް
އެ އިސްލާހުގައިވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ. ކުރިން އޮތް ގޮތުން، ދައުރުގައި ބާކީ އަހަރަކަށް ވުރެ ގިނަ ދުވަސް ނުވަތަ 345އަށް ވުރެ ގިނަ ދުވަސް އޮތް ނަމަ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ގޮތުން، ޚަރަދު ކުޑަކުރާކަމަށް ސަރުކާރުން ބުނާއިރު ކައުންސިލްތައް ބާރުވެރިކުރުވުމުގެ ނަމުގައި ލޯކަލް ގަވަމަންޓް މިނިސްޓްރީއެއް އުފައްދައި އެތައް ސިޔާސީ މުވައްޒަފުންނެއް ލައްވާފައިވާ ކަމަށް އެމްޑީޕީ މެންބަރުން ފާހަގަކުރިއެވެ. އެހެންވެ، ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް ޚަރަދު ކުޑަކުރަން އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ އަހަރު މޭ މަހަށް ހަމަވާނެއެވެ.
މި ސަރުކާރުން އަންނަނީ ލާމަރުކަޒީ ނިޒާމަށް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ރައީސްވަނީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމަވައި، ކައުންސިލަރުންގެ އަދަދު މަދުކުރަން ވެސް ނިންމަވައިފައެވެ. އެ ބަދަލުތައް ގެންނަން މެންބަރުންގެ އެއްބާރުލެއްވުމަށް ރައީސް މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.