ސުޕްރީމް ކޯޓުގެ ބާރު ކެނޑި ސިޔާސީ ނުފޫޒު އެ ކޯޓަށް ވަދެފައިވާކަމަށް ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް ރިޓަޔަމަންޓަށް އެދިވަޑައިގެންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޓަޔަކުރެއްވުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާމެދު ސުވާލު އުފެދިއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު، ވަރަށް އަވަހަށް ރިޓަޔާވެވަޑައިގަންނަވާނެކަމަށް ދޭހަވާ މޭރުމަކުން އުއްތަމަ ފަނޑިޔާރު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
އޭގެ ފަހުން ސަރުކާރުގެ ނުފޫޒު ސުޕްރީމް ކޯޓަށް ފޯރުވާކަމާއި ތިން ފަނޑިޔާރުން ކުއްލިއަކަށް ސަސްޕެންޑް ކުރުމުން އުއްތަމަ ފަނޑިޔާރު ހުންނެވީ "ހަނު" ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އޭގެ ފަހުން "ސަން"އަށް އެނގުނު ގޮތުގައި، ރިޓަޔާކުރައްވަން އެދިވަޑައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެ މަނިކުފާނު ވަނީ މި މަހުގެ އަށްވަނަ ދުވަހު ސިޓީފުޅެއް ހުށަހަޅުއްވައިފައެވެ.
އުއްތަަމަ ފަނޑިޔާރު ރިޓަޔާކުރައްވަން ހުށަހެޅުމާއެކު، އެކަމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން "ސަން"އިން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާ ޙުސައިނާ ސުވާލުކުރުމުން އެކަމުގައި ސީދާ ވަކި ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ސަންގެ ސުވާލު: "އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމެންޓާމެދު ގޮތެއް ނިންމެވީތޯ؟ ކިހިނެއްތޯ އެ ޕްރޮސެސް ކުރިއަށްދަނީ؟"
ނަދާގެ ޖަވާބު: "ފަނޑިޔާރަކު ރިޓަޔަމެންޓަށް އެދި ހުށަހެޅުމުން ފަނޑިޔާރުންގެ ރިޓަޔަމަންޓް ގަވައިދަށް ބެލުމަށްފަހު ކޮމިޝަނުން އެ ކަމާ ގުޅޭގޮތުން ގޮތެއް ނިންމާނެ. އެއްވެސް ފަނޑިޔާރަކު ރިޓަޔާ ކޮށްދިނުމަށް ކޮމިޝަނުން ނިންމައިފި ނަމަ އެ ކަން ކޮމިޝަނުން އާންމުކުރާނެ،"
ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތް ކަމަށްވާ, އުއްތަމަ ފަނޑިޔާރު، ރިޓަޔާވެވަޑައިގަންނަވަން ބޭނުންފުޅުވެގެން ސިޓީފުޅެއް ޖޭއެސްސީއަށް ފޮނުއްވިތާ ދެ ހަފުތާއެއްހައި ދުވަސްވީއިރު، އަދި އެކަމުގައި ޖޭއެސްސީން ވަކި ގޮތެއް ނިންމާ އާންމު ކޮށްފައެއް ނުވެއެވެ.
އެހެންކަމުން މި ޖަވާބުން ދޭހަވި ގޮތުގައި، އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓާމެދު އަދި ޖޭއެސްސީން އޮތީ ގޮތެއް ނުނިންމައެެވެ. ނަދާގެ ޖަވާބުގެ މާނައަކީ އެއީތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކުރިން ދިން ޖަވާބަކީ އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓާ ބެހޭ ގޮތުން ދެއްވި ޖަވާބެއް ނޫން ކަމަށެވެ.
އެެހެންވެ ސީދާ އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓުގެ މައްސަލައިގައި ޖަވާބެއް ދެއްވަން އެދުމުން، ވަކި ޖަވާބެއް އަދި ނުދެއްވައެވެ.
ފަނޑިޔާރުން ރިޓަޔާމަންޓްގެ އުސޫލުގައި, ފަނޑިޔާރަކު ރިޓަޔާމަންޓަށް ހުށަހެޅުމުން ވަކި މުއްދަތެއްގެ ތެރޭގައި އެކަމާމެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނެފައެއް ނުވެއެވެ.

މޯލްޑިވްސް 2.0 ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ހިމެނޭހެން އެހެން ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް
ރިޓަޔާކުރައްވަން ހުށަހެޅުއްވިފަހުން ވެސް އުއްތަމަ ފަނޑިޔާރު ވަނީ ދައުލަތުގެ ރަސްމީ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންފައެވެ. އޭގެ ތެރޭގައި މި ފަހުން ސަރުކާރުން ބޭއްވި މޯލްޑިވްސް 2.0 ސަމިޓު ފެށުމާއި ނިންމުމުގެ ރަސްމިއްޔާތު ހިމެނެއެވެ.
ކުއްލި ގޮތަކަށް އުއްތަމަ ފަނޑިޔާރު ރިޓަޔާވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވި ފަހުން މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އެ ތިން ބޭފުޅުން ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ.
ހުސްނުއްސުއޫދާއި އަޒްމިރަލްދާ ވެސް ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލަ ހުއްޓުވަން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
ޖޭއެސްސީން މައްސަލަ ބަލަނިކޮށް ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވީއެވެ. މަހާޒާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލައި ޖޭއެސްސީން ނިންމީ ދެ ފަނޑިޔާރުން ވަކިކުރުމަށެވެ. ޖޭއެސްސީގެ ނިންމުން ނިންމުމުގެ ކުރީންނާއި، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މައްސަލަ ބަލައި، ފަނޑިޔާރުން ވަކިކުރަން ތަޅުމަށް ފޮނުވީ ވެސް އެ ދެ ފަނޑިޔާރުން ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތަކަށް އެދިއެދިވަނިކޮށް އެ ކަމަށް އެއްވެސް އިޖާބައެއް ދިނުމެއްނެތިއެވެ.
ބައިނަލްއަގްވާމީ ދުނިޔެއިން، އެތައް ޖަމިއްޔާއަކުން ވަނީ ސުޕްރީމް ކޯޓަށް މެދުވެރިވި ހާލަތާއި، ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީން އަމަލުކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެެވެ. ނަމަވެސް އެއިން އެއްވެސް ކަންބޮޑުވުމަކަށް، ނުވަަތަ ތުހުމަތަކަށް، ޖޭއެސްސީން ޖަވާބުދާރީވެފައެއް ނުވެއެވެ.
މި ހުރިހާ ކަމެއް ހިނގައިިދިޔައިރު ރާއްޖޭގެ އަދުލުއިންސާފުގެ ބާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އުއްތަމަ ފަނޑިޔާރު އެއްވެސް ބަސްފުޅެއް ވިދާޅުނުވެއެވެ. އަދި ސުޕްރީމް ކޯޓާއި، އަދުލު އިންސާފުގެ ބާރުގެ މިނިވަންކަމާމެދު ކުރެވުނު ތުހުމަތުތަކަށް ވެސް އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެެ.
އެކަމާ ގުޅިގެން ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވެސް ހިމެނޭ ގޮތަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އުއްތަމަ ފަނޑިޔާރަށް އަމާޒުވެފައެވެ.
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް, ހުސައިން ޝަމީމް ކުރިން ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރަކީ ދައުލަތުގެ ތިންވަނަ ބާރުގެ ހައިސިއްޔަތުން ޖުޑީޝަރީގެ އެންމެ އިސް މީހާ ކަމަށްވާއިރު ޤާނޫނުއަސާސީއިން ތަޞައްވަރު ކުރި ގޮތަށް ޖުޑީޝަރީގެ ކަންކަން ހިނގާކަން ކަށަވަރުކުރުމަކީ އުއްތަމަފަނޑިޔާރުގެ ޒިންމާއެކެވެ. އެ ނޫން ގޮތަކަށް ކަންކަން ދާނަމަ، އެކަމެއް، ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ އެ މަނިކުފާނު ކުރައްވަންޖެހޭ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވި ގޮތުގައި މިއަދު ރާއްޖޭގެ ކަންކަން މި އޮތީ އޮންނަން ޖެހޭ ގޮތާ އިދިކޮޅަށެވެ. ބާ ކައުންސިލާއި ނޫސްވެރިން ހިމެނޭހެން، ކިރިޔާ ވެސް މިނިވަންކަމާ އެކު ބަހެއް ބުނެވެން އޮތް ބަޔަކު، ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒޮ ފޯރުވާ ވާހަކަދައްކާއިރު، އުއްތަމަފަނޑިޔާރު ބަސްފުޅެއް ވިދާޅުނުވެ ހުންނެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.
"ނުފޫޒު ނުފޯރާނަމަ، ނުފޯރާކަމަށް ވެސް ވިދާޅުވާންވާނެ. އެހެން ނޫނީ ރައްޔިތުންނަކަށް ޔަޤީންކަމާ އެކު މިވެގެން އުޅޭގޮތެއް ސާފެއް ނުވާނެ. ރައްޔިތުންނަށް މި ކަންތައް އޮތް ހިސާބު ސާފުކޮށްދިނުމުގެ ޒިންމާއެއް އުއްތަމަފަނޑިޔާރަށް އެބައޮތް. އެ ޒިންމާ އޭނާ އަދާކުރައްވަން ޖެހޭ. މިހާރު މި ހިނގާ ކަންކަމަކީ ނުފޫޒެއް ނޫންނަމަ، އެހެން ވެސް ބުނަންޖެހޭ،" ޝަމީމް ވިދާޅުވިއެވެ.
ކުރީގެ އުއްތަމަފަނޑިޔާރު، ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވާ ގޮތުގައި އަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކުރުމަކީ، ޝަރުއީ ދާއިރާގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ދުސްތޫރީ އަދި އަސާސީ އެއް މަސްއޫލިއްޔަތެވެ. އިސްތިޤްރާރުވެފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށް، ދައުލަތުގެ އެހެން ބާރުތަކުންނާއި އިދާރާތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ ކޯޓުގައި މިފަހުން ތާވަލުކުރެވި ހިނގަމުންދިޔަ ދުސްތޫރީ އަދި ޢާންމު މަޞްލަޙަތުގެ މައްސަލާގައި ފައިޞަލާކުރުވަނިވި ޙުކުމަކަށް ވާޞިލުވުމަށް ހުރަސް އެޅުމުގެ ނުބައި ނިޔަތުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް ބޭއިންޞާފުން މަޤާމުން ވަކިކުރެވިގެން ދާއިރު، އެ ފަނޑިޔާރުންގެ ޙިމާޔަތުގައި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި މުޅި ޤަޟާއީ ނިޒާމުގެ ދިފާޢުގައި އަޑު އުފުލައި މުޚާޠަބުކުރަންޖެހޭ ފަރާތްތަކަށް މުޚާޠަބުކުރުމަކީ އުއްތަމަފަނޑިޔާރުގެ ޤާނޫނީ އަދި އަޚްލާޤީ ވާޖިބެއް ކަމުގައި ވާއިރު، އެ ވާޖިބު އަދާކޮށްފައިނުވާ ކަމަށް އަބްދުالله ދީދީ ވިދާޅުވިއެވެ.